ENGLISH
04 ފެބްރުއަރީ 2026
ދުވާފަރުގައި 50 ހައުސިން ޔުނިޓް އެޅުމާއި، މަގުހެދުމުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތް ޙަވާލުކޮށްފި
13 ޑިސެމްބަރު 2025
|
ދުވާފަރުގައި 50 ހައުސިން ޔުނިޓް ތަރައްޤީކުރުމުގެ މަޝްރޫޢު އެޗްޑީސީއާ ޙަވާލުކުރުން. ފޮޓޯ: ރައީސް އޮފީސް
އެންމެ މަޤްބޫލު
ރ. ދުވާފަރުގައި 50 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ޙަވާލުކޮށް، ދުވާފަރު މަގުތައް ހެދުމުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ޙަވާލުކޮށްފިއެވެ.
ދެ ކުންފުންޏާ ދުވާފަރުގެ މަޝްރޫޢުތައް ޙަވާލުކުރުން އޮތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ދުވާފަރަށް ކުރައްވާ ދަތުރުފުޅުގައެވެ. ދުވާފަރުގައި ހައުސިން ޔުނިޓް އެޅުމާއި މަގުހެދުމުގެ މަޝްރޫޢު ޙަވާލުކުރުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ.
ދުވާފަރުގައި 50 ހައުސިން ޔުނިޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އެޗްޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ޢަލީ ޒުހައިރެވެ.
ސަރުކާރުން އަންނަނީ މުޅި ރާއްޖޭގައި ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫޢުތަކެއް ހިންގަމުންނެވެ. އެގޮތުން، ކޮންމެ ރަށަކަށް ވެސް އެންމެ ބޭނުންވާ އަދަދަށް ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް ހުޅުވާލައި، ގިނަ މަޝްރޫޢުތަކެއް މިހާރު ވަނީ ޙަވާލުކޮށްފައެވެ.
ދުވާފަރުގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއާ ޙަވާލުކުރުން. ފޮޓޯ: ރައީސް އޮފީސް
ދުވާފަރުގެ މަގުތައް ހެދުމުގެ ތިންވަނަ ފިޔަވަހީގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކުންފުނީ މެނޭޖިން ޑިރެކްޓަރު ޑީސީޕީ (ރޓ) އަޙްމަދު ސަޢުދީއެވެ.
ހައުސިން ޔުނިޓް އެޅުމާއި މަގުހެދުމުގެ މަޝްރޫޢުގެ އިތުރުން ދުވާފަރުގައި އިތުރު ގިނަ މަޝްރޫޢުތަކެއް ވެސް ވަނީ ފަށައިފައެވެ. އެގޮތުން ދުވާފަރު ބަނދަރު ބޮޑުކުރުމުގެ ޢަމަލީ މަސައްކަތް ފެށުމާއި އެރަށުގެ ހިއްކި ބިމުގައި ފެނާއި ނަރުދަމާ ޤާއިމުކުރުމުގެ މަސައްކަތް ވެސް މިއަދު ވަނީ ޙަވާލުކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދުވާފަރަށް ކުރައްވާ ދަތުރުފުޅުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވެސް ބައިވެރިވަޑައިގަންނަވައެވެ.
ދުވާފަރުގައި ފާހަގަކުރާ 45 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ގިނަ ހަރަކާތްތަކެއް އެރަށުގައި ދަނީ ހިންގަމުންނެވެ.