ENGLISH
01 ޑިސެމްބަރު 2025
2027 އިން ފެށިގެން ސްކޫލްތަކުގެ ޔުނިފޯމް ބަދަލުކުރުމަށް ނިންމައިފި
01 ޑިސެމްބަރު 2025
|
ދެހާސް ހަތާވީސް ވަނަ އަހަރުން ފެށިގެން ސަރުކާރު ސްކޫލްތަކުގެ ރަސްމީ ޔުނިފޯމް ބަދަލުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.
ރާއްޖޭގެ މީޑިއާޔަކަށް ދެއްވި އިންޓަވިއުއެއްގައި އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާއިލް ޝަފީއު ވިދާޅުވީ ސަރުކާރުގެ ސްކޫލްތަކަށް ހަތަރު ކުލައެއް ހަމަޖައްސަވާފައިވާ ކަމަށެވެ.
އެއީ ގައުމީ ދިދައިގެ ތިން ކުލަ ކަމަށްވާ ފެއްސާއި ރަތާ އަދި ހުދުގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީގެ ކުލަ ކަމުގައިވާ ނޫކުލައެވެ.
މިނިސްޓަރ ވިދާޅުވި ގޮތުގައި ޔުނީފޯމަށް ބޮޑު ބަދަލެއް ގެންނަން ނިންމެވި ސަބަބުތަކެއް ވެއެވެ. އެއީ އެކަމުގައި ސްކޫލުތަކާއި ބެލެނިވެރިންގެ ޝަކުވާ ބޮޑުވުމުންނެވެ. އަދި މި އުސޫލަށް އަމަލުކުރަން ފެށުމުން ޔުނީފޯމް އަގުހެޔޮވެ، އޭގެ މޮނޮޕޮލައިޒްކުރުން ހުއްޓުވޭނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. ސްކޫލްތަކުގެ ޔުނިފޯމް ބަދަލުކުރި ނަމަވެސް 90 އިންސައްތަ ސްކޫލުގެ ޔުނިފޯމް ބަދަލުކުރަން ނުޖެހޭނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިނިސްޓަރ ޝަފީއު ވިދާޅުވީ ދަރިވަރުންގެ ޔުނީފޯމުގެ މަތި ނުވަތަ ގަމީސް، ސްކޫލްތަކުން ބޭނުންވާ ކުލަޔަކަށް ބަދަލުކުރުމުގެ ފުރުސަތު އޮތް ކަމަށެވެ. އެހެންނަމަވެސް ޔުނީފޯމުގެ ތިރީ ބައި ނުވަތަ ފަޓުލޫން ހުންނަންވާނީ ކަޅު ނުވަތަ ނޫ ކުލައިގައި ކަމަށް ވިދާޅުވިއެވެ.
"ސްކޫލަކުން ނިންމަންވީ، އެ ސްކޫލެއްގެ ޔުނީފޯމްގެ ގަމީހުގެ ކުލައަކީ ހުދު ނޫނީ މަޑު ފެހި ނޫނީ މަޑު ރަތް ކުލައޭ. އެގޮތަށް ޔުނީފޯމްގެ ތިރިން ލާން ވެސް ދެ ކުލައިގެ ތެރެއިން ކުލައެއް ބޭނުން ކުރެވޭނެ،" މިނިސްޓަރ ވިދާޅުވިއެވެ.
އަލަށް އަމަލުކުރަން ފަށާ މި ޕޮލިސީއާއެކު އަންހެން ދަރިވަރުންގެ ޔުނީފޯމަށް ބަދަލުތަކެއް އަންނާނެކަން މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ. އެގޮތުން އަންހެން ދަރިވަރުންގެ ޔުނިފޯމް އެޅުމަށް ގިނަ އޮޕްޝަންތަކެއް ލިބިގެންދާނެއެވެ. އޭގެ ތެރޭގައި ބެގީ ކުރަން ބޭނުންވާ ދަރިވަރުންނަށް އެ ފުރުސަތާއި ސްކާޓު ލާން ބޭނުންވާ ކުދިންނަށް އެ ޖާގަ ވެސް ދެން ފަހިވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ސްކޫލްތަކުގެ ރަސްމީ ޔުނިފޯމަށް 2027 އިން ފެށިގެން މި އަންނަ ބަދަލުތަކާއެކު ސްޕޯޓްސް ޔުނިފޯމަށް ވެސް ކުދި ބަދަލުތައް އަންނާނެއެވެ.