ENGLISH

13 ޑިސެމްބަރު 2025

Advertisement

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް ދުވާފަރުން ހޫނު މަރުޙަބާއެއް

13 ޑިސެމްބަރު 2025

|

ޢަލީ ޝަހީމް

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް ދުވާފަރުން މަރުޙަބާ ކިޔުން. ފޮޓޯ: ރައީސް އޮފީސް

މަސްވެރިކަމުގެ ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށާއި، ދުވާފަރުގެ ތަރައްޤީގެ ބައެއް މަޝްރޫޢުތަކުގެ ނިމުން ފާހަގަކުރެއްވުމަށް އަދި މަޝްރޫޢުތައް ފައްޓަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މިއަދު ހެނދުނު ރ. ދުވާފަރަށް ވަޑައިގެންނެވުމުން ހޫނު މަރުޙަބާއެއް ކިޔައިފިއެވެ. 

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންނެވުމުން ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބަނދަރު ސަރަޙައްދަށް ނުކުމެ މަރުޙަބާ ކިޔައިފައެވެ. މަރުޙަބާ ކިޔުމަށް އެރަށުގެ އެކި އުމުރުފުރާތަކުގެ މީހުން ވަނީ ބަނދަރު ސަރަޙައްދަށް ގޮސްފައެވެ. 

މިއަހަރު ފާހަގަކުރާ 45 ވަނަ މަސްވެރިންގެ ދުވަހުގެ ރަސްމީ ހަރަކާތްތައް އޮތީ ރ. ދުވާފަރުގައެވެ. 

ދުވާފަރުގައި މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ބާއްވާ ހަރަކާތްތަކުގެ ތެރެއިން އެރަށުގައި ވަނީ މަސްވެރިންގެ ގުންޒަރެއް ބާއްވައިފައެވެ. މަސްވެރިންގެ ޚިޔާލާއި މަޝްވަރާ ކުރިއަށްގެންދިޔަ ގުންޒަރުގައި 40 މަސްވެރިން ވަނީ ބައިވެރިވެފައެވެ. 

މަސްވެރިކަމުގެ އުފެއްދުންތައް ޕްރޮމޯޓްކުރުމަށް މަޢުރަޒެއް ބޭއްވުމުގެ އިތުރުން އެރަށުގައި މަސް ރޭހެއް ވެސް ވަނީ ކުރިއަށްގެންގޮސްފައެވެ. 

މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ސަރުކާރުން ވަނީ މިދިޔަ ދެއަހަރު ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. އެންމެ މުހިއްމު އެއް ކަމަކީ ކުރިން މަސްވެރިންނަށް ނުލިބި ހުރި ފައިސާ ދިނުމަށް ފަހު، 48 ގަޑިއިރުތެރޭ ޤަވާއިދުން މަސްވެރިންނަށް ފައިސާ ދޫކުރަން ފެށުމެވެ. 

މަސްވެރިންނަށް ޤަވާއިދުން ފައިސާދެމުންގެންދާތާ މިހާރު ވަނީ އަހަރަކަށް ވުރެ ގިނަ ދުވަސްވެފައެވެ. މަސްވެރިންނަށް ފައިސާ ޤަވާއިދުން ދޫކުރުމުގެ އިތުރުން މަސްވެރިކަމާ ގުޅޭ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ސަރުކާރުން އަންނަނީ ހިންގަމުންނެވެ. 

ރައްޔިތުންގެ މަރުޙަބާއަށް ފަހު، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢޫގެ ދަށުން ދުވާފަރުގައި ގަސް އިންދުމުގެ ހަރަކާތުގައި ބައިވެރިވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު