ENGLISH
02 ޑިސެމްބަރު 2025
އުނދަގޫތަކުން އަރައިގަނެ އެއިޑްސްއާ މެދު ދެކޭގޮތް ބަދަލު ކުރެވިދާނެ
01 ޑިސެމްބަރު 2025
|
ދުނިޔޭގެ އެއިޑްސްގެ ދުވަސް. --ފޮޓޯ:ޑަބްލިއުއެޗްއޯ
މިއަދަކީ ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ ދުނިޔޭގެ އެއިޑްސް ބަލީގެ ދުވަހެވެ.
މި ދުވަސް ފާހަގަކުރަނީ، އެއިޑްސް ބަލި ޖެހުމަށް މަގުފަހިވާ ނުރަނގަޅު އާދަތަކާ ބެހޭގޮތުން މީހުން ހޭލުންތެރިކުރުމަށާއި، މިބަލީގެ ކުރީކޮޅު ފަރުވާ ކުރެވިއްޖެނަމަ އާދައިގެ ދިރިއުޅުމެއް، އުޅުމުގެ ފުރުސަތު އޮތްކަން އަންގައިދީ އެކަމަށް ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުންނެވެ.
ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން މިއަހަރުގެ އެއިޑްސް ދުވަހަށް ކަނޑައަޅާފައިވާ ޝިޢާރަކީ، "އުނދަގޫތަކުން އަރައިގަނެ، އެއިޑްސްއާ މެދު ދެކޭގޮތް ބަދަލުކުރުން" މިޝިޢާރެވެ. މި ޝިއާރުގެ މަޤްޞަދަކީ، އިންސާނީ ހައްގުތައް ރައްކާތެރިކޮށް، 2030 ވަނަ އަހަރާ ހަމައަށް އެއިޑްސް ނައްތާލުމަށްޓަކައި، ސިޔާސީގޮތުންނާއި ބައިނަލްއަޤްވާމީ މުޖުތަމައުގެ އެހީތެރިކަމާއެކު މަސައްކަތް ކުރުމެވެ.
އެއިޑްސް ބަލި ރާއްޖެއިން އެންމެ ފުރަތަމަ ފެނިފައިވަނީ 1991 ވަނަ އަހަރު އެވެ. ރާއްޖޭގައި 2022 ވަނަ އަހަަރާ ހަމައަށް 40 މީހަކަަށް މިބަލި ޖެހިފައިވާކަމަށް ރިޕޯޓްކޮށްފައިވާ އިރު މީގެ ތެރެއިން 2022 ވަނަ އަހަރާ ހަމައަށް 15 މީހަކު ނިޔާވެފައިވާ ކަމަށް ވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފައިވެ އެވެ.
އެއިޑްސް އާއި ހެޕަޓައިޓިސް އަދި ޖިންސީ ގުޅުމުން ފެތުރޭ ބަލިތަކަށް ފަރުވާދިނުމާ ގުޅޭ ގައިޑްލައިނެއް، މިދިޔަ އަހަރު އެއިޑްސް ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގައި ވަނީ އިފްތިތާޙުކޮށްފަ އެވެ. މި ގައިޑްލައިން އިފްތިތާޙު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އެވެ.
އެއިޑްސް ބަލި، މީހުން ސިފަކުރަނީ މަރުބަލީގެ ގޮތުގަ އެވެ. މިބަލި ޖެހުމުން ފަރުވާއެއް ނެތްކަމަށް ގަބޫލުކުރާ މީހުން ވަރަށް ގިނަ އެވެ. އެހެންނަމަވެސް ސިއްޙީ ދާއިރާއަށް ލިބެމުންދާ ކުރިއެރުންތަކާއެކު މިބައްޔަށް ވެސް ގިނަ ފަރުވާތަކެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަން ފާހަގަކުރެއެވެ.
ނަތީޖާއެއްގެ ގޮތުން މިބަލިން އެއްކޮށް ސަލާމަތްނުވެވުނުކަމުގައިވީ ނަމަވެސް، ޒަމާނީ ބޭސްފަރުވާގެ އެހީގައި ހަށިގަނޑުގައި ޖަރާސީމު އަށަގަނެ އިތުވާ މިންވަރު ކުޑަކުރެވި، އިތުރުވާ މިންވަރު ލަސްކޮށްދެ އެވެ. މީގެ ސަބަބުން، ރަނގަޅު ސިއްޙީ އާދަތަކަށް ތަބައަވެގެން އުޅޭނަމަ، ބަލީގައި އުޅުނުކަމުގައިވީ ނަމަވެސް، ދިގު އުމުރެއްގައި އުޅުމުގެ ފުރުޞަތު ލިބެ އެވެ.
އެއިޑްސް ބަލި ޖެހުމަށް މެދުވެރިވާ ސަބަބުތަކަށް ބަލާއިރު، ރައްކާތެރި ނޫން ގޮތުގައި ޖިންސީ ގުޅުން ހިންގުމާއި، ސިރިންޖު ނުވަތަ ކަށިފަދަ ތަކެތި ބޭނުންކޮށްގެން މަސްތުވާތަކެތި ހަށިގަނޑަށް އިންޖެކްޓްކުރުމާއި، ރައްކާތެރި ނޫން ތަޣައްޔަރުވެފައިވާ ލޭ ހަށިގަނޑަށް އެޅުމުގެ އިތުރުން ގާތުން ތުއްތު ދަރިފުޅަށް ދިނުމުގެ ތެރޭގައި ވެސް މިބަލި ޖެހިފައިވާ މީހެއްގެ ފަރާތުން އެހެން މީހަކަށް މި ބަލި ޖެހުމަށް މަގުފަހިވެ އެވެ.
އެއިޑްސް އަކީ ވައިރަސްއެއްގެ ސަބަބުން ޖެހޭ ބައްޔެކެވެ.
ދުނިޔޭގެ ޞިއްހަތު ޖަމްއިއްޔާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އެއިޑްސް ޖެހިފައިވާ 40.8 މިލިއަނަށްވުރެ ގިނަ މީހުން ތިބިކަމަށް ރިޕޯޓްކޮށްފައިވެ އެވެ. އަދި މިދިޔަ އަހަރު އެކަނިވެސް ހަ ލައްކައަށްވުރެ ގިނަ މީހުން މިބަލީގައި މަރުވެފައިވާ ކަމަށްވެ އެވެ. އަދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯ އިން އަންދާޒާކުރާ ގޮތުގައި މިދިޔަ އަހަރު އަލަށް މިބަލި ޖެހިފައިވާ މީހުންގެ އަދަދު 1.3 މިލިއަނަށް އަރާނެކަމަށް ލަފާކޮށްފައިވެ އެވެ.
އެއިޑްސް ބަލިން ރައްކާތެރިވުމަށްޓަކައި ސިއްޙީ މާހިރުން ދެއްވާ ލަފާއާއި އިރުޝާދުތަކަށް ބޯލަނބައިގެން ތިމާގެ ދިރިއުޅުން ބައްޓަންކުރުމަކީ މުހިއްމު ކަމެކެވެ.