ENGLISH
12 ޑިސެމްބަރު 2025
އިސްލާމްދީނަކީ މަސައްކަތްކުރުމަށާއި އުފެއްދުންތެރިކަމަށް ގޮވާލާ ދީން: ހުކުރު ޚުޠުބާ
12 ޑިސެމްބަރު 2025
|
އިސްލާމީ މަރުކަޒުގައި ކުރިއަށްދިޔަ ހުކުރު ނަމާދުގެ ތެރެއިން. --ފޮޓޯ: އިސްލާމިކް މިނިސްޓްރީ
އިސްލާމްދީނަކީ، ދުނިޔެއާއި އާޚިރަތުގެ ދީން ކަމަށާއި، މަސައްކަތްކުރުމަށާއި، އުފެއްދުންތެރިކަމަށް ގޮވާލާ ދީން ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.
"މަސައްކަތްތެރި އުފެއްދުންތެރި ބަޔަކަށް ވާށެވެ!" މި މަޢުޟޫއަށް މުޅި ރާއްޖޭގައި މިއަދު ދިން ހުކުރު ހުޠުބާގައި ބުނީ، އިންސާނުން ދިރިއުޅުމަށް ޓަކައި، ދުނިޔެ ޢިމާރާތްކޮށް އާރާސްތުކުރުމަކީ، އިންސާނާގެ މަސްއޫލިއްޔަތެއް ކަމަށެވެ.
އިންސާނުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމަކީ، ކޮންމެވެސް އެއް ބަޔަކު ކުރާންޖެހޭނޭ ކަމެއް ކަމަށް ވެސް މިއަދުގެ ޚުޠުބާގައި ބުނެފައިވެއެވެ.
ޚުޠުބާގައި ބުނީ، އިސްލާމް ދީނުގައި، ހުއްދަކުރައްވައިފައި ވަނީ، ޙަލާލު ގޮތުގައި އާމްދަނީ ހޯދުމަށް ކަމަށާއި، ރިބާއާއި ޖުވާގެ މުޢާމަލާތްތައް ޙަރާމްކުރައްވާފައިވާ ކަމަށެވެ.
އިސްލާމްދީނުގައި، ދިރިއުޅުމަށް ޓަކައި މަސައްކަތްކުރުމަށް އަންގަވައިފައިވުމުން، މުސްލިމުންނަކީ އިޤުތިޞާދީ ގޮތުން ފުދުންތެރި ބަޔަކަށް ވާންޖެހޭ ކަމަށާއި، އެ ފަދަ ބަޔަކަށް ވެވޭނީ، އެއުރެންނީ މަސައްކަތް ދަންނަ، މަސައްކަތްކޮށްގެން ތަކެތި އުފައްދާ ބަޔަކަށް ވެގެން ކަމަށް ވެސް ޚުޠުބާގައި ވަނީ ބުނެފައެވެ.
ޚުޠުބާގައި ބުނީ، ﷲ ތަޢާލާ ވަނީ، ދުނިޔޭގެ ބިމާއި، އެ ބިމުގައި އުފެދޭ ގަސްގަހާގެއްސާއި، ކަނޑުގައި ދިރިއުޅޭ މަސްމަހާމެއްސާއި، އެހެނިހެން ތަކެތި އިންސާނާއަށް ޓަކައި ޚިދުމަތްތެރިކުރައްވާފައި ކަމަށެވެ.
"ދަނޑުގޮވާންކުރުމާއި، މަހަށްފަރަށް ދިއުމާއި ދިރިއުޅުމަށް ޓަކައި މަސައްކަތްކުރުމަކީ، ދަށުދަރަޖައިގެ ކަމެއް ނޫނެވެ. މާތް ﷲ ދުނިޔެއަށް ފޮނުއްވެވި އެންމެ މާތް ބަޔަކީ ރަސޫލުންނާއި ނަބީންނެވެ. އެ ބޭބޭކަލުން ވެސް، މަސައްކަތްކުރެއްވިއެވެ." ޚުޠުބާގައި ބުންޏެވެ.
މާތް الله ރޭގަނޑު އަނދިރިކުރައްވައި، ދުވާލު އަލިކުރައްވައިފައި ވަނީ، ޙިކުމަތަކަށްޓަކައި ކަމަށާއި، ރޭގަނޑުގެ ވަގުތު ލައްވައިފައި ވަނީ، އަރާމުކުރުމަށާއި ނިވަލެއްކަމުގައި ޚުޠުބާގައި ބުންޏެވެ. އަދި ދުވާލު ލައްވައިފައި ވަނީ، ދިރިއުޅުމަށް ޓަކައި މަސައްކަތްކުރާން އޮތް ވަގުތެއްކަމުގައި ކަމަށް ވެސް ޚުޠުބާގައި ބުނެފައިވެއެވެ.
"އިސްލާމް ދީނަކީ، އެ ދީނުގެ އަހުލުވެރީން ދިރިއުޅުމަށް ބޭނުންވާ ކަންކަން ފުރިހަމަކުރުމަށް ޓަކައި، މަސައްކަތްކުރާން އަންގަވާ ދީނެވެ. މި ކަމުގައި މުސްލިމުން ލަދުވެތިވެގެންނެއް ނުވާނެއެވެ. މިއަދު ބައެއް ދިވެހީން ކަންނެތްވެ، މަސައްކަތާ ދުރުވެއްޖެއެވެ." ޚުޠުބާގައި ބުންޏެވެ.
ޚުޠުބާގައި ބުނީ، އިޤްތިޞާދީ ކަންކަމުގައި ބިދޭސީ އަތްތަކަށް ބަރޯސާވާން ފަށައިފި ކަމަށާއި، މިއަދު މަހަށް ފުރާނެ ދިވެހި ފަޅުވެރިއަކު ނުވާ ކަމަށެވެ. ދިވެހި އިޤްތިޞާދުގެ އެއް މައިނާރަކީ މަސްވެރިކަންކަމުގައިވީ އިރު، އެ ޞިނާޢަތު އޮންނާންވާނީ ދިވެހީންގެ އަތްމަތީގައި ކަމަށާއި، ދަނޑުވެރިކަމާއި އިޤްތިޞާދީ އެހެނިހެން ޞިނާޢަތްތަކުގައި ވެސް ދިވެހީން ހީވާގިވެ އުޅޭ ތަން ނުފެނުމަކީ ހިތާމަހުރި ކަމެއް ކަމަށް ވެސް ޚުޠުބާގައި ބުންޏެވެ.
ޚުޠުބާ ނިންމާލަމުން ވަނީ، އެހެން ބަޔެއްގެ މައްޗަށް ބަރޯސާވުމުގެ ބަދަލުގައި، ބޭނުންތައް ފުއްދާނެ ގޮތްތަކާއި، ވަސީލަތްތައް އަމިއްލައަށް އުފައްދައި، އޭގެ ބޭނުންހިފާ ބަޔަކުކަމުގައި ވުމަށް ގޮވާލާފައެވެ. އަދި، މުސްލިމުންނަކީ، މާތް الله އެބައިމީހުން މި ބިންމަތީގައި ބާރުވެރިކުރައްވައިފި ނަމަ، ނަމާދު ޤާއިމުކޮށް، އަމުރުމަޢުރޫފު ހިންގާން ޖެހޭ ބައެއް ކަމަށާއި، މިނިވަން ވެރިކަމެއް ކުރާން ޖެހޭ ބައެއް ކަމަށް ވެސް ޚުޠުބާގައި ބުނެފައިވެއެވެ.