ENGLISH
07 ޑިސެމްބަރު 2025
ޖީއެސްޓީ އާއި އާމްދަނީއަށް ބޮޑު ކުރިއެރުމެއް ލިބި، އެސްޑީއެފްއަށް 2.4 ބިލިއަން ރުފިޔާ
07 ޑިސެމްބަރު 2025
|
ޖީއެސްޓީ އާއި އާމްދަނީއަށް ބޮޑު ކުރިއެރުމެއް ލިބި، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑް (އެސްޑީއެފް) އަށް ޖަމާކުރި ފައިސާގެ އަދަދު 2.4 ބިލިއަން ރުފިޔާ އަށް އަރާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
ހަފުތާއެކު އެއް ފަހަރު ފިނޭންސް މިނިސްޓްރީން ނެރޭ ފިސްކަލް ޑިވެލޮޕްމަންޓުގެ ރިޕޯޓުގައިވާ ބުނެފައިވާ ގޮތުގައި ޓެކްސް އަދި ޓެކްސް ނޫން އާމްދަނީ، ޚާއްޞަކޮށް ފަތުރުވެރިކަމުގެ ދާއިރާގެ ތަކެއްޗާއި ޚިދުމަތްތަކުން ނެގޭ ޖީއެސްޓީ (ޓީ-ޖީ.އެސް.ޓީ) އާއި ބިން ވިއްކުމާއި ބިން ބަދަލުކުރުމުގެ ފީގެ ގޮތުގައި ލިބޭ އާމްދަނީ ވަރަށް ބޮޑަށް ކުރިއެރުމުގެ ސަބަބުން ދައުލަތުގެ މާލީ ހާލަތު ރަނގަޅުވެފައިވާ ކަމަށެވެ.
ނޮވެމްބަރ، 27، 2025 ގެ ނިޔަލަށް ތައްޔާރުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުން ދައްކާ ގޮތުގައި ޖުމްލަ އާމްދަނީ އާއި ހިލޭ އެހީ 35.0 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިއީ 2024 ވަނަ އަހަރުގެ އެމުއްދަތުގައި ލިބުނު 31.7 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 3.2 ބިލިއަން ރުފިޔާ ނުވަތަ 10.2 އިންސައްތަ އިތުރު އަދަދެކެވެ. މި މުއްދަތުގައި، ކުރީ އަހަރުގެ ޖުމްލަ ޑެފިސިޓާ އަޅައިބަލާއިރު ވަރަށް ބޮޑަށް ކުޑަވެ، ކުރީ އަހަރުގެ 10.2 ބިލިއަން ރުފިޔާއިން 1.4 ބިލިއަން ރުފިޔާއަށް ވަނީ ދަށްވެފައެވެ. މިއީ އާމްދަނީގެ ހާލަތު ވަރުގަދަވުމާއި، ހަރަދުތައް ކޮންޓްރޯލްކުރެވުމުގެ ނަތީޖާއެކެވެ.
ސަރުކާރުގެ އާމްދަނީގެ މައިގަނޑު ބަޔަކީ ޓެކްސް އާމްދަނީއެވެ. ޓެކްސް އާމްދަނީ 24.0 ބިލިއަން ރުފިޔާއިން 26.1 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާއިރު، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 2.1 ބިލިއަން ރުފިޔާ ނުވަތަ 8.8 އިންސައްތަ އިތުރުވުމެކެވެ. ތަކެއްޗާއި ޚިދުމަތްތަކުން ނެގޭ ޓެކްސް (ޖީ.އެސް.ޓީ) އިން ލިބުނު އާމްދަނީ ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ޖުމްލަ ޖީ.އެސް.ޓީ މިދިޔަ އަހަރުގެ އެމުއްދަތުގައި ހުރި 12.82 ބިލިއަން ރުފިޔާއިން 14.37 ބިލިއަން ރުފިޔާއަށް މިއަހަރު އިތުރުވެފައިވާއިރު، މިއީ 1.5 ބިލިއަން ރުފިޔާ ނުވަތަ 12.1 އިންސައްތައިގެ އިތުރުވުމެކެވެ. މީގެ ތެރެއިން، ޓީ-ޖީ.އެސް.ޓީ 8.4 ބިލިއަން ރުފިޔާއިން 9.6 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 1.2 ބިލިއަން ރުފިޔާ ނުވަތަ 14.2 އިންސައްތަ އިތުރުވުމެކެވެ. ޖީ.ޖީ.އެސް.ޓީ ވެސް 4.4 ބިލިއަން ރުފިޔާއިން 4.8 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާއިރު، މިއީ 8.1 އިންސައްތައިގެ ކުރިއެރުމެކެވެ.
ޓެކްސް ނޫން އާމްދަނީ ވެސް ވަނީ ކުރިއެރުން ހޯދާފައެވެ. ޖުމްލަ ޓެކްސް ނޫން އާމްދަނީ 8.6 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، 2024 ވަނަ އަހަރުގެ އެމުއްދަތުގައި ލިބުނު 7.2 ބިލިއަން ރުފިޔާއާ އަޅާބަލާއިރު، މިއީ 1.4 ބިލިއަން ރުފިޔާ ނުވަތަ 19.0 އިންސައްތައިގެ އިތުރުވުމެކެވެ. މީގެ ތެރެއިން ހަރުމުދަލުގެ އާމްދަނީގެ ހިއްސާ ބޮޑުވެފައިވާއިރު، އެ ހަފުތާގައި އެންމެ ބޮޑު އިތުރުވުމެއް އައިސްފައިވާ އެއް ބަޔަކީ ބިން ވިއްކުމާއި ބަދަލުކުރުމަށް ނެގޭ ފީ އެވެ. ލޭންޑް އެކުއިޒިޝަން އަދި ކޮންވަރޝަން ފީ 437.2 މިލިއަން ރުފިޔާއިން 558.3 މިލިއަން ރުފިޔާއަށް އިތުރުވެފައިވާއިރު، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 121.1 މިލިއަން ރުފިޔާ ނުވަތަ 27.7 އިންސައްތަ އިތުރުވުމެކެވެ.
ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސް.ޑީ.އެފް) އަށް ފައިސާ ޖަމާކުރުން ވަނީ ފާހަގަކުރެވޭ މިންވަރަކަށް އިތުރުވެފައެވެ. މިއީ ދައުލަތުގެ ބޭރު ފައިސާގެ ލިކުއިޑިޓީ ވަރުގަދަކުރުމާއި، މުސްތަޤްބަލުގައި ދަރަނި އަދާކުރުމުގެ ޤާބިލުކަން ކަށަވަރުކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތް ހާމަކޮށްދޭ ކަމެކެވެ. ނޮވެމްބަރު 27، 2025 އާ ހަމައަށް އެސްޑީއެފްއަށް ޖަމާކުރެވުނު ޖުމްލަ ފައިސާ 2.4 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، 2024 ވަނަ އަހަރުގެ އެ މުއްދަތުގައި ޖަމާކުރެވުނު 1.3 ބިލިއަން ރުފިޔާއާ އަޅާބަލާއިރު، މިއީ 1.1 ބިލިއަން ރުފިޔާ ނުވަތަ 84.9 އިންސައްތަ އިތުރުވުމެކެވެ.
މިދިޔަ އަހަރާ އަޅާބަލާއިރު، ޖުމްލަ ޑެފިސިޓް ވަނީ ބޮޑުތަނުން ކުޑަވެފައެވެ. އެގޮތުން، ބަޖެޓްގެ ޖުމްލަ ބެލެންސް ވަނީ މިދިޔަ އަހަރުގެ އެމުއްދަތުގައި ހުރި 10.2 ބިލިއަން ރުފިޔާގެ ޑެފިސިޓަކުން 1.4 ބިލިއަން ރުފިޔާއަށް ރަނގަޅުވެފައެވެ. އަދި އެމުއްދަތެއްގައި ޕްރައިމަރީ ބެލެންސް ވަނީ 5.9 ބިލިއަން ރުފިޔާގެ ޑެފިސިޓަކުން 2.8 ބިލިއަން ރުފިޔާގެ ސަރޕްލަސްއަކަށް ބަދަލުވެފައެވެ.
ފާއިތުވި ހަފްތާގެ ނިޔަލަށް ޖުމްލަ ޚަރަދުތައް ވެސް ހުރީ މިދިޔަ އަހަރުގެ އެމުއްދަތާ އަޅާބަލާއިރު ދަށްކޮށެވެ. ރިކަރަންޓް އަދި ކެޕިޓަލް ޚަރަދުގެ ޖުމުލަ ވަނީ 42.0 ބިލިއަން ރުފިޔާއިން 36.4 ބިލިއަން ރުފިޔާއަށް ދަށްވެފައެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 5.6 ބިލިއަން ރުފިޔާ ނުވަތަ 13.2 އިންސައްތަ ދަށްވުމެކެވެ. ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީ.އެސް.އައި.ޕީ) ގެ ޚަރަދުތައް ވެސް ހިމެނޭ ކެޕިޓަލް ޚަރަދުތައް ވަނީ 2024 ވަނަ އަހަރުގެ އެމުއްދަތަށްވުރެ ދަށްވެފައެވެ. މިއީ މަޝްރޫޢުތައް ރަނގަޅަށް ތަރުތީބުކޮށް އިސްކަންދިނުން ރަނގަޅުވުމުގެ ނަތީޖާއެކެވެ. ރިކަރަންޓް ޚަރަދު ވަނީ ކޮންމެވެސް ވަރަކަށް އިތުރުވެފައެވެ. އެގޮތުން 30.8 ބިލިއަން ރުފިޔާއިން 31.2 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާއިރު، މިއީ 440.0 މިލިއަން ރުފިޔާ ނުވަތަ 1.4 އިންސައްތަ އިތުރުވުމެކެވެ. މީގެ ތެރެއިން މުސާރަ، އުޖޫރަ އަދި ޕެންޝަންގެ ޚަރަދުތައް ވަނީ 12.41 ބިލިއަން ރުފިޔާއިން 12.92 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 516.0 މިލިއަން ރުފިޔާ ނުވަތަ 4.2 އިންސައްތަ އިތުރުވުމެކެވެ. މި އިތުރުވުމުގެ މައިގަނޑު ސަބަބަކީ ނޮވެމްބަރު 1، 2025 އިން ފެށިގެން ގިނަ ދާއިރާތަކެއްގެ ޕޭ-ހާމަނައިޒޭޝަން ސިޔާސަތު ތަންފީޒްކުރަން ފެށުމެވެ.
ފާއިތުވި ހަފްތާގެ މާލީ ރިޕޯޓުން ދައްކައިދެނީ، ސަރުކާރުން މާލީ ހަރުދަނާކުރުމާއި، މުސާރަ އަދި ޚިދުމަތުގެ އިސްލާޙުތަކާއި، ގައުމީ ތަރައްޤީއަށް އިންވެސްޓްކުރުމުގެ މަޤްޞަދުތައް ކާމިޔާބުކަމާއެކު ހަމަޖައްސަމުން އަންނަ ކަމެވެ. ޖީ.އެސް.ޓީ، ޚާއްޞަކޮށް ޓީ-ޖީ.އެސް.ޓީއިން ބޮޑު ކުރިއެރުމެއް ލިބުމާއި، ބިމާ ގުޅުންހުރި އާމްދަނީ އިތުރުވުމާއި، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރެވޭ ފައިސާ އިތުރުވުމަކީ، މާލީ ހާލަތު އިތުރަށް ހަރުދަނާވެފައިވާކަން ދައްކައިދޭ ކަންކަމެވެ.