ENGLISH
13 ޑިސެމްބަރު 2025
ތިލަމާލެ ބްރިޖުގެ 67.4 އިންސައްތަ މަސައްކަތް ނިމިއްޖެ
11 ޑިސެމްބަރު 2025
|
ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރިއަށްދަނީ. މިހާތަނަށް ވަނީ 67.4 އިންސައްތައިގެ މަސައްކަތް ނިންމާލާފަ.
ސަރުކާރުން ހިންގަމުން އަންނަ ތިލަމާލެ ބްރިޖުގެ 67.4 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
މާލެ، ވިލިމާލެ އަދި ގުޅިފަޅު ގުޅާލާ ބިޔަ މަޝްރޫޢުގެ އަދާހަމަ އެ ވުޒާރާއިން ހާމަކުރީ ސަރުކާރުގެ ފުރަތަމަ 104 ހަފްތާގެ މަޢުލޫމާތު ހާމަކުރުމަށް "އެކްސް" ގައި ކުރި ޕޯސްޓެއްގައެވެ.
ތިލަމާލެ ބްރިޖު އެޅުމުގެ މަސައްކަތް ކުރަނީ އިންޑިއާގެ އެހީގައި އެގައުމުގެ އެފްކޮންސް ކުންފުނިންނެވެ. އެ ބްރިޖަކީ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ގެ މަޝްރޫއެކެވެ. އެއީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދޭ 400 މިލިއަން ޑޮލަރާއި އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ގޮތުގައި ލިބޭ 100 މިލިއަން ޑޮލަރެވެ.
ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ވެރިކަމުގައި ބްރިޖު އެޅުމުގެ މަސައްކަތް ޙަވާލުކުރީ 2021 ސެޕްޓެމްބަރ 16 ވަނަ ދުވަހެވެ. އެ ވެރިކަން ނިމުނުއިރު ބްރިޖުގެ އެއްވެސް މަސައްކަތެއް ފެނުން މައްޗަށް އަރައިފައެއް ނުވެއެވެ.
މި ސަރުކާރު ވެރިކަމާ ޙަވާލުވިއިރު ބްރިޖުގެ ނިމިފައި އޮތީ 29 އިންސައްތައެވެ. އަދި، އިބްރާހީމް މުޙައްމަދު ޞާލިހުގެ ވެރިކަން ނިމުމުގެ އެއްދުވަސް ކުރިން ބްރިޖުގެ އެއްބަސްވުން އިތުރު ތިން އަހަރަށް ދަންމާލަން އެފްކޮންސްއަށް ފުރުސަތު ދިނެވެ.
ތިލަމާލެ ބްރިޖުގެ އެންމެ އުސް ޕްރީކާސްޓް އަޅައި ނިންމާލީ މިއަހަރުގެ އޭޕްރީލް 3 ވަނަ ދުވަހެވެ. އަދި، ބްރިޖުގެ އެންމެ ގޮންޖެހުން ބޮޑު މަސައްކަތް ކަމަށްވާ، ޕައިލްތައް ޖަހައި އެއްކޮށް ނިންމާލާފައިވާކަން ޖުލައި 1 ވަނަ ދުވަހު ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ހާމަކުރެއްވިއެވެ.
ޕައިލިން މަސައްކަތުގެ ދަށުން، 263 ޕައިލް ކަނޑާއި އެއްގަމުގެ 68 ތަނެއްގައި ވަނީ ޤާއިމުކޮށްފައެވެ.
ވިލިމާލޭގެ ރައްޔިތުންނާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނޮވެމްބަރު 23 ވަނަ ދުވަހު ބޭއްވެވި ބައްދަލުކުރެއްވުމުގައި، ވަޒީރު ޑރ. މުއްޠަލިބް ވިދާޅުވީ ބްރިޖުގެ މަސައްކަތް އަވަސްކުރުމުގެ މަޝްވަރާތައް އިންޑިއާއާއެކު ކުރަމުން އަންނަ ކަމަށެވެ.
ބްރިޖު ހުޅުވިިޔަސް ވިލިމާލެ ބާއްވާނީ މިހާރު ވެސް އޮންނަ ގޮތަށް އިންޖީނުލީ އުޅަނދު ނުދުއްވޭ ރަށެއްގެ ގޮތުގައި ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި، ބްރިޖުން ދަތުރުކުރާ އުޅަނދުތައް ޕާކުކުރުމަށް ވިލިމާލޭގައި ޕާކިން ބިލްޑިން ތަރައްޤީކުރުމަށް ހަމަޖެހިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
ސަރުކާރުގެ އަމާޒަކީ 2026 ވަނަ އަހަރުގެ ފަހުކޮޅަށް ބްރިޖުގެ މަސައްކަތް އެއްކޮށް ނިންމާލުމެވެ.