ENGLISH

13 ޑިސެމްބަރު 2025

Advertisement

ހެލިކޮޕްޓަރުގެ ހިދުމަތްތަކަށް ޝަރުތުހަމަވާ ފަރާތްތައް ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލައިފި

11 ޑިސެމްބަރު 2025

|

މަރިޔަމް ލީމް

ދިވެހިރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތްތައް ދިނުމަށް ޝަރުތުހަމަވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.

ހެލިކޮޕްޓަރުގެ ހިދުމަތްތައް ޤާއިމްކޮށް، މި ހިދުމަތް ދިނުމަށް ރާއްޖޭގައި ފެށުމާ ގުޅިގެން އެ ވުޒާރާއިން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ އަހަރު ޕްރޮޕޯސަލް ހުށަހެޅޭނެ ކަމަށެވެ.

އެގޮތުން ޖަނަވަރީ މަހުގެ 25 ވަނަ ދުވަހުގެ މެންދުރު 14:00 ހަމައަށް ސަރުކާރުގެ ގެޒެޓު މެދުވެރިކޮށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މިކަމަށް ހުށަހަޅާ ފަރާތްތަކުން ގެޒެޓުގައިވާ ގަވާއިދުތަކަށް ސަމާލުވުމަށް އެ ވުޒާރާއިން ވަނީ އެދިފައެވެ.

ހެލިކޮޕްޓަރުގެ ހިދުމަތްތަކަށް ޝައުގުވެރިވާ ފަރާތްތަކަށް މި ފުރުސަތު ހުޅުވާލުމުގެ މަޤުސަދަކީ ކޮމާޝަލް ހެލިކޮޕްޓަރު ފަސިންޖަރުންގެ ހިދުމަތްތަކާއި ދަތުރުފަތުރުގެ ކަންކަން ހަމަޖައްސައިދިނުމާ، އެ ހިދުމަތްތައް ރަނގަޅަށް ފޯރުކޮށްދިނުމާ، ކުއްލި ހާލަތުގައި މެޑިކަލް އިވެކުއޭޝަން ހިންގުމަށް ލުއިފަސޭހަ ގޮތްތައް ހޯދުމާއެކު ރާއްޖޭގެ ރަށްތަކާއި އަތޮޅުތަކުގައި ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތައް ހިންގުންކަމުގައި އެ ވުޒާރާއިން މައުލޫމާތު ދީފައިވެއެވެ.

މީގެއިތުރުން ހެލިކޮޕްޓަރ ޓްރާންސްފާގެ ހިދުމަތްތަކާއެކު ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއަރާ، ގުޅުންތައް ހަރުދަނާވެގެންދާނެކަމަށް ވެސް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ކާމިޔާބު ފަރާތާއެކު 10 އަހަރުގެ ޚާއްސަ އެއްބަސްވުމެއް އެކުލަވާލެވިގެންދާނެކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ. އަދި ކޮންޓްރެކްޓްގައިވާ ޝަރުތުތަކުގައިވާ ގޮތުގެ މަތިން، ކޮމާޝަލް ހެލިކޮޕްޓަރު ފަސިންޖަރުންގެ އޮޕަރޭޝަންތައް ހިންގުމުގެ ހައްގު އެމީހުންނަށް އެކަނި ލިބިގެންދެއެވެ.

މި އެއްބަސްވުމުގެ ދަށުން ސަރުކާރުން ކަނޑައަޅާފައިވާ ޝަރުތުތަކަށް އޮޕަރޭޓަރު އެއްބާރުލުންދިނުން ވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު