ENGLISH
13 ޑިސެމްބަރު 2025
ދެ ކޮންޓެއިނާ ސިނގިރޭޓް ވަގަށް ނެގި މައްސަލަ: ދެ ވިޔަފާރިވެރީން ދޫކޮށްލާ ދަޢުވާ އުފުލުމުގެ މަސައްކަތް ފަށައިފި
11 ޑިސެމްބަރު 2025
|
ސިނގިރޭޓް ވައްކަމާއި ގުޅިގެން ފުރަތަމަ ހައްޔަރުކުރި ދެ މީހުން --
ދިވެހިރާއްޖެއަށް ސިއްރުން އެތެރެކުރަނިކޮށް ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންދިޔަ ގިނަ ޢަދަދެއްގެ ސިނގިރޭޓް ރައްކާކޮށްފައި ހުރި ކޮންޓެއިނަރ މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ހުޅުމާލެ އިންޓަރނޭޝަނަލް ޓަރމިނަލްގައި ހުއްޓައި ވަގަށްނަގާފައިވާ މައްސަލާގައި ހައްޔަރުކުރި މައްސަލާގައި ބަންދުކުރި ބައެއް މީހުން ދޫކޮށްލާ އެ މީހުންގެ މައްޗަށް ދަޢުވާ އުފުލުމުގެ މަސައްކަތް ފަށައިފި އެވެ.
ޕީޖީ އޮފީހުން މިއަދު ބުނި ގޮތުގައި އެ މައްސަލައާ ގުޅިގެން 11 މީހެއްގެ މައްޗަށް ދަޢުވާކުރުމަށް އެދި މި މަހުގެ ތިންވަނަ ދުވަހު ދިވެހި ފުލުހުންގެ ޚިދުމަތުން އެ އޮފީހަށް ވަނީ ހުށަހަޅާފައެވެ.
މި މައްސަލާގައި ދަޢުވާކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ޕީޖީ އޮފީހުން ގެންދަނީ ކުރަމުން ކަމަށާ ޤާނޫނުގައި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ދަޢުވާކުރުމަށް ކޯޓަށް ހުށަހަޅާނެ ކަމަށް ވަނީ ބުނެފަ އެވެ.
ތުހުމަތުކުރެވޭ ވަކިވަކި މީހުން، ކުށުގެ ޢަމަލުގައި ބައިވެރިވެފައިވާ ނިސްބަތާއި، އެމީހުންގެ މައްޗަށް ކުރެވެންހުރި ދަޢުވާތަކާއި، ކަނޑައެޅެން އޮތް އަދަބަށް ރިޢާޔަތްކޮށް ތުހުމަތުކުރެވޭ މީހުންގެ ބަންދު ޕީޖީ އޮފީހުން މިއަދު ވާނީ މުރާޖަޢާކޮށްފައި ކަމަށްވެސް ބުންޏެވެ.
އެގޮތުން މި ކުށުގެ ޢަމަލު ރޭވިކަމަށް ތުހުމަތުކުރެވޭ ބ. އޭދަފުށި، ދިގަލި، މުޙައްމަދު ވަޙީދާއި، މއ. އެވަރގްލޯރީ، އަޙްމަދު ޢާރިފް އަދި ކޮންޓެއިނަރ ވަގަށްނަގައިގެން ގެންދިޔަ ތިލަފުށީ ސައިޓާ ޙަވާލުވެގެން ހުރިކަމަށް ތުހުމަތުކުރެވޭ ކ. ތުލުސްދޫ، ލިންކް، ޙަސަން ޢަބްދުއްރަޙްމާން ޝަރުތުކޮށްފައި ބަންދުން ދޫކޮށްދިނުމަށް އެދި މިއަދު ކްރިމިނަލް ކޯޓަށް ހުށަހެޅުމުން، އެ އޮފީހުން އެދުނުގޮތަށް އެ މީހުން ދޫކޮށްލާފައިވާ ކަމަށް ބުންޏެވެ.
އަދި ވަޙީދާއި، ޢާރިފް ޝަރުތުކޮށްފައި ބަންދުން ދޫކޮށްލުމަށް ނިންމާފައިވާނީ، އެމީހުންގެ މައްޗަށް ކުރެވޭ ތުހުމަތަކީ މި ކުށް ކުރުމަށް ރޭވުންކަމަށްވާއިރު، މި ވައްކަން ކުރުމުގައި ޢަމަލީގޮތުން ބައިވެރިވެފައިވާކަމުގެ ހެކި ލިބިފައި ނުވާތީ ކަމަށްވެސް ބުންޏެވެ. އަދި ޙަސަން ޢަބްދުއްރަޙްމާން ޝަރުތުކޮށްފައި ބަންދުން ދޫކޮށްލުމަށް ނިންމާފައިވާނީ އޭނާއަކީ މި ވައްކަން ކުރުމުގައި ޢަމަލީގޮތުން ބައިވެރިވެފައިވާކަމަށް ތުހުމަތުކުރެވޭ މީހަކަށް ނުވާތީ ކަމަށް ބުންޏެވެ.
މި މައްސަލާގައި ހައްޔަރުކުރި މުޙައްމަދު ޝަރީފަކީ މި މައްސަލަ ޕީޖީ އޮފީހަށް ހުށަހެޅުނުއިރު ބަންދުގައި ހުރި މީހަކަށް ނުވާތީ، އޭނާގެ ބަންދު މުރާޖަޢާކުރަންޖެހޭ ޙާލަތެއް ނެތްކަން ޕީޖީ އޮފީހުން ވަނީ ފާހަގަކޮށްފަ އެވެ.
އެހެންކަމުން، މި މައްސަލާގައި މިހާރު ބަންދުގައި ތިބީ ހދ. ވައިކަރަދޫ، މެދުރީގެ، ޒިވާރު އިސްމާޢީލްއާއި، ހދ. ވައިކަރަދޫ، ނޫރަލީގެ، އަޙްމަދު ޝަހީމްއާއި، ހ. ރުމޭނިޔާ، އަޙްމަދު ފިރުސާންއާއި، ސ. ހިތަދޫ، ޗާނދަނީގެ، ޙުސައިން ސާމިޙުއާއި، ނ. މިލަދޫ، ކެނެރީގެ، އާދަމް ވަޙީދާއި، ބަނގުލަދޭޝް، މުޙައްމަދު އަލަމިން މިއާ، ހ. ނިއުހެޕިނަސް، މުޢާޛު ޢަލީ އެވެ. އެ މީހުންގެ ބަންދު މުރާޖަޢާކުރުމަށްފަހު، މިވަގުތު ބަންދަށް ބަދަލެއް ގެންނަންޖެހޭ ޙާލަތެއް ނެތްކަމަށް ނިންމާފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެ އެވެ.
ސަބަބަކީ، އެމީހުންނަކީ މި ވައްކަން ކުރުމުގައި ޢަމަލީގޮތުން ބައިވެރިވިކަމަށް ތުހުމަތުކުރެވޭ މީހުން ކަމަށްވުމާއި، އޭގެ ތެރެއިން ބައެއް މީހުންނަކީ ދައުލަތުގެ މުވައްޒަފުންނަށްވެތިބެ މި ކުށް ކުރުމުގައި އެމީހުންގެ ރަސްމީ ޙައިޞިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރިކަމަށް ތުހުމަތުކުރެވޭ މީހުން ކަމުގައިވާތީ ކަމަށް ވަނީ ބުނެފަ އެވެ.
މި މައްސަލާގައި ދަޢުވާކުރުމަށް ކޯޓަށް ހުށަހެޅުމުގެ މަސައްކަތް ކުރިއަށްދާއިރު، މިހާރު ބަންދުގައި ތިބި މީހުންގެ ބަންދާމެދު ތަފާތު ގޮތަކަށް ނިންމަންޖެހޭކަމަށްވާނަމަ އެ މީހުންގެ ބަންދު ޕީޖީ އޮފީހުން މުރާޖަޢާކުރާނެ ކަމަށް ވަނީ ބުނެފަ އެވެ.