ENGLISH
01 ޑިސެމްބަރު 2025
ކުރީގެ ރައީސުންގެ އޮފީސް ޚަރަދު ކަނޑާލައި، ނައިބު ރައީސުންނަށް އިނާޔަތް ދޭން ފާސްކޮށްފި
01 ޑިސެމްބަރު 2025
|
ކުރީގެ ރައީސުންގެ އޮފީސް ހިންގުމުގެ ޚަރަދަށް ދައުލަތުގެ ބަޖެޓުން ކޮންމެ މަހަކަށް ކަނޑައަޅާފައިވާ 175،000ރ. ގެ ފައިސާގެ އިނާޔަތް ކަނޑާލައި، ނައިބު ރައީސްކަންކޮށްފައިވާ ބޭފުޅުންނަށް ގާނޫނުގައިވާ ގޮތުގެ މަތިން އިނާޔަތް ދިނުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ކުރީގެ ރައީސުންނަށް އިނާޔަތް ދިނުމުގެ ގާނޫނު، ގާނޫނު ނަންބަރު 9/2009 (ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި ޢިނާޔަތްތަކާބެހޭ ޤާނޫނު) އަށް ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު، ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު ހުށަހެޅުއްވި އިސްލާހު މަޖިލީހުން މިއަދު ފާސްކުރީ 68 މެންބަރުންގެ ވޯޓާ އެކު އެވެ. މެންބަރު ޝާހިދު، ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ކުރީގެ ރައީސުންނަށް ދޭ ޚާއްޞަ އިނާޔާތްތަކުގެ ތެރެއިން އޮފީސް ހިންގުމުގެ ޚަރަދަށްދޭ 175،000 ރުފިޔާ އުނިކުރުމަށާއި އެ ބޭފުޅުން ދައުލަތުގެ އިތުރު މަގާމެއް އަދާކުރައްވާ ނަމަ ކުރީގެ ރައީސުންގެ އިނާޔަތް ލިބިވަޑައިނުގަންނަވާ ގޮތަށެވެ.
ކުރީގެ ރައީސުންނަށް އިނާޔަތް ދިނުމުގެ ގާނޫނުގެ 8 ވަނަ މާއްދާގައި ބުނެފައި ވަނީ އެ ބޭފުޅުން މުޖުތަމައަށް ފައިދާހުރި އިޖުތިމާއީ މަސައްކަތެއް ކުރެއްވުމަށްޓަކައި ބޭނުންފުޅުވެއްޖެ ހާލަތެއްގައި މަސައްކަތް ކުރައްވާނެ އޮފީހަކާއި މުވައްޒަފުންނާއި އެހެނިހެން ކަންކަން ހަމަޖެއްސުމަށްޓަކައި ކޮންމެ މަހަކު 175،000ރ. އާ ހަމައަށް ދައުލަތުން ފައިސާ ހަމަޖައްސައިދޭން ވާނެ ކަމަށެވެ. އަދި ކުރީގެ ރައީސުންނަށް އިނާޔަތް ދިނުމުގެ ގާނޫނުގައި ބުނެފައި ވަނީ ރައީސުލްޖުމްހޫރިއްޔާކަން އެއް ދައުރު ކުރައްވާފައިވާ ބޭފުޅަކަށް، މާލީ އިނާޔަތެއްގެ ގޮތުގައި ކޮންމެ މަހަކު 50،000ރ. ދައުލަތުން ދޭން ވާނެ ކަމަށެވެ. އެއް ދައުރަށް ވުރެ ގިނަ ދައުރު އަދާކުރައްވާފައިވާ ބޭފުޅަކަށް، މާލީ އިނާޔަތެއްގެ ގޮތުގައި ކޮންމެ މަހަކު 75,000ރ. ދައުލަތުން ދޭން ވާނެ އެވެ. ރައީސްކަން ކުރައްވާފައިވާ ބޭފުޅަކު ދިރިއުޅުއްވާނެ ތަނަކަށް ހިނގާ ހުރިހާ ޚަރަދުތައް ހަމަޖެއްސުމަށް މަހަކު 50,000ރ. އާ ހަމައަށް ދައުލަތުން ފައިސާ ހަމަޖައްސައިދިނުމަށް ވެސް ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ. ޤާނޫނު މިހާރު އޮންނަ ގޮތުން އެއް ދައުރު އަދާކުރައްވާ ކުރީގެ ރައީސުންނަށް ޖުމްލަ 275،000 ރުފިޔާ ލިބެއެވެ.
ރައީސުންގެ އޮފީސް ޚަރަދު ކަނޑާލުމުގެ އިތުރުން، ފަސް އަހަރުގެ ދައުރު ފުރިހަމަކުރައްވާފައިވާ ނައިބު ރައީސުންނަށް އެލަވަންސެއް ދޭ ގޮތަށް ވެސް މެންބަރު ޝާހިދު ވަނީ ޤާނޫނަށް އިޞްލާޙު ހުށަހަޅުއްވައިފަ އެވެ. ޤާނޫނުގައި ނައިބު ރައީސުންނަށް އިނާޔަތް ދިނުމެއް މިހާރަކު ނޯވެއެވެ.
މަޖިލީހަށް ހުށަހެޅި އިސްލާހުގައި ބުނެފައިވާ ގޮތުގައި "ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަން ކޮށްފައިވާ މީހާ" ކަމަށް ބުނެފައި ވަނީ ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގައިވާ ގޮތުގެ މަތިން ރިޔާސަތުގެ ފަސް އަހަރު ދުވަހުގެ ދައުރެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމުގެ މަގާމުގެ ދައުރު ފުރިހަމަކޮށްފައިވާ މީހާއަށެވެ. އަދި ގާނޫނުގެ 10 ވަނަ މާއްދާ އަށް ހުށަހަޅާފައިވާ އިސްލާހުގައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އެ މީހެއްގެ މަގާމުގައި ހުރި އިރު ޖިނާއީ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވާ ވަގުތުން ފެށިގެން، އޭނާ އާއި އޭނާގެ އަނބިމީހާ ނުވަތަ ފިރިމީހާ އަށް މި ގާނޫނުގެ ދަށުން ލިބިދެވޭ އެއްވެސް ރައްކާތެރިކަމަކާއި އިނާޔަތެއް ނުލިބޭނެ އެވެ.
ދައުރު ފުރިހަމަކުރައްވާ ނައިބު ރައީސުންނަށް ދޭން ހުށަހެޅީ 25،000 ރުފިޔާއެވެ. އޭގެ އިތުރުން ނައިބު ރައީސުންނަށް ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ދައުލަތުގެ ޚަރަދުގައި ޞިއްޙީ ޚިދުމަތް ދިނުން ވެސް އިޞްލާޙުގައި ހިމަނާފައިވެއެވެ. މި އިސްލާހު ވެސް މިއަދު ވަނީ މަޖިލީހުން ފާސްކޮށްފަ އެވެ.
އާ ޤާނޫނުއަޞާސީގެ ދަށުން މިހާތަނަށް ހަ ނައިބު ރައީސުން މަޤާމު އަދާކުރެއްވިއިރު، ފަސް އަހަރުގެ ދައުރު ފުރިހަމަކުރެއްވީ މިދިޔަ އެމްޑީޕީގެ ވެރިކަމުގައި ނައިބު ރައީސްކަން ކުރެއްވި ފައިސަލް ނަސީމް އެކަންޏެވެ.
ކުރީގެ ރައީސުންނާއި މަޖިލިސް މެންބަރުންނަށް އިނާޔަތް ކުޑަކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މި އަހަރުގެ ސެޕްޓެމްބަރު 10 ވަނަ ދުވަހު ވިދާޅުވެފަ އެވެ.