ENGLISH

13 ޑިސެމްބަރު 2025

Advertisement

ދުވާފަރުގައި ސްޕޯޓްސް ކޮމްޕްލެކްސްއެއް އިމާރާތްކުރަން ޙަވާލުކޮށްފި

13 ޑިސެމްބަރު 2025

|

ޢަލީ ޝަހީމް

ދުވާފަރުގައި ސްޕޯޓްސް ކޮމްޕްލެކްސް ޤާއިމުކުރުމުގެ މަސައްކަތް ޙަވާލުކުރުން. ފޮޓޯ: ރައީސް އޮފީސް

ގިނަ ކުޅިވަރުތަކެއް ކުޅެވޭ ގޮތަށް ރާއްޖޭގެ އެކި ރަށްރަށުގައި ސަރުކާރުން ޤާއިމުކުރަން ފަށާފައިވާ ސްޕޯޓްސް ކޮމްޕްލެކްސް ރ. ދުވާފަރުގައި އިމާރާތްކުރަން މިއަދު ޙަވާލުކޮށްފިއެވެ. 

ދުވާފަރުގައި ސްޕޯޓްސް ކޮމްޕްލެކްސް އިމާރާތްކުރުމުގެ މަސައްކަތް ޙަވާލުކުރީ މޯލްޑިވްސް އެއަޕޯޓްސް ކޮމްޕެނީ ލިމިޑެޓް (އެމްއޭސީއެލް) އާ އެވެ. އެކަމަށްޓަކައި މިއަދު ދުވާފަރުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ. 

ރަސްމިއްޔާތުގައި ދުވާފަރު ސްޕޯޓްސް ކޮމްޕްލެކްސް ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ވަޒީރު ޢަބްދުﷲ ރާފިޢުއާއި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދެވެ.

ދުވާފަރުގައި އިމާރާތްކުރާ ސްޕޯޓްސް ކޮމްޕްލެކްސްގައި ހޭންޑްބޯޅައާއި ނެޓްބޯޅަ ފަދަ ކުޅިވަރުތަކުގެ އިތުރުން އެހެނިހެން ކުޅިވަރުތައް ކުޅެވޭނެއެވެ. ސްޕޯޓްސް ކޮމްޕްލެކްސް އަޅާނީ ސަޕޯޓަރުންނަށް ވެސް ވަދެ ތަރުޙީބު ދެވޭނެ ގޮތަށެވެ. 

ސަރުކާރުން އަންނަނީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މިފަދަ ސްޕޯޓްސް ކޮމްޕްލެކްސްތައް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ބޮޑެތި ރަށްރަށާއި ކުޅިވަރުގައި ފާހަގަކޮށްލެވޭ ރަށްރަށުގައި ސްޕޯޓްސް ކޮމްޕްލެކްސް އެޅުމަށް ސަރުކާރުން ވަނީ ނިންމައިފައެވެ. 

ދުވާފަރުގައި ތަރައްޤީކުރާ އައުޓްޑޯ ވޮލީކޯޓުގެ މަސައްކަތް ފެށުން. ފޮޓޯ: ރައީސް އޮފީސް

ދުވާފަރުގައި ސްޕޯޓްސް ކޮމްޕްލެކްސްއެއް އިމާރާތްކުރުމުގެ އިތުރުން އެރަށުގައި އައުޓްޑޯ ވޮލީކޯޓެއް އެޅުމުގެ ޢަމަލީ މަސައްކަތް ވެސް މިއަދު ވަނީ ފަށައިފައެވެ. 

އައުޓްޑޯ ވޮލީކޯޓުގެ މަސައްކަތް ކުރަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިންނެވެ. އެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ ވަޒީރު ޑރ. ޢަބްދުﷲ ރާފިޢު އާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ސަޢުދީއެވެ. 

ސަރުކާރުން އަންނަނީ ގިނަ ރަށްތަކެއްގައި އައުޓްޑޯ ވޮލީކޯޓުތައް ތަރައްޤީކުރަމުންނެވެ. އަދި، ފުޓްބޯޅަ ދަނޑުތަކާއި ފުޓްސަލް ދަނޑުތައް ތަރައްޤީކުރުމުގެ ގިނަ މަޝްރޫޢުތަކެއް ވެސް އެއްފަހަރާ އަންނަނީ ހިންގަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު