ENGLISH

10 ޑިސެމްބަރު 2025

Advertisement

ފަތުރުވެރިކަމުގެ އައު ދަތުރަކާއެކު ދިވެހީންގެ އުންމީދުވެސް އައު ވެއްޖެ!

10 ޑިސެމްބަރު 2025

|

މުޙައްމަދު ސަދާދު

އާދައިގެ އެންމެ ރިސޯޓަކުން ފެށި ދިވެހި ފަތުރުވެރިކަމަށް ބައި ގަރުނަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، މިއަދު މި ސިނާއަތް އެތައް ކުރިއެރުންތަކެއް ހޯދައިފިއެވެ. އެއް ރިސޯޓުން ސަތޭކަ އެތައް ރިސޯޓަކަށް ވެއްޖެއެވެ. ގެސްޓްހައުސްތަކާއި ސަފާރީގެ ފަތުރުވެރިކަމަށް ދިވެހީން ފަރިތަވެއްޖެއެވެ. ދިވެހި ފަތުރުވެރިކަމުގެ ބްރޭންޑް މުޅި ދުނިޔެ ފަތަޙަކޮށްފިއެވެ. ފަތުރުވެރިކަން ކުރިއެރުވުމަކީ ދިވެހީންގެ ކުރިއެރުންކަމީ މީހަކު ދެބަސްވާނެ ކަމެއް ނޫނެވެ.

ވީއިރު، މިއަދުވެސް މިސިނާޢަތް ކުރިއެރުވުމަށް އައު ވިސްނުންތަކެއް ވިސްނަން ޖެހެއެވެ. ދެމެހެއްޓެނިވި އީޖާދީ ވިސްނުންތައް އިސްކުރަން ޖެހެއެވެ. އެގޮތުގެ މަތީން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރެއްވި މުޙިއްމު މަސައްކަތްތަކާއެކު، މިއަދު މިސިނާއަތް ހުޅުވިގެން މިދިޔައީ އައު އިންގިލާބަކަށް ކަމުގައިވުން ދުރެއް ނޫނެވެ.

ނިމިދިޔަ މަހު ތަސްދީޤުކުރެވުނު ސްޕެޝަލް އިކޮނޮމިކް ޒޯނު ޤާނޫނުގެ އިސްލާހާއެކު ކުރިއަށްގެންދެވޭ "ސަސްޓޭނަބަލް ޓައުންޝިޕް" މަޝްރޫޢު ތަރައްޤީކުރުމުގެ ހުއްދަ އިންވެސްޓްމަންޓް ބޯޑުން މިއަދު މިވަނީ ދީފައެވެ. "ޕްރޮޖެކްޓް އޭލާ" ގެ ނަމުގައި ނ. އަތޮޅު ދިގުރަށް ފަޅާއި ދެކެނަންފަރުގައި ތަރައްޤީކުރާ 790 މިލިއަން ޑޮލަރުގެ މި މަޝްރޫޢު ވެގެންދާނީ ދެމެހެއްޓެނިވި ތަރައްޤީގެ އަލިގަދަ މިސާލަކަށެވެ. ދިވެހި ފަތުރުވެރިކަމުގެ ޚިދުމަތުގެ އައު ޕްރޮޑަކްޓަކަށެވެ.

ތިމާވެށްޓާއި ދިރޭ ތަކެއްޗަށް އެންމެ ގެއްލުން ކުޑަކޮށް، ދެމެހެއްޓިނިވި ހަކަތައާ ރަށްޓެހި ތަރައްޤީކުރުންތަކަކީ މިފަދަ މަޝްރޫޢުތަކުގެ އަސާސެވެ. މަދުވެގެން 60 އިންސައްތަ ދެމެހެއްޓިނިވި ވަސީލަތްތަކުން ހަކަތަ ފޯރުކޮށްދީގެން ހިންގާ މި މަޝްރޫޢުގައި ދަނޑުވެރިކަމާއި އެކުއަ-ކަލްޗަރ ނިޒާމުތަކަށް ޚާއްސަ ވަކި ރަށެއް ކަނޑައަޅާފައިވެއެވެ. ކުނި މެނޭޖްކުރާ "ސެލްފް ސަފިޝަންޓް" ނިޒާމުތައް އެކުލެވެއެވެ. މިއާއެކު، ކާބަން ފުޓްޕްރިންޓް ކުޑަކުރުމަށާއި ފުޑް ސެކިއުރިޓީ ޔަޤީންކުރުމަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތަށް އާރޯކަމާއި ކުރިއެރުންތަކެއް ލިބިގެންދާނެއެވެ.

ދެހާސް އަށާވީސް ވަނަ އަހަރު އޮޕަރޭޝަނަށް ގެންނަން އަމާޒު ހިފާފައިވާ މި "ސަސްޓޭނަބަލް ޓައުންޝިޕް" ނުވަތަ ދެމެހެއްޓިނިވި ތަރައްޤީއަށް އިސްކަންދީގެން ހިންގާ މި "އަވަށުން"، މަތީ ފަންތީގެ ވަޒީފާތައް އިތުރުކޮށްދީ، އަތޮޅު ފެންވަރުގައި އިޤްތިޞާދީ ހަރަކާތް ކުރިއަރުވާނެއެވެ. އިޤްތިޞާދު ސިންދަފާތު ކޮށްދޭނެއެވެ.

ހަމައެއާއެކު، ލަގްޒަރީ ޓޫރިޒަމްގެ ތަފާތު ޚިދުމަތްތަކާއި، އިންޓަގްރޭޓެޑް ޓޫރިޒަމް ޒޯނުތަކާއި، އެންމެ ޒަމާނީ ޞިއްހީ ޚިދުމަތް ފަދަ އިޖްތިމާޢީ ދާއިރާތައް އެކުލެވޭ މި މަޝްރޫޢާއެކު ދިގު މުއްދަތަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރު ވެގެންދާނެއެވެ. އިޤްތިޞާދަށް ވަންނަ ބޭރު ފައިސާ އިތުރުވެގެންދާނެއެވެ.

ފަތުރުވެރިކަމުގެ ދާއިރާއިން މީހުން ތަމްރީނުކުރާ ބައިނަލްއަޤްވާމީ ފެންވަރުގެ މަރުކަޒުތަކާއެކު މިދާއިރާގެ އިންސާނީ ވަސީލަތް ކުރިއަރައިދާނެއެވެ. ޒަމާނީ ދަނޑުވެރިކަމާއި އެކުއަ-ކަލްޗަރގެ މަސައްކަތާއި، ދުނިޔޭގެ ފެންވަރުގެ ހޮސްޕިޓަލާއި، ދިރިއުޅޭ އާބާދީއަށް ބޭނުންވާ ތަޢުލީމީ މަރުކަޒުތަކާއި މުނިފޫހިފިލުވުމުގެ ޚިދުމަތްތަކާއެކު ސިންދަފާތުވެފައިވާ މަތީ ފަންތީގެ ވަޒީފާގެ ބާޒާރެއް އުފެދިގެންދާނެއެވެ.

މިފަދަ ކިތަންމެ ފައިދާއަކާއެކު ހުޅުވިގެން މިދަނީ ދިވެހި ފަތުރުވެރިކަމުގެ އައު ޞަފުހާއެކެވެ. ފެށިގެން މިދަނީ ދިވެހި އިޤްތިޞާދުގެ އައު ދަތުރެކެވެ. ރޯކުރެވެނީ ދިވެހި އުންމީދުގެ އައު ހުޅުކޮޅެކެވެ. ﷲ ރަޙްމަތުން، ދިވެހީންނަށް މިއަދު ލިބިފައިވަނީ މިފަދަ ޞަފުހާތައް ހުޅުވަން ކެރޭ، މި ހުޅުކޮޅު ނިވުނަނުދީ، މި ދަތުރު ފަހިކޮށް ނިންމާލަދޭނެ ކުޅަދާނަ މާލިމީއެކެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. 

ކިޔުންތެރިންގެ ހިޔާލު