ENGLISH

10 ޑިސެމްބަރު 2025

Advertisement

އިހުމާލުވެފައި އޮތް މަސްވެރިކަމުގެ ސިނާޢަތު ކޮޅަށް ޖަހަން މި ސަރުކާރުން ކުރީ ކާމިޔާބު މަސައްކަތްތަކެއް

10 ޑިސެމްބަރު 2025

|

ޢަލީ ޝަހީމް

29 ސެޕްޓެމްބަރު 2025، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކެއުޅުންނާ ބައްދަލުކުރެއްވުން. ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގެންނެވިއިރު، މަސްވެރިކަމުގެ ދާއިރާ ބޮއްސުންލާފައި އޮތުމަކީ އެމަނިކުފާނަށް ކުރިމަތިވެވަޑައިގަތް އެންމެ ބޮޑު އެއް ގޮންޖެހުމެވެ. މަސްވެރިންގެ އޭރު އޮތް އެންމެ ބޮޑު ނުތަނަވަސްކަމަކީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެމްޑީޕީގެ ވެރިކަން ނިމުނުއިރު، މަސްވެރިންނަށް ނުލިބި 250 މިލިއަން ރުފިޔާ އޮތެވެ. 

މަސްވެރިންނަށް ޙައްޤުވާ ފައިސާ ނުލިބި ބޮޑު ބެކްލޮގެއް އޮތުމާއެކު، އެފައިސާ އަނބުރާ ދެވޭނެ ގޮތްތަކެއް ހޯއްދަވަން ރައީސުލްޖުމްހޫރިއްޔާއަށް މަޖުބޫރުވެވަޑައިގަތެވެ. އެމަނިކުފާނުގެ ވެރިކަމަށް ދެ އަހަރު ފުރިގެން ދިޔައިރު، މިހާރު ވަނީ އެ ބެކްލޮގް ސާފުކޮށް، މަސްވެރިންނަށް ޤަވާއިދުން ފައިސާދޭން ފަށައިފައެވެ. މަސްވެރިންގެ އެންމެ ބޮޑު އެއް ނުތަނަވަސްކަމަށް ރައީސުލްޖުމްހޫރިއްޔާ މަސައްކަތްކުރެއްވެވީ ވިސްނުންތެރިކަމާއެކު، އެކަމަށް ދާއިމީ ޙައްލެއް ގެނެވޭނެ ގޮތަކަށެވެ. 

އެމްޑީޕީގެ ވެރިކަމުގައި މިލިއަނުން ނުދީހުރި ފައިސާ މަސްވެރިންނަށް ދެއްކުމަށްފަހު، މިދިޔަ އަހަރުުގެ ޑިސެމްބަރު 9 ވަނަ ދުވަހު ކ. ގާފަރަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، 2024 ޑިސެމްބަރު 10 ވަނަ ދުވަހުން ފެށިގެން މަސް ކިރުވާތާ 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދެއްވަން ފައްޓަވާނެ ކަމަށް އިޢުލާނުކުރައްވައިފައެވެ. ރައީސުލްޖުމްހޫރިއްޔާ އެދުވަހު ދެއްވެވި ޔަޤީންކަމާއެކު މަސްވެރިންނަށް މެދުނުކެނޑި ފައިސާ ދެމުންގެންދާތާ މިހާރު މިވަނީ އަހަރެއްވެފައެވެ. 

4 ޑިސެމްބަރު 2024 ގައި ރައީސުލްޖުމްހޫރިއްޔާ ކެއުޅުންނާ ބައްދަލުކުރެއްވުން. މަސްވެރިންގެ ކަންބޮޑުވުންތަކަށް ގިނަ ޙައްލުތަކެއް ފުރަތަމަ ދެއަހަރު ވަނީ ގެނެސްފައި. ފޮޓޯ: ރައީސް އޮފީސް

މަސްވެރިންނަށް ޤަވާއިދުން ފައިސާދޭން ފެށިތާ މިހާރު އަހަރެއްވެފައިވާއިރު، މިހާތަނަށް 900 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަމަށް މިފްކޯއިން އެންމެ ފަހުން އާއްމުކުރި ތަފާސްހިސާބުގައި ވަނީ ބުނެފައެވެ. 

ސަރުކާރުގެ ދެއަހަރުގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ނޮވެމްބަރު 17 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، 2023 ވަނަ އަހަރުގެ ނޮވެމްބަރު 17 އިން ފެށިގެން 2025 ވަނަ އަހަރުގެ ނޮވެމްބަރު 15 ވަނަ ދުވަހާ ހަމައަށް މަސްވެރިންނަށް 1.76 ބިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ. 

މަސްވެރިންނަށް ޤަވާއިދުން ފައިސާ ދިނުމުގެ ސިޔާސަތެއް ތަންފީޒުކުރުމުގެ އިތުރުން ސަރުކާރުން އަންނަނީ މަސްވެރިންގެ އިތުރު ކަންބޮޑުވުންތަކަށް ވެސް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، ދ. މީދޫ، ދ. ބަނޑިދޫ، ށ. ފުނަދޫ އަދި ގއ. ގެމަނަފުށީގައި އައިސް ޕްލާންޓްތައް ޤާއިމުކޮށް މިހާރު ވަނީ އޮޕަރޭޝަނަށް ގެނެސްފައެވެ. އިތުރު ހަ ރަށުގައި އައިސްޕްލާންޓްތައް ޤާއިމުކުރުމުގެ މަސައްކަތް ފަށާފައިވާއިރު، 2026 ވަނަ އަހަރުގެ ބަޖެޓުގައި އަށް ރަށެއްގައި އައިސްޕްލާންޓްތައް ޤާއިމުކުރުމަށް ވަނީ ހިމަނައިފައެވެ. 

ކަށިމިޔަރުގެ މަސްވެރިކަން ކުރުމަށް މިއަހަރުގެ ނޮވެމްބަރު 1 ގައި އާއްމުކޮށް ހުޅުވާލުމާއި، "ފްރޮމް މޯލްޑިވްސް" ގެ ނަމުގައި މަސްވެރިކަމުގެ އުފެއްދުންތަކަށް ޚާއްޞަ އާ ޤައުމީ ބްރޭންޑެއް ތަޢާރަފްކުރުމަކީ ވެސް މަސްވެރިކަމުގެ ދާއިރާއަށް ސަރުކާރުން ގެނައި ބޮޑު ބަދަލެކެވެ.

މިއަހަރުގެ ޖަނަވަރީ މަހު، ރައީސުލްޖުމްހޫރިއްޔާ ގއ. ކޫއްޑޫގެ މަސްވެރިންތަކަކާ ބައްދަލުކުރައްވަނީ. އުފެއްދުންތެރިކަމުގެ ނިސްބަތުން އެންމެ ބޮޑު ހިއްސާވާ ސިނާޢަތަށް މަސްވެރިކަން ހެއްދެވުމަށް ގިނަ މަސައްކަތަކެއް ގެންދަވަނީ ކުރައްވަމުން. 

ކޯލްޑްސްޓޯރޭޖުތަކުގެ ކެޕޭސިޓީ އިތުރުކުރުމަކީ ވެސް ސަރުކާރުން މަސްވެރިކަމަށް ގެންނާނެ ބޮޑު ކުރިއެރުމެކެވެ. އެގޮތުން، މިހާރު ރާއްޖޭގައި ރައްކާކުރެވޭ 9500 ޓަނުގެ މަސް، ފެލިވަރުގެ އެކްސްޕޭންޝަނާއެކު 2026 ގެ މޭމަހުގެ ނިޔަލަށް 4000 ޓަނުގެ މަސް އިތުރަށް ރައްކާކުރެވޭނެއެވެ. ފަސް އަހަރު ނިމޭއިރު ސަރުކާރުގެ އަމާޒަކީ އެ ކެޕޭސިޓީ 24،500 ޓަނުގެ މަސް ރައްކާކުރެވޭ ވަރަށް އިތުރުކުރުމެވެ. 

މަސްވެރިކަމަށް ސަރުކާރުން ގެންނަ އިތުރު ކުރިއެރުންތަކަށް ބަލާއިރު، އާރުއެސްޑަބްލިއު ސިސްޓަމް ނުވަތަ ލޮނުފެނުން އައިސް އުފައްދާ ނިޒާމް އޮޑިދޯނިފަހަރުގައި ހަރުކުރުމަށް ލުއި ލޯނަށް ހުޅުވާލުން ހިމެނެއެވެ. އެކަމަށް ސަރުކާރުން ވަނީ 44.99 މިލިއަން ރުފިޔާގެ މާލީ އެހީދިނުމަށް ކަނޑައަޅައިފައެވެ. 

މަސްވެރިކަމުގެ ބިނާރު ތަރައްޤީކުރުމަށް ކުރިއަށް ވެސް މުހިއްމު މަޝްރޫޢުތަކެއް ސަރުކާރުން ވަނީ އިޢުލާނުކޮށްފައެވެ. އެގޮތުން، އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިޑީބީ) ފަންޑުގެ ދަށުން ބޮޑުކަންނެލި ޕެކިން ފެސިލިޓީއެއް ހުޅުމާލޭގައި ޤާއިމުކުރުން ހިމެނެއެވެ. އެ މަަސައްކަތް އަންނަ މަހު ފަށާނެއެވެ. އަދި، ކޭނަރީ ޕްރޮޖެކްޓުގެ ދަށުގެ ފ. ނިލަންދޫ އަދި ގދ. ފިޔޯރީގެ މަސް ފެކްޓްރީ ޤާއިމުކުރުމުގެ މަސައްކަތް މިހާރު ވަނީ ކޮންޓްރެކްޓްކޮށްފައެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅަކީ، މަސްވެރިކަމުގެ ސިނާޢަތް ސިންދަފާތުކޮށް ކުރިއެރުވުމުގެ މަސައްކަތްތައް އިސްތިރާޖީ ވިސްނުމުގެ ތެރެއިން ކުރިއަށްގެންދެވުމެވެ. އެ ވިސްނުންފުޅުގައި، މަސްވެރިކަމުގެ ސިނާޢަތް ރާއްޖޭގައި ފުޅާކޮށް، އިޤްތިޞާދީ ސަރަހައްދުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައި، ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން އެންމެ ބޮޑު ޙިއްޞާއެއް އޮތް ސިނާޢަތަކަށް މަސްވެރިކަން ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާތަނަށް ވަނީ ކާމިޔާބު މަސައްކަތްތަކެއް ކުރައްވައިފައެވެ. 


ކިޔުންތެރިންގެ ހިޔާލު