ENGLISH
10 ޑިސެމްބަރު 2025
ރާއްޖޭގެ ސަރަހައްދުގައި ވައި ނުސާފުވެ ދުރު ފެންނަ މިންވަރު ދަށްވެއްޖެ
10 ޑިސެމްބަރު 2025
|
މާލެ ސަރަހައްދުގައި ވައި ނުސާފުވުން--ފޮޓޯ:މިހާރު
މާލެ އާއި ރާއްޖޭގެ އެހެން ބައެއް ސަރަހައްދުތަކުގައި މި ދުވަސްވަރު ވައި ނުސާފުވެ ދުރު ފެންނަ މިންވަރު ދަށަށް ގޮސްފައިވާކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.
އެ އިދާރާއިން ބުނީ، ވައި ނުސާފުވެ ދުރު ފެންނަ މިންވަރު ދަށްވެފައިވަނީ ރާއްޖޭގެ ކައިިރި ސަރަޙައްދުތަކުގެ ވައިގެ ދައުރުވުމަށް އަންނަ ބަދަލެއްގެ ސަބަބުން ކަމަށެވެ. އެގޮތުން ވައިގެ ދައުރުވުމަަށް އަންނަ ބަދަލުތަކެއްގެ ސަބަބުން އިންޑިއަން ސަބް ކޮންޓިނެންޓުގެ މަތީގައި އުފެދިފައިވާ ދުން ރާއްޖޭގެ ސަރަހައްދުން ދަތުރުކުރަމުންދާ ކަމަށެވެ.
މި ދުވަސްވަރު މާލެ ސަރަހައްދު ވަނީ ވަރަށް ބޮޑަށް ފުސްވެ، ދުރު ފެންނަ މިންވަރު ވަރަށް ބޮޑަށް ދަށްވެފަ އެވެ. އެގޮތުން ދުރު ފެންނަ މިންވަރު ނުވަތަ ވިސިބިލިޓީ މި ވަގުތު ހުރީ، 7000 މީޓަރުގަ އެވެ.
"އައިކިއު އެއާ" އިން ލަފާކޮށްފައިވާ ގޮތުގައި ވައިގެ ނުސާފުކަން ކުރިއަށް އޮތް ދެތިން ދުވަސް ތެރޭ ކުޑަ ތަންކޮޅެއް ރަނގަޅުވި ނަމަވެސް، އަންނަ ހަފްތާގެ އަންގާރަ ދުވަހާ ހިސާބަށް ދާއިރު މިހާރަށްވުރެ ވެސް ގޯސްވެދާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
މިވަގުތު ހުޅުލެ އަދި އުތުރުން ހަނިމާދޫގެ ރެކޯޑްތަކަށް ބަލާއިރު، މި ދެ ސަރަޙައްދުގައިވެސް ދުރު ފެންނަ މިންވަރު ވަނީ ދަށަށް ގޮސްފަ އެވެ. އެހެންނަމަވެސް މެޓުން ބުނީ ހާލަތު އެހާ ގޯސް ނޫން ކަމަށެވެ.
މިފަދަ ދުވަސްވަރުގައި ވައި ނުސާފުވުމުގެ ސަބަބުން ނޭވާލާ ނިޒާމުގެ ބަލިތައް ތަހައްމަލުކުރާ ފަރާތްތަކާއި ކުޑަކުދިންގެ ސިއްހަތަށް މިކަމުން ނުރައްކާވެދާނެތީވެ، ކަމާ ބެހޭ އިދާރާތަކުން އެކަމަށް ސަމާލުވުމަށް އަންނަނީ އިލްތިމާސްކުރަމުންނެވެ.