ENGLISH

13 އޭޕްރީލު 2026

Advertisement

ޑެންގީ ހުން ޖެހިގެން ރިޕޯޓް ކުރި ކޭސްތައް މާރިޗް މަހު އިތުރުވެއްޖެ

13 އޭޕްރީލު 2026

|

އާމިނަތު ނުޒްލާ

ޑެންގީގެ ކޭސްތައް އިތުރުވުން-- ލިވް ހޮސްޕިޓަލް

މަދިރީގެ ޒަރިއްޔާއިން ޖެހޭ ބައްޔެއް ކަމަށްވާ ޑެންގީ ހުން ޖެހިގެން ރިޕޯޓްކޮށްފައިވާ މީހުންގެ އަދަދު ފެބްރުއަރީ މަހަށްވުރެ މާރިޗް މަހު އިތުރުވެފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފި އެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މާރިޗް މަހު އެކަނި 535 މީހަކު ޑެންގީ ހުން ޖެހިގެން ރިޕޯޓްކޮށްފައިވެ އެވެ. އަދި އެވްރެޖްކޮށް ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައިވެސް ޑެންގީ ރިޕޯޓްކޮށްފައިވާ އަދަދު ގިނަ ކަން ފާހަގަކޮށްލެވެ އެވެ.

ފެބްރުއަރީ މަހު ޑެންގީ ހުން ޖެހިގެން ރިޕޯޓްކޮށްފައިވަނީ 428 މީހުންނެވެ. ފެންރުއަރީ މަހާ އަޅާބަލާއިރު 107 ކޭސް އިތުރަށް މާރިޗް މަހު ރިޕޯޓްކޮށްފައިވެ އެވެ.

ޑެންގީގެ ކޭސްތައް އިތުރުވެފައިވީ ނަމަވެސް، އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓްކޮށްފައިވާ މީހުންގެ އަދަދު، މިދިޔަ އަހަރުގެ މިހާ ހިސާބަށްއަޅާބަލާއިރު ދަށްވެފައިވާކަން އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

ރޯގާ ޖެހިގެން މާރިޗު މަހު ރިޕޯޓްކޮށްފައިވާ މީހުންގެ އަދަދު ފެބްރުއަރީ މަހާ އަޅާ ބަލާއިރު ވަނީ ދަށްވެފަ އެވެ. ފެބްރުއަރީ މަހު 25،010 ކޭސް ރިޕޯޓްކޮށްފައިވާ އިރު ، މާރިޗް މަހު ރިޕޯޓްކޮށްފައިވަނީ 20،761 ކޭސް އެވެ.

އިންފްލުއެންޒާގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ މާރިޗު މަހު އެ ބައްޔަށް ފަސް މީހަކު ވަނީ ފައްސިވެފަ އެވެ. ފެބްރުއަރީ މަހު އިންފުލުއެންޒާއަށް ފައްސިވެފައިވަނީ އަށް މީހުންނެވެ. މިއަހަރު މިހާތަނަށް 1،030 މީހަކު އިންޕްލުއެންޒާއަށް ޓެސްޓުކޮށްފައިވާއިރު، މީގެތެރެއިން 112 މީހުން ވަނީ އެ ބައްޔަށް ފައްސިވެފަ އެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ފެބްރުއަރީ މަހާ އަޅާބަލާއިރު މާރިޗު މަހުގެ މިހާތަނަށް ބޭރަށް ހިންގުން ޖެހިގެން ރިޕޯޓްކޮށްފައިވާ މީހުންގެ އަދަދު ވަނީ ދަށްވެފަ އެވެ. ފެބްރުއަރީ މަހު 8،629 މީހަކު ބޭރަށް ހިންގާ ހޮޑު ލެވޭތީ ޑޮކްޓަރަށް ދައްކާފައިވެ އެވެ. އަދި މާރިޗް މަހު 8429 މީހުން ވަނީ ޑޮކްޓަރަށް ދައްކާފަ އެވެ.

މިއަހަރުގެ ފެބްރުއަރީ މަހާ އަޅާބަލާ އިރު މާރިޗް މަހު، ރާއްޖޭގައި އާއްމުކޮށް ރިޕޯޓް ކުރެވޭ ގައިން ގަޔަށްއަރާ ބަލިތަކުގެ ތެރެއިން ޑެންގީ ހުން ފިޔަވައި އެހެން ބަލިތައް ރިޕޯރޓް ކުރެވުނު އަދަދަ މަދުވެފައިވާކަން އެޗްޕީއޭއިން ހާމަކޮށްފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު