ENGLISH

12 ޑިސެމްބަރު 2025

Advertisement

ނޫނު ޓައުންޝިޕް ވެގެންދާނީ ދުނިޔޭގެ ފެންވަރުގައިވެސް ފާހަގަ ކުރެވޭނެ ތަފާތު މަޝްރޫޢަކަށް: މިނިސްޓަރު

11 ޑިސެމްބަރު 2025

|

އަޙުމަދު ޙަމީދު

ސަސްޓެއިނަބަލް ޓައުންޝިޕެއް ޤާއިމް ކުރުމުގެ ހުއްދަ ދިނުން

ނ.އަތޮޅުގައި ތަރައްޤީކުރާ ޓައުންޝިޕް ވެގެންދާނީ މިޒަމާނުގެ ވަސީލަތްތަކާއި ސިފަތަކާއެކު އިންޑިއަން އޯޝަންގެ އިތުރަށް ދުނިޔޭގެ ފެންވަރުގައިވެސް ފާހަގަ ކުރެވޭނެ ތަފާތު މަޝްރޫޢަކަށް ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު މިރޭ ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖޭގައި ފުރަތަމަފަހަރަށް، ޚާއްސަ އިޤްތިޞާދީ ސަރަޙައްދު ކަނޑައެޅުމުގެ ޤާނޫނުގެދަށުން، ސަސްޓެއިނަބަލް ޓައުންޝިޕެއް ޤާއިމް ކުރުމުގެ ހުއްދަ ދީފައިވާތީ އެކަން ފާހަގަ ކުރައްވާ ކުރެއްވި ޕޯސްޓެއްގަ އެވެ.

މިނިސްޓަރު ވިދާޅުވީ 790 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ ރުފިޔާގެ އަގުން ނަމަ 12.2 ބިލިއަން ރުފިޔާގެ އަގުގައި، ނ.އަތޮޅުގައި ތަރައްޤީކުރާ ޓައުންޝިޕް ވެގެންދާނީ މިޒަމާނުގެ ވަސީލަތްތަކާއި ސިފަތަކާއެކު އިންޑިއަން އޯޝަންގެ އިތުރަށް ދުނިޔޭގެ ފެންވަރުގައިވެސް ފާހަގަ ކުރެވޭނެ ތަފާތު މަޝްރޫޢަކަށެވެ.

މި ޓައުންޝިޕްގައި ދުނިޔޭގެ ފެންވަރުގައި ޚިދުމަތްދޭ ސިއްޙީ އަދި ދުޅަހެޔޮ ކަމުގެ ފަރުވާލިބޭ ވަސީލަތް ޤާއިމް ކުރެވޭނެ އެވެ. އަދި ދުނިޔޭގެ ފެންވަރުގެ ޓޫރިޒަމް ސްކޫލަކާއި، %60 އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދޭނެ ގާބިލްކަން ހުރުން ލާޒިމު ވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މީގެއިތުރަށް، ދަނޑުވެރިކަމުގެ ވަސީލަތާއި، ޒަމާނީ ޓެކްނޮލޮޖީއާއެކު އެކުއަރކަލްޗަރ، މެރިކަލްޗަރގެ ޒޯނެއް ހިމެނޭނެ އެވެ.

ފަތުރުވެރިކަމުގެ ކޮމްޕޯނަންޓްތަކުގެ އިތުރުން އިޖްތިމާއީ މުހިންމު އެސެޓުތަކެއް ތަރައްޤީ ކުރެވިގެންދާ މި މަޝްރޫޢަކީ، ސަރުކާރަށް އާމުދަނީ ވަންނާނެ މުހިންމު ޓެކްސްތައް ކަމުގައިވާ ޖީއެސްޓީ، ޓީޖީއެސްޓީ، ޓޫރިޒަމް ލީސްރެންޓް އަދި ގްރީން ޓެކްސް ވެސް ސަރުކާރަށް ލިބޭގޮތަށް ޤާނޫނަށް ބަދަލުގެނެވި އެސްއީޒެޑަށް ހުއްދަ ދީފައިވާ މަޝްރޫއެއްކަން ވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

“ރާއްޖޭގެ ޓެކްސް ބޭސް ފުޅާކޮށް، އާމުދަނީ ސަރުކާރަށް ވައްދައިދޭނެ ބިޔަ މަޝްރޫޢެއް،” މިނިސްޓަރު ވިދާޅުވި އެވެ.

ހަމަ އެހެންމެ، ރާއްޖޭގައި ތިބެގެން، ދުނިޔޭގެ ފެންވަރުގެ ހޮސްޕިޓާލިޓީ ސްކޫލެއްގައި ތަމްރީނުވެ، ޒުވާނުންނަށް އޭގެ މަންފާ އެންމެ ފުރިހަމަ ގޮތުގައި ގެނެސްދޭނެ މަޝްރޫޢަކަށް ވާނެ ކަމަަށް ވެސް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މި މަޝްރޫޢު 2028 އަށް ނިންމާލެވޭނެ އެވެ. މި ޓައުންޝިޕުގައި އިންވެސްޓްކޮށް ޑިވެލޮޕް ކުރާފަރާތުން ސަރުކާރަށް މަޢުލޫމާތު ދޭނެ އެވެ. އަދި ސްޕެޝަލް އިކްނޮމިކް ޤާނޫނަށް ހަޤީޤީ މާނާގައި ޢަމަލުކުރަންފަށައި އެޤާނޫނަށް ގެންނަންޖެހޭ އިސްލާޙުތައްވެސް ގެނެސްފައިވާ ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

“ރަޢީސްމުޢިއްޒުގެ ތަރައްޤީގެ މެނިފެސްޓޯ ޙަޤީޤަތަކަށްވަމުން އައުމަކީ ރައްޔިތުންނާއި ޤައުމަށް ލިބިގެންދާ ނުހަނު ބޮޑު ކުރިއެރުމެއް،” މިނިސްޓަރު ސަޢީދު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު