ENGLISH
01 ޑިސެމްބަރު 2025
ކައުންސިލްތަކުގެ އިންތިޚާބުގައި ޕީއެންސީ ޕްރައިމަރީގައި ވާދަކުރުމަށް ހުޅުވާލައިފި
01 ޑިސެމްބަރު 2025
|
ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލިކަން އިއުލާންކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕާޓީގެ އިސް ބޭފުޅުން.-- ފޮޓޯ: މިހާރު
އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރުމަށް، ވެރިކަންކުރާ ޕީއެންސީގެ ޕްރައިމަރީގައި ބައިވެރިވުމަށް މިއަދު ހުޅުވާލައިފިއެވެ.
ޕީއެންސީ ޕްރައިމަރީގައި ވާދަކުރުމަށް ޝައުގުވެރިވާ ޕާޓީގެ މެމްބަރުން، ސްކޭންކުރެއްވުމަށް ޚާއްސަ ކިއުއާރް ކޯޑެއް ޕީއެންސީ ސެކްރެޓޭރިއެޓްގެ އެކްސްގައި ވަނީ ހިއްސާކޮށްފައެވެ. އަދި ޕީއެންސީ ވެބްސައިޓް މެދުވެރިކޮށް ވެސް ޕްރައިމަރީ އަށް ހުށަހެޅޭނެއެވެ.
މި އިންތިޚާބުގައި ބައިވެރިވާ ފަރާތްތަކުގެ އެޕްލިކޭޝަން ޕްރޮސެސްކުރުން ކުރިއަށްގެންދާނީ ޕޯޓަލް މެދުވެރިކޮށެވެ.
ޕްރައިމަރީގައި ވާދަކުރުމަށް ހުޅުވާލާފައިވަނީ މިއަދުން މި މަހުގެ 15 ވަނަ ދުވަހުގެ އިރުއޮއްސި 6 އާ ހަމައަށެވެ. ފަނަރަ ދުވަހަށް ހުޅުވާލެވިފައިވާ މި އިންތިޚާބުގައި 1400 އަށް ވުރެ ގިނަ ކެންޑިޑޭޓުން ބައިވެރިވާނެ ކަމަށް ބެލެވެއެވެ.
ޕްރައިމަރާއާ ގުޅޭ ގޮތުން ޕާޓީ އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީން ލޯކަލް ކައުންސިލް އިންތިޚާބަށް ކަނޑައެޅި ކެމްޕޭން މެނޭޖަރު އަދި ޕީޖީ ލީޑަރު އިބްރާހީމް ފަލާޙު ވިދާޅުވީ ޕީއެންސީގެ ޕްރައިމަރީ ވެގެންދާނީ މިހާތަނަށް ދިވެހިރާއްޖޭގައި ބާއްވާ އެންމެ ބޮޑު ޕްރައިމަރީއަށް ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތުތަކާއެކު ޕީއެންސީގެ ފިކުރު ރަށްރަށުގައި ވަރަށް ބޮޑަށް ބަލައިގެންފައިވާ ކަމާއި ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީއެންސީއަށް ކާމިޔާބު ލިބުމަކީ ރައީސް ފައްޓަވާފައިވާ މަސައްކަތްޕުޅުތަކަށް ލިބޭނެ ފަސޭހައެއް ކަމަށް ފަލާޙު ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަންސްއިން ކައުންސިލް އިންތިޚާބު ބާއްވަން ކަނޑައަޅާފައިވަނީ އަންނަ އަހަރުގަ މާރިޗު 28 އެވެ. ކައުންސިލް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުން އިލެކްޝަންސްއަށް އެދި ހުށަހަޅަން ހުޅުވާލާނީ ޖަނަވަރީ 17 ވަނަ ދުވަހުއެވެ.