ENGLISH
13 ޑިސެމްބަރު 2025
އިޔާދަކުރަނިވި ހަކަތައިގެ "އިރުން ހަކަތަ" މަޝްރޫޢު ދުވާފަރުގައި ފަށައިފި
13 ޑިސެމްބަރު 2025
|
"އިރުން ހަކަތަ" މަޝްރޫޢު ދުވާފަރުގައި ފެށުން. ފޮޓޯ: ރައީސް އޮފީސް
ރ. ދުވާފަރުގައި އިޔާދަކުރަނިވި ހަކަތައިގެ ބޮޑު މަޝްރޫޢެއް ހިންގުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.
"އިރުން ހަކަތަ" ނަމުގައި ދުވާފަރުގައި ކުރިއަށްގެންދާ މަޝްރޫޢު ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
މަޝްރޫޢުގެ މަސައްކަތް ޢަމަލީގޮތުން ފައްޓަވައިދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު އާދަމް ޝަރީފު ޢުމަރެވެ. އެ މަސައްކަތް ކުރުމަށް ޙަވާލުކުރީ މާލެ ވޯޓަރ އެންޑް ސުވަރޭޖް ކޮންޕެނީ (އެމްޑަބްލިއުއެސްސީ) އާ އެވެ.
ދުވާފަރުގައި ފެށި މަޝްރޫޢުގެ އަމާޒަކީ 2026 ވަނަ އަހަރުގެ ނިޔަލަށް އެރަށުން އުފައްދާ ކަރަންޓުގެ 33 އިންސައްތަ އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރުމެވެ.
އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫޢާއެކު އެރަށުގެ ގޭބިސީތަކުގެ ކަރަންޓު ބިލް ކުޑަކުރެވޭނެއެވެ.
މިއަދު ފެށި މަޝްރޫޢާއެކު ގޭބިސީތަކުގައި ސޯލާ ޕެނަލް ޖެހުމުގެ ފުރުޞަތު ވެސް ވަނީ ހުޅުވާލާފައެވެ. އެފުރުޞަތަށް އެދި ހުށަހެޅުމަށް "އިރުން ހަތަކަ" ޕޯޓަލް ވެސް މިއަދު ހުޅުވާލާފައިވެއެވެ.
ރާއްޖޭގެ 33 އިންސައްތަ ހަކަތައަކީ އިއާދަކުރަނިވި ހަކަތައަށް ހެދުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިއަހަރުގެ ޖޫން މަހުގެ ތެރޭގައި ކުޅުދުއްފުށި ސިޓީގެ ފެނުގެ ޚިދުމަތް އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރުމުގެ މަޝްރޫޢެއް ވެސް ވަނީ ފަށައިފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން އެއްދުވަހުގެ ދަތުރުފުޅެއްގައި ދުވާފަރަށް ވަޑައިގެންނެވީ އެރަށުގައި މިއަހަރު ފާހަގަކުރާ 45 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވަޑައިގަންނަވާ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ ދުވާފަރުގައި މިރޭ އޮންނާނެއެވެ.