ENGLISH
12 ޑިސެމްބަރު 2025
ފުވައްމުލަކާއި ށ. ފުނަދޫގައި ވޮކޭޝަނަލް އިންސްޓިޓިއުޓްތައް ގާއިމްކުރަނީ
12 ޑިސެމްބަރު 2025
|
ފުވައްމުލަކާއި، ށ. ފުނަދޫގައި ގާއިމްކުރާ ވޮކޭޝަނަލް އިންސްޓިޓިއުޓްގެ، އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން.-- ފޮޓޯ: މަތީ ތައުލީމާއި މަސައްކަތްތެރިކަމާ ހުނަރު ތަރައްޤީކުރުމާ ބެހޭ ވުޒާރާ
ފުވައްމުލަކު ސިޓީ އާއި ށ. ފުނަދޫގައި ޓެކްނިކަލް ވޮކޭޝަނަލް ތަޢުލީމު ދިނުމަށް ހާއްސަ އިންސްޓިޓިއުޓްތައް ގާއިމުކުރުމުގެ މަޝްރޫއުގައި، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން އާއި ސެންޓްރަލް ލައިން ޕްރައިވެޓް ލިމިޓެޑްއާ ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
މި މަޝްރޫއަކީ ރާއްޖޭގެ އެކި ސަރަޙައްދުތަކަށް އަމާޒުކޮށް މަތީ ތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް ހިންގުމަށް، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން ކުރިޔަށް ގެންދާ ހާއްސަ މަޝްރޫއެކެވެ.
މަތީ ތަޢުލީމުގެ ފުރުސަތުތައް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ފުޅާކޮށް، މަތީ ތަޢުލީމަށް ކިޔެވުމުގެ ފުރުޞަތު ރާއްޖޭގެ ކޮންމެ އަތޮޅަކުން ވެސް ލިބޭނެ އިންތިޒާމް ހަމަޖެއްސުމާއި ރަށުން ބޭރުން އަންނަ ދަރިވަރުންނަށް އަތްފޯރާ އަގެއްގައި އެކޮމޮޑޭޝަން ހަމަޖެއްސުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ.
މި މަޝްރޫއުތަކުގައި ބިނާ ކުރެވޭ އިންސްޓިޓިއުޓްތަކުގައި މަލްޓި-ޕާޕަސް ވޯކްޝޮޕެއްގެ އިތުރުން ކްލާސް ރޫމްތަކާއި އައި.ސީ.ޓީ ލެބޯޓަރީއާއި، އިދާރީ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާއަކާއި ސްޓާފް ރޫމަކާއި ދަރިވަރުންގެ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާގެ އިތުރުން ސެމިނަރ/މީޓިންގ ރޫމްތަކާއި ސްޓަޑީ ރޫމް އަދި ލައިބްރަރީ ވެސް ހުންނާނެ ކަމަށް ވުޒާރާއިން ވަނީ ބުނެފަ އެވެ.
އެ ވުޒާރާއިން އިތުރަށް ބުނެފައިވަނީ، މި މަޝްރޫއުތަކުގެ ސަބަބުން މަތީ ތަޢުލީމުގެ ހާސިލްކުރުމަށް ހުރި ގޮންޖެހުންތައް މަދުވެ، ރަށުން ބޭރުން އަންނަ ދަރިވަރުންނަށް މި ރަށްތަކުގައި ތިބެގެން ފަސޭހަކަމާއެކު، ފެންވަރު ރަނގަޅު ޓެކްނިކަލް ޓްރެއިނިންގ ލިބުމުގެ އިތުރުން މަތީ ތަޢުލީމުގެ ފުރުޞަތުތައް އުނގެނުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.