ENGLISH

28 ނޮވެމްބަރު 2025

Advertisement

ކުދި ވިޔަފާރިތަކުގެ އަގު ވަޒަންކުރަން ބާއްވާ އެމްއެސްއެމްއީ އެވޯޑް ދިނުން މިރޭ

28 ނޮވެމްބަރު 2025

|

ހަސަން އާމިރު

ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ހޯދަމުންދާ ކާމިޔާބީތައް ފާހަގަކޮށް، އެ ވިޔަފާރިތަކަށް ހިތްވަރު ދިނުމުގެ ގޮތުން، އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާގެ އިސްނެންގެވުމާއެކު ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ދިނުމަށް ހަމަޖެހިފައިވާ "މޯލްޑިވްސް އެމްއެސްއެމްއީ އެވޯޑްސް 2025" ދިނުމުގެ ހަފުލާ މިރޭ އޮންނާނެއެވެ.

މިއީ ރައްޖޭގައި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މިގޮތަށް ދެވޭ ފުރަތަމަ އެވޯޑެވެ.

ސޯޝަލް ސެންޓަރގެ އިންޑޯރ ހޯލުގައި ބާއްވާ މި ޙަފްލާގައި ދެ ގިންތިއަކުން 22 ވިޔަފާރިއަކަށް އެވޯޑު ދޭނެއެވެ. މީގެތެރޭގައި ހިމެނެނީ ފަނޑިޔާރުން ހޮވާ ވިޔަފާރިތަކަކާއި، ޢާންމުންގެ ވޯޓާއެކު ހޮވާފައިވާ މަޤުބޫލު ވިޔަފާރިތަކެކެވެ. މި ދެ ގިންތީގެ ތެރެއިން ފަނޑިޔާރުންގެ މާކުހާއެކު ހޮވޭ ގިންތީގައި 13 ދާއިރާ ހިމެނޭއިރު، ޢާންމުންގެ މަޤުބޫލުކަމާއެކު ހޮވާ ގިންތީގައި ހިމެނެނީ 11 ދާއިރާއެވެ.

މި އެވޯޑާއެކު ކުދި ވިޔަފާރިތަކުން ކުރަމުންދާ މަސައްކަތްތަކުގެ އަގު ވަޒަންކުރެވި، އައު ބާޒާރުތަކަށް މަގުފަހި ވުމުގައި އިތުރު ބާރަކަށް ވެގެންދާނެ އެވެ. ދިވެހި މަސައްކަތްތެރިންނާއި ވިޔަފާރިތަކުގެ އުފެއްދުންތެރިކަމާއި، ހުނަރު، އަދި ކުރިއެރުން ފާހަގަކުރުމަށް ދެވޭ މި އެވޯޑުތަކަށް އެންމެކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ރަނގަޅު ތަރުޙީބެއް ލިބިފައިވެއެވެ.

އެވޯޑު ޙަފްލާ މިރޭ ބާއްވާއިރު، މިއަދު ހަވީރުން ފެށިގެން ސޯޝަލް ސެންޓަރގެ ގޯތިތެރޭގައާއި އެސަރަޙައްދުގެ މަގުމަތީގައި ޚާއްޞަ ޙަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރާވައިފައެވެ. އެގޮތުން ބޮޑުބެރުގެ ޙަރަކާތްތަކާއި، ކުޑަކުދިންނަށް ބައިވެރިވެވޭ އެކި ޙަރަކާތްތަކުގެ އިތުރުން އޯޕަން ސްޓޭޖުގައި މުނިފޫހިފިލުވުމުގެ ޙަރަކާތްތަކެއް ވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ކާބޯތަކެތީގެ ވިޔަފާރި ކުރާ ފަރާތްތަކުގެ އުފެއްދުންތައް ވިއްކުމަށް ޚާއްޞަ 10 ކިއޮސްކެއް ވެސް އެތަނުގައި ބެހެއްޓި ޚިދުމަތް ދެވެމުންދާނެއެވެ. މި ކިއޮސްކުތަކުގެ ޚިދުމަތް ހަވީރާއި ރޭގަނޑުވެސް ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މޯލްޑިވްސް އެމްއެސްއެމްއީ އެވޯޑަކީ ވިޔަފާރީގެ ރޮގުން ޚާއްސަ ކާމިޔާބީތައް ހޯދާ ފަރާތްތައް ފާހަގަކުރުމަށްޓަކައި، އަހަރަކު އެއް ފަހަރު ބީސީސީން ދިނުމަށް ހަމަޖެހިފައިވާ ޚާއްސަ އެވޯޑެކެވެ.

ކިޔުންތެރިންގެ ހިޔާލު