ENGLISH

14 ޑިސެމްބަރު 2025

Advertisement

ރައީސްގެ ތަޞައްވުރަކީ އެކަކުވެސް ބާކީނުކޮށް އެންމެންނަށް ފުރުޞަތު ފަހިކޮށްދިނުން: ޝަމާހު

11 ޑިސެމްބަރު 2025

|

ޢަލީ ޝަހީމް

ސްޓެލްކޯގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޝަމާހު ވާހަކަދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަޞައްވުރަކީ މުޖުތަމަޢުގެ އެއްވެސް ފަރާތެއް ބާކީނުކޮށް ހަމަހަމަކަމާއެކު އެންމެންނަށް ފުރުޞަތުތައް ފަހިކޮށްދިނުން ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ޝަމާހު ރަޝީދު ވިދާޅުވެއްޖެއެވެ. 

ސްޓެލްކޯއިން މިއަދު ވަނީ ނުކުޅެދުންތެރިކަން ހުންނަ 30 މީހަކަށް ވަޒީފާ ހަމަޖައްސައިދީ އެކަމުގެ ލިޔުން ޙަވާލުކޮށްފައެވެ. މިއަދު ހެނދުނު ސްޓެލްކޯގައި އޮތް އެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުއެވެ. 

ޖަލްސާގައި ވާހަކަދައްކަވަމުން ޝަމާހު ވިދާޅުވީ ސްޓެލްކޯއަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާ ދިނުމަށް އަބަދުވެސް އިސްނަގައިގެން މަސައްކަތްކުރަމުން އަންނަ ކުންފުންޏެއް ކަމަށެވެ. އަދި، މިފަހަރު ފަހިކޮށްދިން ފުރުޞަތާއެކު ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުފުޅެއް ޙަޤީގަތަކަށް ބަދަލުވެގެންދާތަން ފެނިވަޑައިގަންނަވާ ކަމަށް ޝަމާހު ވިދާޅުވިއެވެ. 

"މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެއްގެ ތެރެއިން ޙަޤީގަތަކަށް ބަދަލުވެގެންދާ ކަމެއް. ރައީސްގެ ތަޞައްވުރަކީ މުޖުތަމަޢުގެ އެއްވެސް ފަރާތެއް ބާކީނުކޮށް ހަމަހަމަކަމާއެކު އެންމެންނަށް ފުރުޞަތުތައް ފަހިކޮށްދިނުން،" ޝަމާހު ވިދާޅުވިއެވެ.   

ޝަމާހު ވިދާޅުވީ މީގެކުރިން ނުކުޅެދުންތެރިކަން ހުންނަ 50 ފަރާތެއް ސްޓެލްކޯގައި ވަޒީފާ އަދާކުރަމުން ދިޔަ ކަމަށެވެ. މިއަދު ވަޒީފާ ހަމަޖެއްސި 30 ފަރާތާއެކު އެ އަދަދު 80 އަށް އިތުރުވެފައިވާކަމަށް ޝަމާހު ވިދާޅުވިއެވެ. 

ސްޓެލްކޯއިން އަލަށް ވަޒީފާ ހަމަޖެހުނު ބައެއް މީހުން. ނުކުޅެދުންތެރިކަން ހުންނަ 30 މީހަކަށް ވަނީ ވަޒީފާގެ ލިޔުން ޙަވާލުކޮށްފަ. ފޮޓޯ: ރައީސް އޮފީސް

ވަޒީފާ ހަމަޖެހިގެން ދިއުމާއެކު އެފަރާތްތަކަށް ދިރިއުޅުމަށް އިތުރުބާރެއް ލިބި، މުޖުތަމަޢަށް ފައިދާތަކެއް ލިބުމާއެކު ޤާބިލުކަމާއި ހުނަރުތައް ތަރައްޤީކޮށް ޤައުމީ މަސައްކަތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވިގެން ގޮސްފައިވާކަމަށް ޝަމާހު ވިދާޅުވިއެވެ. 

ސަރުކާރުން މިއަދު ދައްކަމުންގެންދާ އޯގާތެރި މިސާލު ނަމޫނާއަކަށް ބަލައިގެން އިދާރާތަކުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަހި ފުރުޞަތުތައް ތަނަވަސްކޮދިނުމަށް ޝަމާހު ވަނީ އެދިވަޑައިގެންފައެވެ. 

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ސަރުކާރުން ވަޒީފާ ހަމަޖެއްސުމަށް ފަށާފައިވާ މަސައްކަތުގެ ދަށުން މިހާތަނަށް 350 އަށް ވުރެ ގިނަ ފަރާތްތަކަށް ވަނީ ވަޒީފާ ހަމަޖައްސައިދީފައެވެ. 

ސްޓެލްކޯއިން 30 މީހަކަށް ވަޒީފާ ހަމަޖައްސައިދިންއިރު، މީގެކުރިން ވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ވެސް، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ހަމަޖައްސައިދީފައެވެ. 

ކިޔުންތެރިންގެ ހިޔާލު