ENGLISH
12 ޑިސެމްބަރު 2025
ހުޅުމާލޭގެ މަގުތައް މަރާމާތުކުރުމުގެ އަގަކީ 91.8 މިލިއަން ރުފިޔާ: އެޗްޑީސީ
12 ޑިސެމްބަރު 2025
|
ހުޅުމާލޭގައި ނުހެދި ހުރި މަގުތައް ހެދުމާއި މަރާމާތުރުކުރުމުގެ މަސައްކަތުގެ އަގަކީ ޖީ.އެސް.ޓީ އާ އެކު 91.8 މިލިއަން ރުފިޔާކަމަށް ހައުސިންގް ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނެފިއެވެ.
ޑިސެމްބަރު 3 ވަނަ ދުވަހު ޗައިނާގެ ކުންފުންޏެއް ކަމުގައިވާ ރޮޓައިމް އިންޖިނިއަރިންގ އެންޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑް އަށް މަގުތައް ހެދުމުގެ މަސައްކަތް ހަވާލުކޮށް، އެޗްޑީސީ އާއި އެ ކުންފުނީގެ މެދުގައި އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ.
މި މަސައްކަތަށް 50 އިންސައްތަ ފައިސާ، އެއް އަހަރުގެ މުއްދަތަކަށް ބަހައިގެން ދެއްކުމަށް ވަނީ ނިންމާފައެވެ. އަދި 2027 ވަނަ އަހަރުން ފެށިގެން 6 އަހަރު ދުވަހުގެ މުއްދަތެއްގެ ތެރޭގައި ބާކީ 50 އިންސައްތަ ފައިސާ ދެއްކުމަށް އެއްބަސްވެފައިވެއެވެ.
އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނީ އެ މަޝްރޫއަކީ، އޮކްޓޯބަރު 2، 2022 ގައި އެ ކުންފުންޏާ ހަވާލުކުރި "ހުޅުމާލޭގައި ޓެމްޕަރަރީ ވޯކާސް އެކޮމޮޑޭޝަން" ތަރައްގީ ކުރުމުގެ މަސައްކަތުގެ ބަދަލުގައި ހަވާލުކުރި ކަމެއް ކަމަށެވެ.
އެގޮތުން، ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ފަސް މަގަކާއި ދެވަނަ ފިޔަވަހީގެ ވިނަރެސް ފްލެޓް ކައިރީގައިވާ މަގު ހިމެނޭހެން ޖުމްލަ 19،001 އަކަމީޓަރުގެ ސަރަހައްދެއްގައި ތާރުއަޅާ، ޒަމާނީ ފެންވަރަށް މި މަގުތައް ތަރައްޤީކުރުން ހިމެނެއެވެ. މީގެއިތުރުން، ހުޅުމާލޭގެ ފުރަތަމަ އަދި ދެވަނަ ފިޔަވަހީގައި ހަލާކުވެފައިވާ 8،012 އަކަމީޓަރުގެ ސަރަހައްދެއް މަރާމާތުކޮށް، އަލުން ތާރު އެޅުމުގެ މަސައްކަތް ވެސް ކުރިޔަށްދާނެއެވެ.
އެޗްޑީސީން ބުނީ މި މަޝްރޫޢު ހިންގުމުގެ މަޤުސަދަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ރައްކާތެރި ދަތުރުފަތުރުގެ ނިޒާމެއް ކަށަވަރުކޮށްދިނުމެވެ. އަދި ހަމައެހެންމެ، މީހުން މިހާރު ވެސް ދިރިއުޅެމުންދާ ސަރަހައްދުތަކުގައި މަރާމާތު ނުކުރެވި ހުރި މަގުތައް މަރާމާތުކޮށް، ހަލާކުވެފައިވާ މަގުތައް ހަދާ ރައްޔިތުންނަށް ފަސޭހަކޮށްދިނުމެވެ.
މި މަޝްރޫޢަށް ބޭނުންވާ ސާމާނާއި މެޝިނަރީ މޮބިލައިޒްކޮށް، ވީހާވެސް އަވަހަށް މަސައްކަތް ފެށުމަށް ޗައިނާގެ ކުންފުނިން ދަނީ ތައްޔާރުވަމުންނެވެ. އަދި އުންމީދަކީ މި މަސައްކަތް ކުރު މުއްދަތެއްގެ ތެރޭގައި ނިންމާ، ހުޅުމާލޭގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ދަތުރުފަތުރުގެ ޚިދުމަތްތައް ފަސޭހަވެގެންދިޔުން ކަމުގައި ބުނެފައިވެއެވެ.