ENGLISH

14 ޑިސެމްބަރު 2025

Advertisement

ކަރަންޓުގައި ޖެހި ފިހުނު ސްޓެލްކޯގެ މުވައްޒަފު ނިޔާވުމުން ރައީސްގެ ތަޢުޒިޔާ

11 ޑިސެމްބަރު 2025

|

ޢަލީ ޝަހީމް

ހުޅުމާލޭގައި ހުންނަ ސްޓެލްކޯގެ ބެކަޕް އިންޖީނުގެ. އަޒްމީލް ނިޔާވީ ބާ އިންޖީނުގޭގައި ހިނގި ހާދިސާގައި ފަރުވާދެމުންދަނިކޮށް މިއަދު. ފޮޓޯ: ސްޓެލްކޯ

ހުޅުމާލޭ ބާ އިންޖީނުގޭގެ ސްވިޗު ގިޔަރަކަށް ދިމާވި މައްސަލައެއް ޙައްލުކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، ހިނގައިދިޔަ ހާދިސާގައި ފިހުނު 43 އަހަރުގެ މުވައްޒަފު މިއަދު ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. 

ހާދިސާގައި ނިޔާވީ ސްޓެލްކޯގައި ސުޕަވައިޒަރެއްގެ މަޤާމުގައި ހުރި އަޙްމަދު އަޒްމީލް (43އ) އެވެ. އަޒްމީލް ނިޔާވީ ބެންކޮކްގައި އިތުރު ފަރުވާދެމުންދަނިކޮށެވެ. 

"ވަޒީފާގެ ވާޖިބު އަދާކުރަމުން ދަނިކޮށް ހިނގި ހިތާމަވެރި ޙާދިސާއެއްގައި ބޮޑެތި އަނިޔާތަކެއް ލިބި، ރާއްޖެއިން ބޭރުގައި ފަރުވާ ދެމުން ދަނިކޮށް، ސްޓެލްކޯގެ ހީވާގި މުވައްޒަފެއް ކަމުގައިވާ އަޙްމަދު އަޒްމީލް ނިޔާވި ޚަބަރު އަޅުގަނޑު އަޑުއެހީ ނުހަނު އަސަރާއި ހިތާމައާ އެކު." ރައީސުލްޖުމްހޫރިއްޔާ ކުރެއްވި "އެކްސް" ޕޯސްޓުގައި ވިދާޅުވެފައިވެއެވެ. 

އަޒްމީލް ނިޔާވުމުގެ ހިތާމައިގައި ސްޓެލްކޯގެ ވެރީންނާއި މުވައްޒަފުންނަޘށް ތަޢުޒިޔާ ވިދާޅުވެ، އަޒްމީލަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި ރައީސުލްޖުމްހޫރިއްޔާ ވަނީ ދުޢާ ދަންނަވައިފައެވެ. 

އަޒްމީލް ހަށިގަނޑުގެ ބޮޑުބައެއް ފިހުނު ހާދިސާ ހިނގީ މިދިޔަ ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހުއެވެ. އިތުރު ފަރުވާއަށް އެއަރ އެމްބިއުލާންސްގައި އަޒްމީލް ތައިލެންޑަށް ގެންދިޔައީ ޑިސެމްބަރު 1 ވަނަ ދުވަހުއެވެ. 

ހާދިސާ ހިނގުމުން އަޒްމީލަށް އެންމެ ފުރަތަމަ ފަރުވާދިނީ ހުޅުމާލެ ހޮސްޕިޓަލުގައެވެ. އޭގެފަހުން އިތުރުފަރުވާއަށް އަޒްމީލް އޭޑީކޭއަށް ބަދަލުކުރިއެވެ. 

ހާދިސާ ހިނގި ދުވަހު ސްޓެލްކޯއިން އާއްމުކުރި ބަޔާނުގައި ބުނީ، ހާދިސާ ހިނގި ވަގުތު އެތަނުގައި ތިބި އެހެން މުވައްޒަފުންގެ އެހީތެރިކަމާއެކު އެމުވައްޒަފަށް ވަގުތުން ފަރުވާ ދިނުމުގެ އިންތިޒާމް ހަމަޖައްސައި، އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު