ENGLISH
12 ޑިސެމްބަރު 2025
ކޯޑިން ދާއިރާއަށް ޝައުގުވެރިވާ ޒުވާނުންނަށް ހާއްސަ "ޔޫތު ހެކަތޯން" ފަށައިފި
12 ޑިސެމްބަރު 2025
|
ޔޫތު ހެކަތޯން 2025 ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން--ފޮޓޯ: ޒުވާނުންގެ ވުޒާރާ
އެއްވަނައަށްދާ ޓީމަކަށް އެއްލައްކަ ރުފިޔާ ލިބޭ އަގުބޮޑު ޔޫތު ހެކަތޯން 2025 ފަށައިފި އެވެ.
ކޯޑިން ދާއިރާއަށް ޝައުގުވެރިވާ ޒުވާނުންނަށް ހާއްސަކޮށްގެން ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާއި ބެހޭ ވުޒާރާއިން ކުރިއަށްގެންދާ ޔޫތު ހެކް (ޓެކް ފެއަރ) 2025 ފެށީ އިއްޔެ އެވެ.
ޖުމުލަ 85 ބައިވެރިންނާއެކު މި ހަރަކާތް ތިން ދުވަހަށް ކުރިއަށް ގެންދާނެއެވެ. ޔޫކް ހެކް ނިމޭނީ މާދަމާ އެވެ. މެދުނުކެނޑި 48 ގަޑި އިރަށް ކުރިއަށް ގެންދާ މިހަރަކާތުގައި ޓީމްތަކުން ތަފާތު ހަތަރު ތީމެއް ޓިކް އޭރިއާއަށް ޕިޗް ނުވަތަ ހުށަހެޅުންތައް ހުށަހެޅުމަށް ވަނީ ހަމަޖެހިފަ އެވެ.
މި މުބާރާތުގައި ބައިވެރިންގެ ހުށަހެޅުންތަކުން ޓެކްނޮލޮޖީގެ އެހީގައި މުޖުތަމައުގައި މިވަގުތު ހުރި މައްސަލަތަކަށް ހައްލު ހޯދުމަށާއި މުޖުތަމައަށް ފައިދާ ކުރަނިވި އާ އުފެއްދުންތައް ފަރުމާ ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައި ކަމަށް ވުޒާރާއިން ވަނީ ބުނެފަ އެވެ.
މި ހެކަތޯންއިން އެންމެ މޮޅު ތިން ޓީމު ހޮވުމަށް ވަނީ ނިންމާފަ އެވެ. އެގޮތުން އެއްވަނަ އަށް ހޮވޭ ޓީމަކަށް 100،000 ރުފިޔާ، ދެވަނަ އަށް ހޮވޭ ޓީމަކަށް 75،000 ރުފިޔާ އަދި ތިންވަނަ އަށް ހޮވޭ ޓީމަކަށް 50،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
މޯލްޑިވްސް ޔޫތު ހެކަތޯންއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފްތާތެރޭގައި ފަށާފައިވާ ހަރަކާތެކެވެ. މި ހަރަކާތުގެ ބޭނުމަކީ ޓެކްނޮލޮޖީގެ ދާއިރާގައި ޒުވާނުން ކުރިއަށް ގެންދިޔުމަށް ބޭނުންވާ ހުނަރު ތަރައްގީކޮށް، އެ ހުނަރު ދުނިޔޭގެ ބާޒާރުގައި ބޭނުން ކުރެވޭ ވަރަށް ފުރުސަތުތައް ކިޔައިދީ، އެކަން ތަނަވަސްކޮށްދިނުން ކަމަށް އެ ވުޒާރާއިން ބުނެފައިވެ އެވެ.
މިދިޔަ އަހަރު ބޭއްވި ހެކަތޯނަށް ވެސް ބޮޑު ތަރުޙީބެއް ވަނީ ލިބިފަ އެވެ.
ޒުވާނުންނަށް ތަނަވަސްކޮށްދޭ ފުރުޞަތުތައް ޔޫތު ހަބާ އެކު އެ ވުޒާރާއިން ވަނީ އިތުރުކޮށްފަ އެވެ.