ENGLISH
13 ޑިސެމްބަރު 2025
ޚާއްޞަ ޚިދުމަތްތަކާއެކު ދުވާފަރު ޞިއްޙީ މަރުކަޒުގެ އާ އިމާރާތް ހުޅުވައިފި
13 ޑިސެމްބަރު 2025
|
ދުވާފަރު ޞިއްޙީ މަރުކަޒަށް އިތުރުކުރި އާ އިމާރާތުގެ ޚިދުމަތެއް ކުރިއަށްދާގޮތް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވަނީ. ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރ. ދުވާފަރަށް ކުރައްވާ އެއްދުވަހުގެ ދަތުރުފުޅުގައި، ޚާއްޞަ ޚިދުމަތްތަކާއެކު އެރަށު ޞިއްޙީ މަރުކަޒަށް އިތުރުކުރި އިމާރާތް ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.
ދުވާފަރު ޞިއްޙީ މަރުކަޒަށް އިތުރުކުރި އާ އިމާރާތުގައި ކުރިން ނުލިބޭ ގިނަ ޚިދުމަތްތަކެއް ވަނީ ފަށައިފައެވެ. އެގޮތުން، ކުއްލި ޙާލަތުގައި ފަރުވާދިނުމަށް އަވަސް ފަރުވާދޭ އިމެޖެންސީ ރޫމަކާއި، އެކްސްރޭގެ ޚިދުމަތާއި ދަތުގެ ޚާއްޞަ ޑޮކްޓަރުންގެ ޚިދުމަތް ވަނީ ފަށައިފައެވެ. އަދި، އެ އިމާރާތުގައި އަލްޓްރާ ސައުންޑް ސްކޭންގެ ޚިދުމަތް ޤާއިމުކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ދުވާފަރު ޞިއްޙީ މަރުކަޒަށް އިތުރުކުރި އިމާރާތް ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އެތަނުގައި ޤާއިމުކޮށްފައިވާ ޚިދުމަތްތައް ބައްލަވައިލައްވާފައެވެ.
ދުވާފަރު ޞިއްޙީ މަރުކަޒަށް އިތުރުކުރި އާ އިމާރާތް ރައީސް ހުޅުއްވައިދެއްވުން. ފޮޓޯ: ރައީސް އޮފީސް
ޞިއްޙީ ޚިދުމަތް ފުޅާކުރިއިރު އިތުރު ޚިދުމަތްތަކާއެކު އެރަށުގެ ޞިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ ޢަމަލީ މަސައްކަތް ވެސް މިއަދު ވަނީ ފަށައިފައެވެ.
ޞިއްޙީ ޚިދުމަތް ދުވާފަރުގައި ފުޅާކުރުމަށް އިމާރާތްކުރާ ހޮސްޕިޓަލުގެ އާ އިމާރާތުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމް އެވެ.
މަޝްރޫޢު އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ އެ މަސައްކަތް ޙަވާލުކުރީ ހަ މަސްދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އެ މަސައްކަތުގެ އަގަކީ 25.5 މިލިއަން ރުފިޔާ އެވެ.
ދުވާފަރުގައި ތަރައްޤީކުރާ ހޮސްޕިޓަލް އިމާރާތުގައި ޒަމާނީ ވަޞީލަތްތައް ޤާއިމުކުރާނެއެވެ. އެގޮތުން، އޮޕަރޭޝަން ތިއެޓަރ ކޮމްޕްލެކްސްގެ އިތުރުން އައިސީޔޫއާއި ނަރސަސް ސްޓޭޝަނާއެކު އާއްމު ގިނަ ވަޞީލަތްތައް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.
ޞިއްޙީ ޚިދުމަތް މުޅި ރާއްޖޭގައި ފުޅާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. އެގޮތުން، ޞިއްޙީ މަރުކަޒުތައް ތަރައްޤީކުރުމާއި ހޮސްޕިޓަލްތައް އިމާރާތްކުރުމުގެ ގިނަ މަޝްރޫޢުތަކެއް އެއްފަހަރާ ރާއްޖޭގައި އަންނަނީ ހިންގަމުންނެވެ.