ENGLISH

13 ޑިސެމްބަރު 2025

Advertisement

ނޫނު ޓައުންޝިޕް މަޝްރޫޢު ހިންގަން ރަސްމީކޮށް ހުއްދަދީފި

11 ޑިސެމްބަރު 2025

|

ޢަލީ ޝަހީމް

ނޫނު ޓައުންޝިޕް މަޝްރޫޢު ހިންގަން ހުއްދަދިނުމުގެ ރަސްމިއްޔާތު. ފޮޓޯ: އިޤްތިޞާދީ ވުޒާރާ

ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ޤާނޫނުގެ ދަށުން، "ސަސްޓޭނަބަލް ޓައުންޝިޕް" ގޮތުގައި ތަރައްޤީކުރާ ފުރަތަމަ މަޝްރޫޢަށް މިއަދު ރަސްމީކޮށް ހުއްދަދީފިއެވެ. 

"ޕްރޮޖެކްޓް އޭލާ" ގެ ނަމުގައި ނ. އަތޮޅުގައި ހިންގާ ނޫނު ޓައުންޝިޕް މަޝްރޫޢު ރަސްމީކޮށް ހުއްދަދިނުން އޮތީ މިއަދު ހެނދުނު އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގައި އޮތް ރަސްމިއްޔާތެއްގައެވެ. 

ނ. އަތޮޅު ދިގުރަށް ފަޅާއި ދެކެނަންފަރުގައި ތަރައްޤީކުރާ މަޝްރޫޢުގެ ހިންގަން ހުއްދަ ދީފައިވަނީ ފޮރިން އިންވެސްޓްމަންޓެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ކްރިސްޓަލް ހޯލްޑިންގް ޕްރައިވެޓް ލިމިޓެޑް ކުންފުންޏަށެވެ. 

މިއަދު އޮތް ރަސްމިއްޔާތުގައި މަޝްރޫޢުގެ އެއްބަސްވުން ކްރިސްޓަލް ހޯލްޑިން ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްދެއްވީ އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު އެވެ. ރަސްމިއްޔާތުގައި އެ ކުންފުނީގެ އިސްބޭފުޅުން ވެސް ބައިވެރިވަޑައިގެންނެވިއެވެ.

ރަސްމިއްޔާތުގައި ވަޒީރު ސަޢީދު ވާހަކަދައްކަވަނީ. ފޮޓޯ: އިޤްތިޞާދީ ވުޒާރާ

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ސަޢީދު ވިދާޅުވީ، ރާއްޖޭގައި ފޮރިން އިންވެސްޓްމަންޓް ޤާނޫނެއް މީގެކުރިން އޮތީ އަޅާނުލެވި ކަމަށެވެ. އަދި، ފޮރިން އިންވެސްޓްމަންޓުގެ ޤާނޫނަށް ބަދަލުގެނައި މި ސަރުކާރުން ކަމަށާއި، ބަދަލުތަކާއެކު ކުރެވުނު މަސައްކަތްތަކުން ދުނިޔޭގެ ބޮޑެތި ކުންފުނިތަކުގެ އިތުބާރު ލިބިއްެޖެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި، ބޮޑެތި ކުންފުނިތަކުން ރާއްޖޭގައި އިންވެސްޓް ކުރުމުގައި މިހާރު ޖެހިލުންނުވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. 

މި މަޝްރޫޢުގައި، ލަގްޒަރީ ޓޫރިޒަމްގެ ތަފާތު ޚިދުމަތްތަކާއެކު އިންޓަގްރޭޓެޑް ޓޫރިޒަމް ޒޯނެއް ނުވަތަ ލަގްޒަރީ ޓޫރިޒަމް އަދި ރިއަލްއެސްޓޭޓް ޑިވެލޮޕްމެންޓް ޒޯންތައް ތަރައްޤީކުރާނެއެވެ. އަދި، ބައިނަލްއަގުވާމީ ފެންވަރުގެ ހޮސްޕިޓަލްތަކާއި، ޒަމާނީ ދަނޑުވެރިކަމުގެ ނުވަތަ އެކުއާ ކަލްޗާ ވަސީލަތްތަކާއި، ފްލެޓާއި ރޯހައުސް ފަދަ ތަންތަން ހިމެނެއެވެ. 

ރާއްޖޭގެ އިޤްތިޞާދަށް ބޮޑު ބަދަލެއް އަންނާނެ މަޝްރޫޢުގެ ޖުމްލަ އަގު 750 މިލިއަން ޑޮލަރަށް ވުރެ މަތިވާނެއެވެ. އެ މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދާ ޢަމަލީ މަސައްކަތަކީ އެ ފަޅު ހިއްކުމުގެ މަސައްކަތެކެވެ. 

ކިޔުންތެރިންގެ ހިޔާލު