ENGLISH

10 ޑިސެމްބަރު 2025

Advertisement

އިންސާނީ ހައްގުތަކުގެ ދުވަހާ ގުޅިގެން ގުރައިދޫގައި އާއިލީ ހަވީރެއް ބާއްވަނީ

10 ޑިސެމްބަރު 2025

|

މަރިޔަމް ލީމް

ބައިނަލްއަޤުވާމީ އިންސާނީ ހައްގުތަކުގެ ދުވަސް އިހުތިފާލުކުރުމަށް ކ. ގުރައިދޫގައި މިއަދު ހަވީރު އާއިލީ ހަވީރެއް ބާއްވަން ނިންމައިފި އެވެ.

ކޮންމެ އަހަރެއްގެ ވެސް 10 ޑިސެމްބަރަކީ އިންސާނީ ހައްގުތަކުގެ ދުވަސް ކަމުގައިވާއިރު، މި ދުވަސް ފާހަގަކުރުމަށްޓަކައި ބާއްވާ އާއިލީ ހަވީރަކީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން އިސްނަގައިގެން ކުރިޔަށްގެންދާ ހަރަކާތެކެވެ.

މި ހަރަކާތް ކުރިޔަށްދާނީ އިރުމަތީ ފަސްގަނޑުގައި ހަވީރު 4:00 އިން ފެށިގެން އިރުއޮއްސި 6:00 އެވެ.

އެޗްއާރްސީއެމް އިން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ މި އާއިލީ ހަވީރަށް ޒިޔާރަތްކުރާ ފަރާތްތަކުގެ މެދުގައި ގުރުއަތެއްލާނެ ކަމަށެވެ. އަދި ގުރުއަތުން ހޮވޭ ނަސީބުވެރި 10 ފަރާތަކަށް ޚާއްސަ އިނާމްތަކެއް ކަނޑައެޅިފައިވާކަމަށް ބުނެފައިވެއެވެ. އެގޮތުން، 1 ވަނައަށް ހޮވޭ ފަރާތަކަށް 2000 ރުފިޔާއާއެކު މޯލްޑިވިއަން އިން ހުށަހަޅާ އެއް ފަރާތުގެ ޑޮމެސްޓިކް ދެކޮޅު ޓިކެޓް ލިބޭނެއެވެ. ދެވަނަ އަށް ހޮވޭ ފަރާތަކަށް 2000 ރުފިޔާގެ އިނާމެއް އަދި ތިން ވަނަ އަށް ހޮވޭ ފަރާތަކަށް 1500 ރުފިޔާ ލިބޭނެއެވެ. އަދި 7 ފަރާތަކަށް 500 ރުފިޔާގެ އިނާމެއް ލިބޭނެއެވެ.

މި ހަރަކާތްތަކުގައި ބައިވެރިވުމަށް ހިއުމަން ރައިޓްސް ކޮމިޝަނުގެ މުވައްޒަފުން ގުރައިދޫއަށް މިއަދު ޒިޔާރަތްކޮށްފައިވެއެވެ. މި ޒިޔާރަތުގައި ކޮމިޝަނުން މާލެ އަތޮޅު ގުރައިދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އާ ބައްދަލުކުރައްވާފައިވެއެވެ.

އަދި މި ބައްދަލުވުމުގައި ކޮމިޝަނުން ވަނީ، މިއަދުގެ ހަރަކާތްތައް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި ރަށުގެ އެހެނިހެން މުއައްސަސާތަކާއި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމާއި އެހީތެރިކަމަށް ޚާއްޞަ ޝުކުރެއް ދަންނަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު