ENGLISH

15 ޑިސެމްބަރު 2025

Advertisement

އާރުޓީއެލް ބަހުގެ ޚިދުމަތް ދުވާފަރުގައި ފަށައިފި، ރައްޔިތުންނަށް ބޮޑު ފަސޭހައެއް

13 ޑިސެމްބަރު 2025

|

ޢަލީ ޝަހީމް

ދުވާފަރުގައި އާރުޓީއެލް ބަހުގެ ޚިދުމަތް ރައީސް ފައްޓަވައިދެއްވަނީ. ފޮޓޯ: ރައީސް އޮފީސް

އާބާދީގައި 4000 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ ރ. ދުވާފަރުގައި އާރުޓީއެލް ބަހުގެ ޚިދުމަތް ފަށައިފިއެވެ. 

އާރުޓީއެލް ބަހުގެ ޚިދުމަތް ރަސްމީކޮށް ދުވާފަރުގައި ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ. 

ބަހުގެ ޚިދުމަތް ދުވާފަރުގައި ފެށުމާއެކު، އެރަށު ރައްޔިތުންނަށް އެއްގަމު ދަތުރުފަތުރުގައި ބޮޑެތި ލުއިފަސޭހަތައް ލިބިގެންދާނެއެވެ. އަދި އެރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް ވެސް ލުއި ލިބިގެންދާނެއެވެ. 

ދުވާފަރުގައި އާރުޓީއެލް ބަހުގެ ޚިދުމަތް ދެނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިންނެވެ. 

ސަރުކާރުން އަންނަނީ ބޮޑެތި ސިޓީތަކާއި ބަހުގެ ޚިދުމަތް ބޭނުންވާ ބޮޑެތި ރަށްރަށުގައި އާރުޓީއެލް ބަހުގެ ޚިދުމަތް ޤާއިމުކުރަމުންނެވެ. 

ދުވާފަރުގައި އާރުޓީއެލް ބަހުގެ ޚިދުމަތް ފެށުން. މިއީ ރައްޔިތުންނަށް ލިބުނު ބޮޑު ލުއިފަސޭހައެއް. ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ދުވާފަރަށް ކުރައްވާ އެއްދުވަހުގެ ދަތުރުފުޅުގައި އެރަށުގައި ގިނަ މަޝްރޫޢުތަކެއް ފައްޓަވައިދެއްވައި ބައެއް މަޝްރޫޢުތަކުގެ ނިމުން ފާހަގަކުރައްވާނެއެވެ. 

ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅަކީ މިއަހަރު އެރަށުގައި ފާހަގަކުރާ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ކުރައްވާ ދަތުރުފުޅެކެވެ. 

ދުވާފަރުގައި ސަރުކާރުން ވަނީ އެރަށަށް ބޭނުންވާ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ފަށައިފައެވެ. އެގޮތުން، އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ ފިއުލް ސްޓޭޝަން ހުޅުވުމާއި، ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ފަށައި، ހިއްކި ބިމުގައި ފެނާއި ނަރުދަމާ ޤާއިމުކުރުމުގެ މަސައްކަތް ވަނީ ޙަވާލުކޮށްފައެވެ.

ދުވާފަރުގައި 50 ހައުސިން ޔުނިޓް އެޅުމާއި މަގުހެދުމުގެ މަޝްރޫޢު ޙަވާލުކުރުމުގެ އިތުރުން ހޮސްޕިޓަލާއި ފުލުހުންގެ މަރުކަޒު އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ވެސް ފަށާފައިވެއެވެ. އަދި، ދުވާފަރުގައި މިއަދު ވަނީ "އިރުން ހަކަތަ" އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫޢެއް ފަށައިފައެވެ. 

ކުޅިވަރުގެ ދާއިރާއިން ދުވާފަރުގައި ސްޕޯޓްސް ކޮމްޕްލެކްސް ޤާއިމުކުރުމުގެ މަސައްކަތް ޙަވާލުކޮށް ވޮލީ ކޯޓު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ވަނީ ފަށައިފައެވެ. 


ކިޔުންތެރިންގެ ހިޔާލު