ENGLISH
15 ޑިސެމްބަރު 2025
މަސްވެރިންނަށް ތެޔޮ ލިބޭނެ ނިޒާމު ޤާއިމުކުރުން؛ ފުރަތަމަ ފިއުލް ސްޓޭޝަން ދުވާފަރުގައި ހުޅުވައިފި
13 ޑިސެމްބަރު 2025
|
މުޅި ރާއްޖޭގައި އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ ނިޒާމު ޤާއިމުކުރުމަށް ފުރަތަމަ ފިއުލް ސްޓޭޝަން ދުވާފަރުގައި ހުޅުވުން. ފޮޓޯ: ރައީސް އޮފީސް
މުޅި ރާއްޖޭގައި އެސްޓީއޯ ރޭޓުގައި މަސްވެރިންނާއި އާއްމު ރައްޔިތުންނަށް ތެޔޮ ލިބޭނެ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުގެ ދަށުން އަތޮޅުތެރޭގައި ތަރައްޤީކުރި ފުރަތަމަ ފިއުލް ސްޓޭޝަން ރ. ދުވާފަރުގައި ހުޅުވައިފިއެވެ.
އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. އެގޮތުން، ސަރުކާރުން ވަނީ 18 ރަށެއްގައި އެސްޓީއޯގެ ފިއުލް ސްޓޭޝަންތައް ޤާއިމުކުރަން ނިންމައިފިއެވެ.
ދުވާފަރަކީ ފިއުލް ސްޓޭޝަންގެ މަސައްކަތް ނިންމައި ޚިދުމަތް ފެށި ފުރަތަމަ ރަށެވެ.
ދުވާފަރުގައި މިއަދު ހެނދުނު އޮތް ރަސްމިއްޔާތުގައި ފިއުލް ސްޓޭޝަން ރަސްމީކޮށް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. ރަސްމިއްޔާތުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހީމްއާއި ދައުލަތުގެ ވަޒީރުން ބައިވެެރިވެވަޑައިގެންނެވިއެވެ.
ސަރުކާރުގެ އަމާޒަކީ ފިއުލް ސްޓޭޝަންތައް ޤާއިމުކުރުމުގެ މަސައްކަތް އަންނަ އަހަރު ނިންމާލުމެވެ. އެގޮތުން ކޮންމެ އަތޮޅަކުން އެއް ރަށުގައި އެ ޚިދުމަތް ޤާއިމުކުރުމާއެކު މުޅި ރާއްޖެއަށް އެއްއަގެއްގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.
އެސްޓީއޯ ރޭޓުގައި ތެޔޮ ނުލިބޭ މައްސަލައަކީ މަސްވެރިންނާއި ބޮޑުކަންނެލި މަސްވެރިންގެ ވެސް ޝަކުވާއެކެވެ. މީގެކުރިން މަސްވެރިން ވަނީ އެކަމަށް އެދި ތަކުރާރުކޮށް ސަރުކާރުތަކުގައި އެދިފައެވެ.
މަސްވެރިކަމުގައި ފާހަގަކޮށްލެވޭ ދުވާފަރުން އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެހިގެންދިއުމާއެކު، އެ އަތޮޅުގެ ރައްޔިތުންނަށް އެ ލުއިފަސޭހަ މިހާރު މިވަނީ ލިބެން ފަށައިފައެވެ.
އެސްޓީއޯ ރޭޓުގައި ދުވާފަރުން ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސިއިރު، މަސްވެރިކަމުގެ ގިނަ މަޝްރޫޢުތަކެއް ސަރުކާރުން އަންނަނީ ހިންގަމުންނެވެ. އަދި، މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުތެތޭ މިހާރު އަންނަނީ ޤަވާއިދުން ފައިސާ ދޫކުރަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މިއަދު ދުވާފަރަށް ވަޑައިގެންނެވީ 45 ވަނަ މަސްވެރިންގެ ދުވަހުގެ ރަސްމިއްޔާތުގައި ބައިވެރިވަޑައިގެންނެވުމަށެވެ.
މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ ދުވާފަރުގައި އޮންނާނީ މިރެ އެވެ.