ENGLISH

28 ނޮވެމްބަރު 2025

Advertisement

ހުޅުމާލެ ފޭސް 3 ހިއްކުން އަވަސްކުރުމަށް އިތުރު ޑްރެޖަރެއް ގެނެސް މަސައްކަތް ފަށައިފި

28 ނޮވެމްބަރު 2025

|

ހަސަން އާމިރު

ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ރައީސް ބައްލަވާލައްވަނީ. --ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާ ގޮތުގެ މަތިން ހުޅުމާޅޭ ފޭސް 3 ހިއްކުމުގެ ސްޕީޑް އަވަސް ކުރުމަށް އިތުރު ޑްރެޖަރެއް ގެނެސް ހިއްކުން އަވަސްކުރުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.

މާލޭ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ކުރިއަށްގެންދާ، ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ބިންހިއްކުމުގެ މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާ ގޮތް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ މި މަހު 10 ވަނަ ދުވަހު ބައްލަވާލައްވައިފަ އެވެ.

ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޑެޓް (ސީއެމްސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ އެ މަޝްރޫއުގެ ދަށުން ޖުމުލަ 63 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް ކުރިއަށްގެންދަނީ ބޮސްކާލިސްގެ 22,000 ސީ.ބީ.އެމްގެ ޑްރެޖަރެއްގެ އެހީގައެވެ. މި މަޝްރޫއުގެ ދަށުން މިހާތަނަށް ވަނީ 24 ހެކްޓަރުގެ ބިން ހިއްކާފަ އެވެ.

ހުޅުމާލޭ ފޭސް 3 ހިއްކުމަށް ބޭނުންވާ ޑްރެޖަރ، ޓީ.އެސް.އެޗް.ޑީ ޕްރިންސް ޑެއާ ނެޑަލެންޑެން، ރާއްޖެ އައިސްފައިވާކަން މި މަހު 25 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވެފައިވެ އެވެ. ޑްރެޖަރ ޓީ.އެސް.އެޗް.ޑީ ޕްރިންސް ޑެއާ ނެޑަލެންޑެންގެ އިތުރުން މިހާރު ފޭސް 3 ގައި މޮބިލައިޒްކޮށްފައިވާ ޓީ.އެސް.އެޗް.ޑީ އޮރަންޖީ ނަމަކަށް ކިޔާ ޑްރެޖަރު ވެސް ބިންހިކުމުގެ މަސައްކަތުގައި ބޭނުންކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެ ސަރަހައްދުގެ ތިމާވެއްޓަށް އަސަރުކުރާ މިންވަރު ދެނަގަތުމުގެ މަސައްކަތާއި، އެ އާއި ގުޅުންހުރި އެހެނިހެން ކަންކަން ފުރިހަމަކުރެވުމުން ގިރާވަރު ސަރަހައްދުގައި ބަންޑް ވޯލް ޖެހުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށެވެ.

ހުޅުމާލޭ 3 ހިއްކުމުގެ މަސައްކަތް އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް ނިންމައި، ދެން ދެ ޑްރަޖަރ ވެސް ގިރާވަރު ފަޅު ހިއްކުމަށް ގެންގޮސް ކުރިއަށް އޮތް ދެ ތިން މަސްދުވަހުގެ ތެރޭގައި ގިރާވަރު ފަޅު ހިއްކާ ނިމޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މާލެ ސަރަހައްދުގެ ހައުސިން މައްސަލައަށް ހައްލުހޯދަވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން، ހުޅުމާލޭ ފޭސް 3 ހިއްކުމާއި ގިރާވަރު ފަޅު ހިއްކުމަށް ބޭނުންވާ އިތުރު ޑްރެޖަރު ގެނެސް ބިންހިއްކުމުގެ މަސައްކަތް އަވަސް ކުރައްވާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ މީގެކުރިން ވަނީ ހާމަކުރައްވާފައެވެ.

ރަސްމާލޭން ހިއްކާ 1،100 ހެކްޓަރުގެ ބިން ހިއްކުން ބާރު ސްޕީޑުގައި ކުރިއަށް ގެންގޮސް ކުރިއަށް އޮތް ފަސް މަހެއްހާ ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު