ENGLISH

10 ޑިސެމްބަރު 2025

Advertisement

މިއީ މަސްވެރިންގެ ކަންބޮޑުވުންތަކަށް މައުނަވީ ހައްލު ހޯދައިދޭނެ ސަރުކާރު: ޝިޔާމް

10 ޑިސެމްބަރު 2025

|

މަރިޔަމް ލީމް

މި ސަރުކާރަކީ ދިވެހިރާއްޖޭގެ ހުރިހާ ބާވަތެއްގެ މަސްވެރިންގެ ކަންބޮޑުވުންތަކަށް މައުނަވީ ހައްލެއް ހޯދައިދޭނެ ސަރުކާރުކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މަސްވެރިންގެ ދުވަހާ ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ މަސްވެރި އާއިލާތަކަށް ކުރިޔަށް އޮތީ އުފާވެރި ދުވަސްތަކެއް ކަމަށެވެ.

ބޮޑުކަންނެލި މަސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ބޮޑުކަންނެލި ގަންނަ ވިޔަފާރިތަކަށް ވިއްކާފައި ހުރި ކަންނެއްޔަށް ފައިސާ ނުލިބި ދިގުދެމިގެންދިޔުމާއި މަސްވެރިކަން ރަނގަޅުވާ ދުވަސްވަރު، ކަންނެލީގެ އަގު ދަށްވުމުގެ މައްސަލަކަން ވަޒީރު ފާހަގަކުރައްވާފައިވެއެވެ.

މިކަމުގެ ހައްލެއްގެ ގޮތުން ކަންނެލި މަސްވެރިކަމުގެ ވިޔަފާރީގައި ސަރުކާރުގެ ދައުރު ފުޅާކުރުމަށް ބޮޑުކަންނެލި މަސްވެރިން ހުށަހަޅާފައިވެއެވެ. އަދި އެ ފަރާތްތަކަށް ސަރުކާރުންވި ވަޢުދު، ވީހާވެސް އަވަހަށް ތަންފީޒުކުރެއްވުމަށް ބޮޑުކަންނެލި މަސްވެރިން އެދިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވަނީ ދިވެހި ސަރުކާރުން މިކަމާ ގުޅިގެން ކުރައްވަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލާފައެވެ. އެގޮތުން، ސަރުކާރުން ދަނީ ހުޅުމާލޭގައި ބޮޑުކަންނެލި މަސް ޕްރޮސެސް ކުރުމަށް ޤާއިމްކުރާ ފެސިލިޓީގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ޖެނުއަރީ މަހު ފެށުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ވަމުންކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން މިދިޔަ ޖޫން މަހުން ފެށިގެން ކަންނެލި މަސްވެރިން އެންމެ ބޮޑަށް އެދެމުން ދިޔަ ގޮތަށް، މާލެ ސަރަހައްދުގައި ތެލަށް ހެޔޮ ބަދަލެއް ގެނެސް، ބޭސް ރޭޓްގައި ތެޔޮ ފޯރުކޮށްދިނުމުގެ އިންތިޒާމް، އަންނަ އަހަރުގެ މާޗް މަހުގެ ނިޔަލަށް، އެސްޓީއޯގެ އެހީގައި ލިބިގެންދާނެގޮތް ވަނީ ހަމަޖައްސާފައެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްސަ އިރުޝާދުފުޅާއެކު ނިންމެވި ނިންމެވުމެކެވެ.

މަސްވެރިކަމުގެ ސިނާޢަތް ކުރިއަރުވާ، ތަރައްޤީކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ވަޒީރު، ޝިޔާމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު