ENGLISH
01 ޑިސެމްބަރު 2025
ދިއްފުށީ ފުޓްބޯޅަ ދަނޑުގެ ވަށާ ފާރު ރޭނުމުގެ މަސައްކަތް ނިމުމާގާތަށް
01 ޑިސެމްބަރު 2025
|
ދިއްފުށީ ފުޓްބޯޅަ ދަނޑުގެ ވަށާ ފާރު ރޭނުމުގެ މަސައްކަތް ކުރިއަށްދަނީ. --ފޮޓޯ:އެމްޓީސީސީ
ކ. ދިއްފުށީ ފުޓްބޯޅަ ދަނޑު ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން މިހާރު ކުރިއަށްދަނީ، ވަށާ ފާރުގެ ބީމުގެ ކޮންކްރީޓްގެ މަސައްކަތް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، (އެމްޓީސީސީ) އިން ބުނެފި އެވެ.
އެމްޓީސީސީން ބުނީ ދަނޑުގެ ވަށާ ފާރު ތަރައްޤީކުރުމުގެ 90 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ. މީގެ އިތުރުން ފާރުގައި ސިމިންތި ޖެހުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް އެމްޓީސީސީން ބުންޏެވެ.
ދިއްފުށީ ފުޓްބޯޅަ ދަނޑުގައި ކުރިން ވަނީ ޓާފް އަޅައިފަ އެވެ. އެހެންނަމަވެސް ޒަމާނީ ދަނޑެއްގައި ހުންނަންޖެހޭ ވަސީލަތްތަކުގެ ތެރޭގައި ހިމެނޭ ރޮސްޓްރަމް، ޗޭންޖިންގ ރޫމް ފަދަ ވަސީލަތްތައް ދަނޑުގައި ތަރައްޤީކުރެވިފައެއް ނުވެއެވެ.
އެހެންކަމުން، ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށް ފަހު މިފަދަ ވަޞީލަތްތައް މަދު ރަށްރަށުގައި، ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ. މިގޮތުން، ރޭގަނޑު ކުޅެވޭގޮތަށް ދަނޑުތަކުގައި ލައިޓްހަރުކުރުމާއި، ޗޭންޖިންރޫމް އަދި ރޮސްޓްރަމްތައް ތަރައްޤީކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
އުފާވެރި، ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށްޓަކައި، ރައްޔިތުންނަކީ ކުޅިވަރާ އަދި ކަސްރަތުކުރުމަށް ހޭލުންތެރި ބަޔަަކަށް ހެދުމާއެކު، އެ ޚިދުމަތްތައް ރައްޔިތުންނާ ގާތުން ފޯރުކޮށްދިނުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ހަލުވި ދުވެލީގައި ކުރަމުންނެވެ.
އެމްޓީސީސީން އަންނަނީ ވޭތުވެދިޔަ 44 އަހަރުތެރޭގައި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ތަރައްޤީގެ ގިނަ މަސައްކަތްތައް ކުރަމުންނެވެ.