ENGLISH

14 ޑިސެމްބަރު 2025

Advertisement

ވީއައިއޭގެ ޓާމިނަލް 1 އިން ޗައިނާ އީސްޓާން އެއާލައިންސްއަށް ޚިދުމަތް ދޭން ފަށައިފި

11 ޑިސެމްބަރު 2025

|

އާމިނަތު ނުޒްލާ

ވީއައިއޭ ޓާމިނަލް އެކަކުން ޗައިނާ އީސްޓާން އެއާލައިންސްއަށް ޚިދުމަތްދޭން ފެށި ރަސްމިއްޔާތުގެ ތެރެއިން. --ފޮޓޯ:އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގެ އާ ފަސިންޖަރ ޓާމިނަލް އިން ޗައިނާގެ އެންމެ ބޮޑު އެއް އެއާލައިންކަމަށްވާ، ޗައިނާ އީސްޓާން އަށް ޚިދުމަތް ދޭން ފަށައިފި އެވެ.

ޓާމިނަލް 1 އިން ޗައިނާ އީސްޓާން އެއާލައިންސްއަށް ޚިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިއަންހުއާ އެވެ.

މި ރަސްމިއްޔާތުގައި ރާއްޖޭގައި ހުންނަ ޗައިނާ އީސްޓާން އެއާލައިންސް އޮފީހުގެ ޖެނެރަލް މެނޭޖަރު ލީ ޖިއާ އާއި ވިލާ ޓްރެވެލްސްގެ ސްޓޭޝަން މެނޭޖަރު މުޙައްމަދު ފަޔާޒު އާއި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބާރާހިމް ޝަރީފު މުހައްމަދު އިތުރުން އެމްއޭސީއެލްގެ އިސްވެރިންނާއި އޮފިޝަލުން ބައިވެރިވެ ވަޑައިގެންނެވި އެވެ.

މި ރަސްމިއްޔާތުގައި ޗައިނާ އީސްޓަންގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި، އެ އެއާލައިނުން ފުރި 241 ފަސިންޖަރުންނަށް ވަނީ ހަދިޔާ ދީފަ އެވެ. އަދި ޓާމިނަލް 1 އަށް ކައިރި ކުރި ޗައިނާ އީސްޓާން އެއާލައިންސްގެ  ފުރަތަމަ ފްލައިޓް، MU235 އިން ރާއްޖެ އައި 227 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.

ޗައިނާ ސަރުކާރުން ހިންގާ ޗައިނާ އީސްޓާން އެއާލައިންސް އަކީ ޗައިނާގެ އެންމެ ބޮޑު ތިން އެއާލައިންގެ ތެރޭގައި ހިމެނޭ އެއް އެއާލައިނެވެ. މި އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފެށީ އޭޕްރީލް 28، 2007ގަ އެވެ. މިއީ ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި ޗައިނާގެ ހަތަރުވަނަ އެއާލައިނެވެ.

ޗައިނާ އީސްޓާން އެއާލައިންސްއެކު ޓާމިނަލް 1 އިން ޚިދުމަތް ދޭން ފެށި އެއާލައިންތަކުގެ އަދަދު މިހާރު ވަނީ 30 އަށް އިތުރުވެފަ އެވެ. އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށް ވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ޚިދުމަތެއް ފޯރުކޮށްދިނުމެވެ.

ކިޔުންތެރިންގެ ހިޔާލު