ENGLISH
13 ޑިސެމްބަރު 2025
ދުވާފަރުގައި އިސްލާމިކް ބޭންކުގެ އޭޓީއެމް ޚިދުމަތް ފަށައިފި
13 ޑިސެމްބަރު 2025
|
ދުވާފަރުގައި އިސްލާމިކް ބޭންކުގެ އޭޓީއެމް ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވައިދެއްވަނީ. ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މިއަދު ހެނދުނު ދުވާފަރަށް ވަޑައިގެން، އެރަށުގައި މޯލްޑިވްސް އިސްލާމިކް ބޭންކުގެ އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ދުވާފަރަށް ވަޑައިގެންނެވީ މިއަދު ހެނދުނެވެ. އެމަނިކުފާނުގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންނެވުމުން ހޫނު މަރުޙަބާއެއް ވަނީ ކިޔައިފައެވެ.
ދުވާފަރުގައި އިސްލާމިކް ބޭންކުގެ ޚިދުމަތް ރަސްމީކޮށް ފެށުމަށް މިއަދު ހެނދުނު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި އެ ޚިދުމަތް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ. އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ ދުވާފަރު ދާއިރާގެ މެންބަރު މުޙައްމަދު ޢަލީ އާއި އިސްލާމިކް ބޭންކުގެ ޑެޕިއުޓީ ސީއީއޯ އަޙްމަދު ރިޒާ އަދި ދުވާފަރު ކައުންސިލްގެ ރައީސް ޙަސަން ޙަކީމް ބައިވެރިވަޑައިގެންނެވިއެވެ.
ދުވާފަރުގައި ހުޅުވި އިސްލާމިކް ބޭންކުގެ އޭޓީއެމްއިން، އެ ބޭންކުން ފޯރުކޮށްދޭ ގިނަ ޚިދުމަތްތައް ލިބޭނެއެވެ.
އިސްލާމިކް ބޭންކުން ދުވާފަރުގައި އެޓީއެމްގެ ޚިދުމަތް ފެށިއިރު، އެ ޚިދުމަތް އެހެން ރަށްތަކަށް ވެސް އަންނަނީ ފުޅާކުރަމުންނެވެ.
ރާއްޖޭގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމް ޚިދުމަތް މިހާރު ވަނީ ހުރިހާ ރަށަކަށް ފުޅާކޮށްފައެވެ.
މިއަދު ހެނދުނު ދުވާފަރަށް ވަޑައިގެން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އެންމެ ފުރަތަމަ ބައިވެރިވަޑައިގެންނެވީ އެރަށުގައި ކުރިއަށްގެންދިޔަ ގަސްއިންދުމުގެ ޕްރޮގްރާމްގައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަނީ އެރަށުގައި ގަސް އިންދަވައިފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ދުވާފަރުގައި ގަސް އިންދަވައިދެއްވީ ސަރުކާރުން މިހާރު ފަށާފައިވާ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުންނެވެ.
ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢޫގެ ދަށުން މިއަހަރު ނިމޭއިރު އެއްމިލިއަން ގަސް އިންދުމަކީ ސަރުކާރުގެ އަމާޒެވެ.