ENGLISH
28 ނޮވެމްބަރު 2025
ރައީސް ނަޝީދަށް މަރުގެ އިންޒާރު ދިން މީހަކު ދިހަ އަހަރަށް ޖަލަށްލާން ހުކުމްކޮށްފި
28 ނޮވެމްބަރު 2025
|
ރައީސް މުހައްމަދު ނަޝީދު
ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު އަވަހާރަކޮށްލާނެ ކަމުގައި ބުނެ ސޯޝަލް މީޑިޔާ މަންސަތަކުގައި އިންޒާރުދިން މީހެއްގެ މައްޗަށް ދިހަ އަހަރުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.
މި މައްސަލާގަައި ފާއިތުވި ބުދަ ދުވަހު ދިހަ އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ ހ.ލައިޓްނައިޓް އިސްމާއީލު ޔާސިފުގެ މައްޗަށެވެ. އޭނާ ރައީސް ނަޝީދު އަވަހާރަކޮށްލާނެކަމަށް އިންޒާރުދިނީ 2021 ވަނަ އަހަރު ސޯޝަލް މީޑިޔާގައި އާއްމުކުރި ޕޯސްޓެއްގައެވެ.
ސޯޝަލް މީޑިޔާގައި ރައީސް ނަޝީދަށް މަރުގެ އިންޒާރު ދިނުމަށްފަހު، ފުލުހުންގެ ތަހުގީގުގެ މަރުހަލާގައި އަދި ކޯޓުގައިވެސް ޔާފިސްވަނީ އެ އިންޒާރު ތަކުރާރުކޮށްފައެވެ.
މި މައްސަަލާގައި ދައުލަތުން ޔާފިސްގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ ހަމަލާއެއް ދިނުމަށް އިންޒާރުދިން ކަަމުގެ ކުށުގެ ދައުވާއާއި ޓެރަރިޒަމުގެ އަމަލެއް ހިންގުމަށް ހިތްވަރުދިނުމުގެ ކުށުގެ ދައުވާގެ އިތުރަށް ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގެ ދައުވާއެވެ.
މި ތިން ދައުވާވެސް އޭނާގެ މައްޗަށް ސާބިތުވާކަމަށް ކޯޓުން ކަނޑައެޅިއެވެ. އެގޮތުން ޓެރަރިޒަމްގެ އަމަލެއް ހިންގާނެކަމަށް ބުނެ އިންޒާރު ދިން މައްސަަލާގައި ތިން އަހަރުގެ ޖަލު ހުކުމެއް އަދި ޓެރަރިޒަމްގެ އަމަލެއް ހިންގުމަށް ހިތްވަރުދިނުމުގެ ދައުވާ ސާބޮތުވެ ފަސް އަހަރުގެ ހުކުމެއް ޔާފިސްގެ މައްޗަށް އިއްވިއެވެ. ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކުރާކަން ސާބިތުވުމާ ގުޅިގެން ދެ އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވެއެވެ.
2021 ވަނަ އަހަރުގެ މޭ މަހުގެ ހަވަނަ ދުވަހުގައި މާލޭގެ މަޖީދީ މަގުގައި އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅު ކައިރިން އެއްޗެއް ގޮއްވާލައިގެން ނަޝީދު އަވަހާރަކޮށްލުމަށް ބޮމުގެ ހަމަލާއެއް ދީފައިވެއެވެ. ހަނި ގޮތަކަށް ހަމަލާއިން ސަލާމަތްވެވަޑައިގެންނެވި ނަމަަވެސް ބޮޑެތި ޒަހަމްތަކެއް އެ ހަމަަލާގެ ސަބަބުން ލިބިވަޑައިގަތެވެ.
ޔީފަސް ނަޝީދަށް އަމާޒުކޮށް މީސްމީޑިޔާގައި އިންޒާރުދިނީ އެ ހަމަލާއަށް މަސްތަކެއްވީ ފަހުން އޯގަސްޓު 23، 2021 ވަނަ ދުވަހުއެވެ.