ENGLISH

12 ޑިސެމްބަރު 2025

Advertisement

މާލެ ސަރަހައްދުގައި ނުރައްކާ މިންވަރަށް ވައި ނުސާފުވެ އޮރެންޖް އެލާޓް ނެރެފި

12 ޑިސެމްބަރު 2025

|

އާމިނަތު ނުޒްލާ

މާލެ ސަރަހައްދުގައި ވައި ނުސާފުވުން--ފޮޓޯ:މިހާރު

މާލެ ސަރަހައްދުގައި ވައި ނުސާފުވެ ދުރު ފެންނަ މިންވަރު ނުރައްކާ މިންވަރަކަށް ދަށްވެފައިވާތީ، އޮރެންޖު އެލާޓު ނެރެފައިވާ ކަމަށް ހެލްތު ޕްރޮޓެކަޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

ވައިގެ ކޮލެޓީގެ މައުލޫމާތު ފެންނަ "އައިކިއު އެއާ" އިން ދައްކާ ގޮތުގައި "ފައިން ޕާޓިކިއުލޭޓް މެޓާ" (ހިރަފުސް ކުނޑި) ނުވަތަ ޕީއެމް2.5 މާލެ ސަރަހައްދުގައި މިހާރު ހުރީ ކޮންމެ ކިއުބިކް މީޓަރެއްގައި 42 މައިކްރޯ ގްރާމްގަ އެވެ. ޔޫއެސް އޭކިއުއައި އިން ބަލާނަމަ 117 ގަ އެވެ. މިއީ އޮރެންޖު އެލާޓު ހިމެނޭ ލެވެލް އެވެ.

އެޗްޕީއޭއިން ބުނީ ވައި ނުސާވުމުގެ ސަބަބުން ނާޒުކު ހާލަތުގައިވާ ފަރާތްތަކަށާއި އެހެން މީހުންނަށްވެސް ނޭވާލާ ނިޒާމުގެ މައްސަލަތައް ދިމާވުމުގެ ފުރުސަތު ބޮޑުކަމަށެވެ.

ނާޒުކު ހާލަތްތަކުގައިވާ ފަރާތްތަކުން ސަމާލުވުމަށް އެދި އެޗްޕިއޭ އިން ވަނީ ސަލާމަތީ ބައެއްކަންތައް ހާމަކޮށްފަ އެވެ. އެގޮތުން :

  • ބޭރަށް ނުކުންނަޖެހޭ ހާލަތްތަކުގައި ރައްކާތެރި މާސްކް ނުވަތަ N95 މާސްކް އެޅުން
  • ބޭރުގެ ނުސާފުވައި ނުވަންނަހެން ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުން
  • އެއާރ ޕިއުރިފަޔަރ ބޭނުންކުރުން
  • ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތު ކުރުންފަދަ ކަންތައްތައް މަޑުޖައްސާލުން

މާލެ އާއި ރާއްޖޭގެ އެހެން ބައެއް ސަރަހައްދުތަކުގައި މި ދުވަސްވަރު ވައި ނުސާފުވެ ދުރު ފެންނަ މިންވަރު ދަށަށް ގޮސްފައިވާކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވެސް މިދިޔަ ހަފްތާގައި ވަނީ ބުނެފަ އެވެ.

މާލެ ސަރަހައްދުގައި ނުރައްކާ މިންވަރަށް ވައި ނުސާފުވެފައި ވާއިރު، ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މެދުމިންވަރަކަށް ނުވަތަ ޔެލޯ އެލާޓް ވަނީ ނެރެފަ އެވެ. އެގޮތުން ށ. ފުނަދޫ، ދ.ކުޑަހުވަދޫ، ލ.ގަން، އަދި ފުވައްމުލަކުގެ އިތުރުން އައްޑޫއަށްވެސް މިހާރު މެދުމިންވަރަށް ވައި ނުސާފުކަމަށް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ.

ވައި ނުސާފުވުމުގެ ސަބަބުން ދިމާވެދާނެ ނުރައްކާތަކަށް ރައްކާތެރިކަމުގެ ފިޔަވަޅު އަޅައި އެ އިދާރާއިން  އިލްތިމާސްކޮށްފައިވާ ކަންތައްތަކަށް ސަމާލުވުމަށް ވަނީ އެދިފަ އެވެ.

މި ހާލަތު މާދަމާއިން ފެށިގެން އަންނަ ހޯމަ ދުވަހާ ހަމައަށް މިއަށް ވުރެ ގޯސްވެދާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

އެޗްޕީއޭއިން ބުނީ، ވައި ނުސާފުވެ ދުރު ފެންނަ މިންވަރު ދަށްވެފައިވަނީ ރާއްޖޭގެ ކައިިރި ސަރަޙައްދުތަކުގެ ވައިގެ ދައުރުވުމަށް އަންނަ ބަދަލެއްގެ ސަބަބުން ކަމަށެވެ. އެގޮތުން ވައިގެ ދައުރުވުމަަށް އަންނަ ބަދަލުތަކެއްގެ ސަބަބުން އިންޑިއަން ސަބް ކޮންޓިނެންޓުގެ މަތީގައި އުފެދިފައިވާ ދުން ރާއްޖޭގެ ސަރަހައްދުން ދަތުރުކުރަމުންދާ ކަމަށް ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު