ENGLISH

12 ޑިސެމްބަރު 2025

Advertisement

ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ޤާނޫނާއި ޚިލާފުވެގެން ހައްޔަރުުކުރި މީހުން ބަންދަށް

12 ޑިސެމްބަރު 2025

|

އަޙުމަދު ޙަމީދު

މަސްވެރީންގެ އިހްތިޖާޖު -- ފޮޓޯ: މިހާރު

މަސްވެރިންގެ އިހުތިޖާޖާ ގުޅިގެން ހައްޔަރު ކޮށްފައިވާ ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ތިން މީހުންނަށް ވެސް ފަސް ދުވަހުގެ މުއްދަތަކަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ. 

މި މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރުވެސް ހިމެނެ އެވެ.

މަސްވެރީންގެ ދުވަހާއި ގުޅިގެން ކުރިއަށް ގެންދިޔަ އިހްތިޖާޖު ފުލުުހުން ހުއްޓުވީ އެވެ. ފުލުހުން ބުނީ އިހްތިޖާޖު ކުރަމުންދިޔަ ސަރަހައްދަކީ މާލެ ކައިރީގައި އެންމެ ކާރުބާރުބޮޑު އަދި ގިނަ އުޅަނދުފަހަރު ދަތުރުކުރާ ސަރަހައްދަކަށްވުމާއެކު އެކަމުގެ ސަބަބުން އިއްޔެ އާއި މިއަދުވެސް އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރަށް ދަތިތައް ދިމާވަމުންދާތީ އާއި މާލެ ކައިރިން ދަތުރުކުރާ އެހެން އުޅަނދުތަކަށް ދަތިނުވާގޮތަށް އަމަލުކުރުމަށާއި އެހެން އުޅަނދުތަކަށް ހުރަސް ނޭޅުމަށާއި މާލެގޭ ފަޅަށް ވަދެ ނުކުމެހަދާ އެހެން އުޅަނދުތަކަށް ހުރަސް ނޭޅުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވެފައިވާ ކަމަށެވެ.

ނަމަވެސް ތަކުރާރުކޮށް ފުލުހުންގެ އަންގާފައިވާ މިއެންގުންތަކަށް އިޖާބަ ނުދީ، އެކަންކަމަށް ދެކޮޅުހަދައި، މާލޭ ކައިރިން ދަތުރުކުރާ އެހެން އުޅަނދުފަހަރު ދަތުރުކުރުމަށް ދަތިކޮށް، ހުރަސް އަޅަން މަސައްކަތްކޮށް، މާލޭގެ އުތުރު ފަރާތު ފަޅަށް ނުވަދެވޭނެހެން ސަލާމަތީ ބާރުތަކުން ބަންދުކޮށްފައިވަނިކޮށް ފަޅަށް ވަންނަން މަސައްކަތްކުރުމާއި ފަޅަށް އެކި ބޭނުންތަކަށް ވަދެ ނުކުމެ ހަދާ އުޅަނދުތަކަށް ހުރަސްއަޅަން މަސައްކަތްކޮށްފައިވާ ކަމަށެވެ.

ހަމައެއާއެކު، އިހުތިޖާޖު ކުރިއަށް ދިޔަ ސަރަހައްދަކީ މާލެ ކައިރީގައި އެންމެ ކާރުބާރުބޮޑު އަދި ގިނަ އުޅަނދުފަހަރު ދަތުރުކުރާ ސަރަހައްދަކަށްވީނަމަވެސް، އިހުތިޖާޖުގައި ބައިވެރިވެފައިވާ ދޯނިތަކުން ޑިސެންބަރު 10 ވަނަ ދުވަހުގެ މެންދުރުން ފެށިގެން މުޅިރޭގަނޑު އެއްކޮށް އެއް ނަންބަރު ޖެޓީއާ ދިމާލުން މާލެއާއި ދޫނިދޫއާ ދެމެދުގެ ކަނޑުގެ ސަރަހައްދުގައި ނަގިލި ލައި، އުޅަނދުތައް އަޅައިގެން ތިބުމުގެ ސަބަބުން އެސަރަހައްދުން ދަތުރުކުރި އުޅަނދުތަކަށާއި އެކި ފަރާތްތަކަށް އެކަމުގެ ސަބަބުން ދަތިތަކާ ކުރިމަތިވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އިހުތިޖާޖުގައި ބައިވެރިވި ފަރާތްތަކަށް ތަކުރާރުކޮށް ނަސޭހަތްތެރިވުމުންވެސް އެކަމަށް އިޖާދީފައިނުވާތީ އާއި ބިދޭސީން އިހުތިޖާޖުގައި ބައިވެރިވަމުންދާތީ، ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ބިދޭސީންގެ މައުލޫމާތު ހޯދައި ޗެކްކުރުމުގެ މަސައްކަތް ކުރުމަށްޓަކައި މިއަދު މެންދުރު ފަހުން ފެށިގެން ފުލުހުން ވަނީ އިހުތިޖާޖުގައި ބައިވެރިވަމުންދިޔަ ބައެއް ދޯނިތަކަށް އަރާފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެގޮތުން މިމަސައްކަތް ކުރުމަށްޓަކައި ފުލުހުން ދޯނިތަކަށް އެރުމުން މަސްވެރި ޔޫނިއަނުން ވަނީ އެކަމާ ދެކޮޅު ހަދައި، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅަން މަސައްކަތްކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އަދި އެކަން ނުކުރުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވުމުންވެސް އެކަމަށް އިޖާބަދީފައިނުވާތީ، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށާ އިހުތިޖާޖުގައި ބައިވެރިވި ދޯނިތަކުގެ ތެރެއިން ތިން ދޯންޏެއް ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މިއީ މިފަދަ އިހްތިޖާޖެއްގައި މިހާ ފާޅުކޮށް ބިދޭސީން ބައިވެރިކުރުވި ފުރަތަމަ ފަހަރެވެ. ދޯނިތަކުގައި ތިބި ބައެއް ބިދޭސީން ވަނީ އިހްތިޖާޖުގެ މަންޒަރުތައް ލައިވްކޮށް ލައިވްގައި ތިބެ ދިވެހި ފުލުހުންނަށް ހުތުރު ބަސްތަކުން ގޮވާ ހަދާފަ އެވެ. މި އިޙްތިޖާޖުގައި އެމްޑީޕީއަށް ނިސްބަތްވާ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ބައިވެރިވި އެވެ. އޭނާ ހައްޔަރުކުރީ ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު