ENGLISH

14 ޑިސެމްބަރު 2025

Advertisement

ނުކުޅެދުންތެރިކަން ހުންނަ 30 މީހަކަށް ސްޓެލްކޯއިން ވަޒީފާ ހަމަޖައްސައިފި

11 ޑިސެމްބަރު 2025

|

ޢަލީ ޝަހީމް

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާ ހަމަޖައްސައި ލިޔުން ޙަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަައް ބާރުވެރިކުރުވައި އަމިއްލަ މަސައްކަތުން ހޯދާ އާމްދަނީން އަބުރުވެރި ދިރިއުޅުމެއް އުޅޭ ބަޔަކަށް ހެދުމުގެ ގޮތުން، ސަރުކާރުން ފަށާފައިވާ އެ ފަރާތްތަކަށް ވަޒީފާ ހޯދައިދިނުމުގެ ޕްރޮގުރާމުގެ ތެރެއިން ސްޓެލްކޯއިން 30 މީހަކަށް މިއަދު ވަޒީފާ ހަމަޖައްސައި، އެކަމުގެ ލިޔުން ޙަވާލުކޮށްފިއެވެ. 

ވަޒީފާ ހަމަޖައްސައި އެކަމުގެ ލިޔުން ޙަވާލުކުރުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ސްޓެލްކޯގައެވެ. ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުއެވެ. 

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ އަރިހުގައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް އާއި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ޝަމާހު ރަޝީދު އަދި ދެ އިދާރާގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. 

މިއަދުގެ ރަސްމިއްޔާތުގައި ވަޒީފާ ލިބުނު ފަރާތްތަކަށް ލިޔުން ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުއެވެ. 

މިއަދުގެ ރަސްމިއްޔާތު ފެށުމުގެ ކުރިން ވަނީ، ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހު ކަރަންޓުގައި ޖެހި ފިހުނު ސްޓެލްކޯގެ މުވައްޒަފު އަޙްމަދު އަޒްމީލް މިއަދު ހެނދުނު ނިޔާވުމާ ގުޅިގެން، އެކަމުގެ ހިތާމައިގައި އެއް މިނެޓުގެ ސްކޫތެއް ގެނެސްފައެވެ. 

ސްޓެލްކޯގެ މުވައްޒަފު އަޒްމީލް ނިޔާވުމުގެ ހިތާމައިގައި ގެނައި ސުކޫތު. ފޮޓޯ: ރައީސް އޮފީސް

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާދިނުމަކީ އެންމެންވެސް ޝާމިލުވާ އުފާވެރި މުޖުތަމަޢެއް ބިނާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން ކުރައްވަން ފަށްޓަވާފައިވާ މުހިއްމު މަސައްކަތެކެވެ. 

ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާ ހަމަޖައްސައިދިނުމަކީ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން ގެނެސްދޭނެ ކަމެއް ކަމަށެވެ. 

އެފަދަ މީހުންނަށް ވަޒީފާ ހަމަޖެހިގެންދިއުމަކީ އެކަމުގެ ފައިދާ މުޅި ޤައުމަށް އަދި ޢާއިލާތަކަށް ކުރާނެ ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވިއެވެ. 

ސްޓެލްކޯއިން ނުކުޅެދުންތެރިކަން ހުންނަ 30 މީހަކަށް ވަޒީފާގެ ފުރުޞަތު ތަނަވަސްކޮށްދިންއިރު، މިިދިޔަ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ވަނީ ނުކުޅެދުންތެރިކަން ހުންނަ ހަތަރު މީހަކަށް ވަޒީފާ ހަމަޖައްސައިދީ ލިޔުން ޙަވާލުކޮށްފައެވެ. އަދި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ "ފަހި ޕްރޮގްރާމް" ގެ ދަށުން ނޮވެމްބަރު 20 ވަނަ ދުވަހު 40 މީހަކަށް ވަޒީފާގެ ފުރުޞަތު ވަނީ ހަމަޖައްސައިދީފައެވެ. 

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ އިޙްތިޞާސްގެ ދަށުން ކުރަމުންގެންދާ މި މަސައްކަތުގެ ތެރެއިން 350 ވަޒީފާގެ ފުރުޞަތު ފަހިކޮށްދީފައިވާކަމަށް، މިއަހަރުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދުވަހާ ގުޅިގެން، ޑިސެމްބަރު 3 ވަނަ ދުވަހު އާއްމުކުރެއްވި ޚިތާބުގައި ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވަނީ ވިދާޅުވެފައެވެ. 

ކިޔުންތެރިންގެ ހިޔާލު