ENGLISH
13 އޭޕްރީލު 2026
ފެނިގެންދިޔައީ ފަނޑިޔާރުގެތަކަށް ނުފޫޒު ނުފޯރުވާނެ ކަމުގެ ހެކި: ނިހާދު
13 އޭޕްރީލު 2026
|
އެމްއެމްޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމުގައި ނިހާދު ބައިވެެރިވެވަޑައިގަންނަވަނީ. --ފޮޓޯ:އެމްއެމްޓީވީ
އެންމެ މަޤްބޫލު
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ މެމްބަރު މުހައްމަދު ސިނާނުގެ ގޮނޑި ގެއްލިފައިވާކަމަށް ސްޕްރީމް ކޯޓުން އިއްޔެ އިއްވި ހުކުމާއެކު ފެނިގެންދިޔައީ ފަނޑިޔާރުގެތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނުފޫޒު ނުފޯރުވާނެ ކަމުގެ އަލިގަދަ ހެއްކެއް ކަމަށް އައްޑޫ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެ އެވެ.
ސިނާންގެ ގޮނޑި ގެއްލުނު ކަމަށް ކަނޑައަޅަން ޣާލިބް ސަލީމް ކިޔާ މީހަކު ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ ސިނާނާއި އިތުރު މީހަކު ބައިވެރިވެގެން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ނެގި ލޯނަކަށް 3.8 މިލިއަން ރުފިޔާ ދައްކަން މިދިިޔަ އަހަރުގެ އޮކްޓޫބަރު މަހު ސ. ހިތަދޫ ކޯޓުން ކުރި ހުކުމާ އެއްގޮތަށް އޭނާ ފައިސާ ނުދައްކާ ކަމަށް ބުނެ އެވެ. ގާލިބް ސަލީމް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި އެދިފައިވަނީ ހުކުމާއި އެއްގޮތަށް ދަރަނި ނުދައްކާތީ މަޖިލިސް މެމްބަރުކަމުގެ ޝަރުތެއް އުނިވެފައިވާކަމަށް ކަނޑައަޅާ ގޮނޑި ގެއްލިއްޖެކަމަށް ކަނޑައަޅާ ދިނުމަށެވެ. މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ އިއްތިފާގުން އިއްވި ހުކުމުގައި ބުނެފައިވަނީ ދަރަނީގެ މައްސަލައެއް ސާބިތުވެ ސިނާނުގެ ގޮނޑި ގެއްލިފައިވާކަމަށެވެ. މިއީ 20 ވަނަ މަޖިލީހުގެ މެމްބަރެއްގެ ގޮނޑި ގެއްލުނު ފުރަތަމަ ފަހަރެވެ.
މި މައްސަލައާ ގުޅިގެން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމު ފުރުއްވަމުންދާ ނިހާދު ވިދާޅުވީ ސިނާނުގެ ގޮނޑި ދިފާއުކުރުމަށް ޕީއެންސީގެ ފަރާތުން އެތައް މަސައްކަތްތަކެއް ކުރި ކަމަށެވެ .
"ޕާޓީއަށް ގޮނޑި ވަރަށް މުހިންމު ވެސްމެ. އެހެނަސް ވައުދާ އެއްގޮތަށް ކޯޓުތައް މިނިވަންކުރެއްވި،". ނިހާދު ވިދާޅުވި އެވެ.
ޝަރުއީ ދާއިރާގެ މިނިވަންކަން ކަށަވަރު ކޮށްދިނުމަކީ ރައީސް މުއިއްޒުގެ ހާއްސަ ވައުދުފުޅެކެވެ. 17 ނޮވެމްބަރު 2023 އިން ފެށިގެން، ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ދުވަހުން ފެށިގެން، ދިވެހިރާއްޖޭގެ ކޯޓުތައް މިނިވަންވެފައިވާ ކަމަށާއި، އެދުވަހުން ފެށިގެން ސަރުކާރުން ކޯޓުތަކަށް އެއްވެސް ނުފޫޒެއް ނުފޯރުވާނެކަމުގެ ފުރިހަމަ ޔަގީންކަން ރައީސް އަންނަނީ ތަކުރާރުކޮށް ދެއްވަމުން ނެވެ.