ENGLISH
13 ޑިސެމްބަރު 2025
ހައުސިން މިނިސްޓްރީގައި ރޯވުން: މަސައްކަތް އަލުން ފަށައިގަތުމަށް ޗައިނާއިން 2.8 މިލިއަން ޑޮލަރުގެ އެހީއެއް
11 ޑިސެމްބަރު 2025
|
ހައުސިން މިނިސްޓްރީ އިމާރާތުގައި ހިނގި އަލިފާނުން އަރައިގަންނަން ޗައިނާއިން 2.8 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ފިނޭންސް މިނިސްޓްރީ
ހައުސިން މިނިސްޓްރީ އިމާރާތުގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާއާ ގުޅިގެން، ގެއްލުމުން އަރައިގަތުމަށް ޗައިނާއިން 2.8 މިލިއަން ޑޮލަރުގެ އެހީ ދީފި އެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު ހިނގި އެ ހާދިސާގައި ހައުސިން މިނިސްޓްރީ ހިންގި އިމާރާތާއި، ޖެހިގެން ހުރި ގްރީން ބިލްޑިން ވެސް އެނދިއެވެ. އަލިފާނުގެ ހާދިސާގައި އޭރުގެ ހައުސިން މިނިސްޓްރީ އާއި އިމާރާތްކުރުމާ ބެހޭ މިނިސްޓްރީގެ އިތުރުން އެންވަޔަރަމަންޓް މިނިސްޓްރީ އެއްކޮށް އަނދައި ހުލިވިއެވެ. އެ ހާދިސާއަށް ފަހު އެ މިނިސްޓްރީތަކުގެ މަސައްކަތްތައް މިހާރު ހިންގަނީ ދަރުބާރުގޭގައެވެ.
މިނިސްޓްރީތަކުގެ މަސައްކަތްތަކަށް ބުރޫއެރުމާއި ގުޅިގެން، އެކަންކަމުން އަރައިގަނެ ސަރުކާރުގެ މަސައްކަތްތައް ފެށުމަށް ބޭނުންވާ 2.8 މިލިއަން ޑޮލަރުގެ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގައެވެ.
ޗައިނާގެ މާލީ އެހީތެރިކަމާ ރާއްޖޭގެ ފަރާތުން ޙަވާލުވެވަޑައިގަތީ ވަޒީރު މޫސާ ޒަމީރުއެވެ. ހޭންޑްއޯވަރ ސެޓްފިކެޓްގައި ސޮއިކުރައްވައި، ރަސްމީކޮށް ދިވެހި ސަރުކާރަށް އެހީގެ ތަކެތި ބަދަލުކުރުމުގެ އެއްބަސްވުން ޙަވާލުކޮށްދެއްވީ، ޗައިނާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކޮންގް ޝިންހުއާއެވެ.
ރަސްމިއްޔާތުގައި ވަޒީރު މޫސާ ޒަމީރު ވާހަކަދައްކަވަނީ. ޗައިނާގެ ބޮޑު އެހީއަށް ވަޒީރު ޝުކުރުއަދާކުރެއްވި. ފޮޓޯ: ފިނޭންސް މިނިސްޓްރީ
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު މޫސާ ޒަމީރު ވިދާޅުވީ، މި އެހީތެރިކަމުގެ ސަބަބުން ސަރުކާރުގެ މުހިންމު މަސައްކަތްތައް އަލުން ފެށުމަށް މުހިންމު ދައުރެއް އަދާކުރާނެ ކަމަށެވެ. މި ކުއްލި އެހީގެ ޕެކޭޖްގައި ހާދިސާގައި ގެއްލުނު ތަކެތީގެ ބަދަލުގައި ބޭނުންވާ އޮފީސް ސާމާނާއި ފަރުނީޗަރު ހިމަނާފައިވެއެވެ.
ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ޗައިނާއިން އެހީތެރިކަން ފޯރުކޮށްދިނުމަކީ ހަމައެކަނި ޢަމަލީ އެހީތެރިކަމެއް ނޫން ކަމަށާއި، އެއީ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ މުހިންމުކަން ދައްކުވައިދޭ ކަމެކެވެ.
ވަޒީރު ވަނީ ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އުމްރާނީ ތަރައްޤީއާއި، ތަރައްޤީއަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ދިވެހިރާއްޖޭގެ އެކި ދާއިރާތަކުގެ ޤާބިލުކަން އިތުރުކުރުމަށް ޓަކައި ޗައިނާ ސަރުކާރުން ދެމުންގެންދާ އެއްބާރުލުން ފާހަގަކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުތަކާއި، ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ބައްދަލުކުރެއްވުމުގެ ސަބަބުން ދެ ޤައުމުގެ ދެމެދު އޮތް އިތުބާރު ބޮޑުވެ، އެ ގުޅުން ފުޅާވެފައިވާކަން ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.