ENGLISH

10 ޑިސެމްބަރު 2025

Advertisement

މޫދުކޮށީގެ ވިޔަފާރިތަކަށް މެރިކަލްޗަރ ސްކީމެއް ފަށައިފި

10 ޑިސެމްބަރު 2025

|

މަރިޔަމް ލީމް

މޫދުކޮށީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން މެރިކަލްޗަރ ސްކީމެއް މިއަދު ފަށައިފިއެވެ.

އެސްއެމްއީ ޑިޖިޓަލްއާ ގުޅިގެން މި ފެށި ސްކީމްގެ މައިގަނޑު މަޤްސަދަކީ މެރިކަލްޗަރ އޮޕަރޭޝަންތަކަށް ކޮންމެހެން ބޭނުންވާ މޫދުކޮށިތައް ގަތުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމެވެ. މީގެއިތުރުން މެރިކަލްޗަރ އަކީ ދިވެހިރާއްޖޭގައި ކުރިއަރަމުން އަންނަ ސިނާޢަތަކަށް ހެދުމާއި މިހާރު ހުރި ވިޔަފާރިތަކާއި މި ދާއިރާއަށް އަލަށް ވަނުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެހީތެރިވުން ވެސް ހިމެނެއެވެ.

މި ސްކީމްގެ އެހީގައި ރާއްޖޭގައި މިހާރު ހުރި ވިޔަފާރިތައް ފުޅާކުރުމުގެ އިތުރުން އަލަށް މި ދާއިރާއަށް ވަނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ގިނަ ފުރުސަތުތަކެއް ލިބިގެންދާނެއެވެ. އަދި މެރިކަލްޗަރގެ ދާއިރާގައި ފާހަގަކޮށްލެވޭ ހަރުދަނާ ވިޔަފާރިއަކަށް ހެދުމުގެ މަގު ފަހިވެގެންދާނެކަމަށް އެސްއެމްއީ ޑިޖިޓަލް އިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

މޫދުކޮށީގެ ވިޔަފާރިތަކަށް ޚާއްސަކޮށްގެން ހުޅުވާލާފައިވާ މި ސްކީމްގެ ދަށުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިންނާއި އެސްއެމްއީ ޑިޖިޓަލްގެ ފަރާތުން އެކި ގޮތް ގޮތުން އެހީތެރިކަން ލިބިގެންދެއެވެ. އެގޮތުން މެރިކަލްޗަރ ވިޔަފާރި ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް މޫދުކޮށި ފޯރުކޮށްދިނުމަގައި އެހީތެރިވާނެކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ. އަދި މި ކޮށިތައް ހޯދަން ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން އެސްއެމްއީ ޑިޖިޓަލްއިން ފަސޭހަކަމާއެކު އިސްލާމީ ޝަރީއަތުގެ އުސޫލުތަކުގެ ދަށުން ސްޓްރަކްޗާކޮށް މި ތަކެތި ހޯދާދިނުމުގައި އެހީތެރިވާނެއެވެ.

މި ސްކީމުގެ ދަށުން ޖުމްލަ 200 މޫދުކޮއްޓަށް ފައިނޭންސް ކުރެވޭއިރު، ފެސިލިޓީގެ އަދަދުތައް 80،000 ރުފިޔާއިން ފެށިގެން 640،000 ރުފިޔާއަށް އަރާނެއެވެ. މި ސްކީމްގެ ދަށުން ހަ މަސް ދުވަހުގެ މުއްދަތެއް ހިމެނޭގޮތަށް، ހަ އަހަރާ ހަމައަށް ފައިސާ ދެއްކުމަށް ލިބެއެވެ.

" ދިގުމުއްދަތުގެ ރިޕޭމަންޓް ސްޓްރަކްޗާގެ ސަބަބުން އިތުރު ލުޔެއް ލިބި، ފަސޭހަކަމާއެކު ފައިދާ ލިބޭ ފަރާތްތަކަށް މާލީ ކަންކަން ބަލަހައްޓާ ކުރިއެރުމުގެ ފުރުސަތުތައް ލިބިގެންދާނެ " -  މި ސްކީމާ ގުޅޭގޮތުން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވިއެވެ.

މި ސްކީމަކީ މެރިކަލްޗަރގެ ސިނާޢަތް ކުރިއެރުވުމަށް ގައުމީ ފެންވަރުގައި ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމެއްކަން ވެސް ފާހަގަކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު