ENGLISH
04 ޑިސެމްބަރު 2025
ކެރަމް ވޯލްޑް ކަޕް: ފިރިހެނުންގެ ޓީމް އިވެންޓްގެ ދެވަނަ މެޗުން ވެސް ރާއްޖެ މޮޅުވެއްޖެ
04 ޑިސެމްބަރު 2025
|
މިހާރު ކުރިއަށްދާ ކެރަމް ވޯލްޑް ކަޕް މުބާރާތުގެ ތެރެއިން. ފޮޓޯ: ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް
މިހާރު ކުރިއަށްދާ ހަތްވަނަ ކެރަމް ވޯލްޑް ކަޕްގެ ފިރިހެނުންގެ ޓީމް އިވެންޓްގެ ގްރޫޕް ސްޓޭޖުގެ ދެވަނަ މެޗުގައި ޔޫކޭ އަތުން ވެސް ރާއްޖެ މޮޅުވެއްޖެއެވެ.
މުބާރާތުގެ ފިރިހެނުންގެ ޓީމް އިވެންޓްގެ މެޗުގައި ޔޫކޭގެ މައްޗަށް ރާއްޖޭން ކުރިހޯދީ ސީދާ ތިން ގޭމުންނެވެ.
އެގޮތުން، މި އިވެންޓްގެ ޑަބަލްސް މެޗުގައި ރާއްޖޭގެ އިބްރާހިމް ހުޖާން އަލީ އާއި އާދަމް އަދީލްގެ ޕެއާ ވަނީ ސީދާ ދެ ސެޓުން ޝުއާބް އަހުމަދު އާއި ރަފައެލް ޑިކްސް ބަލިކޮށްފައެވެ. މި މެޗުގެ ސެޓުތައް ހުޖާން އާއި އަދީލް ކާމިޔާބުކުރީ 25-5، 25-1 އިންނެވެ.
މި އިވެންޓްގައި ކުޅުނު ސިންގަލްސް މެޗުގައި ރާއްޖޭގެ ހަސަން ނާޒިމް ވަނީ ޔޫކޭގެ ވިނޯދް އަތުން ސީދާ ދެ ސެޓުން މޮޅުވެފައެވެ. މި މެޗުގެ ސެޓުތައް ނާޒިމް ގެންދިޔައީ 25-0، 25-7 އިންނެވެ.
ސިންގަލްސް ދެވަނަ މެޗުގައި ރާއްޖޭގެ އިސްމާއިލް އަޒްމީން ވަނީ ސީދާ ދެ ސެޓުން ޔޫކޭގެ ޕްރަޝާންތު ބަލިކޮށްފައެވެ. މި މެޗުގެ ސެޓުތައް އަޒްމީން ކާމިޔާބުކުރީ 25-6، 25-1 އިންނެވެ.
ފިރިހެނުންގެ ޓީމް އިވެންޓްގައި ރާއްޖޭ ހިމެނުނު ގްރޫޕް ސީ ގައި ދެން އޮތީ ގަތަރުގެ އިތުރުން ޔޫކޭ އާއި ފްރާންސް-ޖާމަނީ އެވެ.
ބާސެލޯ ނަސަންދުރާގައި ބާއްވާ މި ފަހަރުގެ ކެރަމް ވޯލްޑް ކަޕްގައި މުޅި ދުނިޔޭގެ އެކި ބައްރުތަކުން 17 އަށް ވުރެ ޤައުމުން ގާތްގަނޑަކަށް 150 އަށްވުރެ ގިނަ އެތުލީޓުން ވާދަކުރެ އެވެ.
ކެރަމް ވޯލްޑް ކަޕަކީ އައީސީއެފް އިން ބާއްވާ އެންމެ ޝަރަފުވެރި މުބާރާތެވެ. ރާއްޖޭގައި އެންމެ ފަހުން ކެރަމް ވޯލްޑް ކަޕެއް ބޭއްވީ މީގެ 11 އަހަރު ކުރީންނެވެ. އެއީ، 2014 ވަނަ އަހަރު އެވެ. އެ ފަހަރުގެ މުބާރާތް ބޭއްވީ ސަން އައިލެންޑް ރިސޯޓްގައެވެ.
މިއީ ކެރަމް ވޯލްޑް ކަޕްގެ ހަތްވަނަ މުބާރާތެވެ. މިދިޔަ އަހަރު އެމެރިކާގައި ކުރިއަށްދިޔަ ހަވަނަ ވޯލްޑް ކަޕްގައި ރާއްޖޭން ވަނީ އަންހެން އަދި ފިރިހެން ޓީމް އިވެންޓުން ބްރޯންޒް މެޑެލް ހާސިލްކޮށްފައެވެ.