ENGLISH
13 ޑިސެމްބަރު 2025
ބޮޑެތި ކުންފުނިތަކުން ރާއްޖޭގައި އިންވެސްޓު ކުރުމުގައި މިއަދު ޖެހިލުމެއް ނުވޭ: ސައީދު
11 ޑިސެމްބަރު 2025
|
ބޮޑެތި ކުންފުނިތަކުން ދިވެހިރާއްޖޭގައި އިންވެސްޓުކުރުމަށް މިއަދު ޖެހިލުމެއްނުވާކަމަށް އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
އައިލާ ޓައުންޝިޕް މަޝްރޫޢުއަށް ހުއްދަދިނުމާއި ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި ވަޒީރު ވާހަކަފުޅުދައްކަވަމުން މިއީ ދިވެހި ރައްޔިތުން ފަހުރުވެރިވާވަރުކަމެއް ކަމަށް ވަޒީރު ވިދާޅުވެފައިވެއެވެ. އަދި މުޅި ސައުތު އޭޝިއާގައި، ފަތުރުވެރިކަމުގެ ދާއިރާއިން ދިވެހިރާއްޖެއަކީ އެއްވަނަކަމަށް ވިދާޅުވެ، ރާއްޖޭގެ ގުދުރަތީ ރީތިކަމަކީ ދިވެހިންނަށް ލިބިފައިވާ ވަރަށް ބޮޑު ނިއުމަތެއްކަމަށް ވިދާޅުވެފައިވެއެވެ.
ވަޒީރު ވިދާޅުވީ ދިވެހިރާއްޖޭގެ ގުދުރަތީ ރީތިކަމަކީ ބޮޑެތި ކުންފުނިތަކުން އެންމެ ގަޔާވާކަންތައްކަމަށެވެ.
ހުއްޓުމެއްނެތި ގައުމުގެ ރީތިކަން ޕްރޮމޯޓް ކުރުމާއެކު އެހެނިހެން ގައުމުތަކާއެކު އޮންނަ ގުޅުންތައް ވަރުގަދަކުރުމަކީ ދިވެހިރާއްޖެ "ވޯލްޑްސް ލީޑިންގް ޑެސްޓިނޭޝަން" ގެ ގޮތުގައި ދެމިއޮންނަ ސަބަބުކަމަށް ވަޒީރު ވިދާޅުވެފައިވެއެވެ.
މީގެއިތުރުން މިކަމުގައި ކްރިސްޓަލް ހޯލްޑިންގް ގެ ފަރާތުން އެންމެ ބޮޑު ޔަގީންކަމެއް ލިބިގެންދިޔައީ 45 އަހަރުގެ ޒަމާނަށް ނުފެތޭ ފޮރިން އިންވެސްޓުމަންޓުގެ ޤާނޫނު އުވާލައި، ޒަމާނަށް ފެތޭ ޤާނޫނެއް ހެދުމުންކަން ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރައްވާފައިވެއެވެ. އަދި މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގެނައި ބަދަލެއްކަމަށް ވިދާޅުވެފައިވެއެވެ.
މި ގެނެވުނު ބަދަލަކީ ގިނަ ފޮރިން އިންވެސްޓަރުންނާ، ރާއްޖޭގެ މޮޅު ލޯޔަރުންނާ، ބިޒްނަސް ކައުންސެލަރުންނާ ވާހަކަދައްކަވާ ވަރަށް ބުރަ މަސައްކަތަކާއެކު ކުރެވުނު މަސައްކަތެއްކަމަށް ވަޒީރު ވިދާޅުވެފައިވެއެވެ. އަދި މިކަމުގައި ރައްޔިތުންގެ ޚިޔާލަށް ވެސް އެތައް ފަހަރަކު ހުޅުވާލެވިފައިވާކަން ވެސް ފާހަގަކުރައްވާފައިވެއެވެ.
ނޫނު އަތޮޅުގައި މި ފަޅުގެ ސަރަހައްދު ހިއްކާފައިވާކަމަށް ވިދާޅުވެ، މި ތަންތަނުގައި ބައިނަލްއަޤުވާމީ ފެންވަރުގެ ހިދުމަތްތައް ފޯރުކޮށްދިނުމުގެ މުހިންމުކަމަށް ވަޒީރު އަލިއަޅުއްވާލާފައިވެއެވެ.
"ސަސްޓެއިނަބަލް ޓައުންޝިޕްގެ ސިފަތަކުގެ ތެރޭގައި މި ހުންނަނީ 500 މިލިއަން ޑޮލަރަށްވުރެން ކުޑަވެގެން ނުވާނެ. އަދި ބައިނަލްއަޤްވާމީ ފެންވަރުގެ ސިއްހީ ހިދުމަތެއް ދެވޭނެ ވަސީލަތް ގާއިމްވާންވާނެ. " - ވަޒީރު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ކްރިސްޓަލް ހޯލްޑިންގް ކުނފުނީގެ ފަރާތުން ވާހަކަފުޅުދައްކަވާ، އައިލާ ޓައުންޝިޕް މަޝްރޫޢަށް ހުއްދަދިނުމާއެކު ދިވެހިރާއްޖޭގެ އިޤްތިސާދީ ތަރައްޤީ ކުރުމުގެ ތާރީހުގައި މިފެށެނީ މުޅިން އާ ބާބެއް ކަމަށް އެ ކުންފުނިން ވަނީ ވިދާޅުވެފައެވެ. އަދި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ އިޤްތިސޯދަށް ބޮޑު ބަދަލެއް އަންނާނެކަމަށާއި މުޅި ގައުމަގެ އިޤްތިސާދީ އަދި އިޖުތިމާއީ ކަންކަމަށް ފައިދާކުރާނެކަމަށް ވެސް ވިދާޅުވެފައިވެއެވެ.
މި މަޝްރޫޢުގައި ޒަމާނީ ފެންވަރުގެ ބައިނަލްއަޤުވާމީ މުއައްސަސާއަކާއި ގުޅިގެން، ސަސްޓައިނަބަލް ޓައުންޝިޕްގެ ދަށުން ދުނިޔޭގެ ފެންވަރަށް ހަދާފައިވާ ތައުލީމް ހާސިލްކުރުމުގެ ފެސިލިޓީއެއް ގާއިމްކުރެވިގެންދާނެކަމަށް ވިދާޅުވެފައިވެއެވެ. މިއީ އެ ކުންފުނިން އެންމެ އިންތިޒާރުކުރަމުންދާ ކަންތައްކަން ވަނީ ފާހަގަކުރައްވާފައެވެ.
މި ފެސިލިޓީއަކީ މެހެމާންދާރީ އަދާކުރުމާއި، މަސައްކަތްތަކުގައި އިސްނެގުމުގެ މުހިންމުކަމަށް އަމާޒުކޮށްގެން، މުސްތަގުބަލުގައި ގައުމު ހިންގުމުގައި ހަރަކާތްތެރިވާނެ ލީޑަރުން ތަމްރީންކުރުމުގެ މަޤްސަދުގައި ކުރިޔަށްގެންދާ ފެސިލިޓީއެކެވެ. އަދި ބޭނުމަކީ ރަނގަޅު މަންހަޖަކާއެކު ދަރިވަރުން ތަމްރީންކުރުން ކަމަށް ވަނީ ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަސައްވަރަކީ މި ނޫނު ޓައުންޝިޕްގެ ދަށުން ދެވޭ ހިދުމަތަކީ އެހެން ބަޔަކަށް ދެވޭ ވަރުގެ ހިދުމަތަކަށް ވުރެން ފުރިހަމަވުން ކަމުގައި ވެސް ވަޒީރު ސައީދު ވިދާޅުވެފައިވެއެވެ.