ENGLISH

28 ނޮވެމްބަރު 2025

Advertisement

ހުޅުމާލޭ ފޭސް 2 ގައި ބައެއް މިސްކިތް ހުޅުވައި، އައު މިސްކިތްތަކެއްގެ މަސައްކަތް ޑިސެންބަރުގައި ފަށާނެ: ރައީސް

28 ނޮވެމްބަރު 2025

|

ޝިފްޒާން އަޙްމަދު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީކުރަމުން އަންނަ ދެ މިސްކިތެއްގެ މަސައްކަތް ކުރިއަށް އޮތް ރަމަޟާން މަހުގެ ކުރިން ނިމޭނެކަމަށާއި، ޑިސެންބަރު މަހުގައި އިތުރު މިސްކިތްތަކެއް އެ ސަރަހައްދުގައި އެޅުމުގެ މަސައްކަތް ފެށޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ރައީސް މިފަދައިން ވިދާޅުވީ ދިއްދޫގައި ތަރައްގީކުރި އިސްލާމީ މަރުކަޒުގެ މަސައްކަތް ނިންމައި އެ މަރުކަޒު މިއަދު ހުޅުވުމާ ގުޅިގެން އެކްސްގަައި ޝާއިއުކުރެއްވި ޕޯސްޓެއްގައެވެ. ސަރުކާރުން މަޝްރޫއުތައް ނިންމުމަށް ވަރަށް ބޮޑު އަހަންމިއްޔަތެއް ދީގެން ކުރަމުން އައި މަސައްކަތުގެ ތެރެއިން ހއ.އިހަވަންދޫ އިސްލާމީ މަރުކަޒު، މިސްކިތާއި، އިސްލާމީ ކުތުބުޚާނާއާއި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮތްޕާއެކު ހުޅުވުމާ ގުޅިގެން ރައީސްވަނީ އެ ރަށުގެ ރައްޔިތުންނަށް ތަހުނިޔާ ވިދާޅުވެފައެވެ. 

މިސްކިތްތައް ބިނާކޮށް ހުޅުވުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭ ކަމެއްކަަން ފާހަގަކުރައްވައި ރަައީސް ވިދާޅުވީ ސަރުކާރުން މަސައްކަތްކުރަމުންދަނީ އަންނަ ރަމަޟާން މަހުގެ ކުރިން ގިނަ އަދަދެއްގެ މިސްކިތް ހުޅުވުމަށް ކަމުގައެވެ. 

އެގޮތުން ސަރުކާރާއި ހެޔޮ އެދޭ ފަރާތްތަކުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބިނާކުރަމުންދާ މިސްކިތްތަކުގެ ތެރެއިން 15 މިސްކިތެއްގެ މަޝްރޫއު ރަމަޟާން މަހުގެ ކުރިން ނިންމައި، އެ މިސްކިތްތަައް ރޯދަމަހަށް ހުޅުވިގެންދާނެ ކަމުގައި ރައީސް ވިދާޅުވިއެވެ. 

ރޯދައިގެ ކުރިން މަސައްކަތް ނިމި ހުޅުވޭ މިސްކިތްތަކުގެ ތެރޭގައި މާލޭގައި އަޅަމުންދާ މިސްކިތަކާއި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާ މިސްކިތްތަކެއް ހިމެނޭނެކަން އެމަނިކުފާނު އިއުލާނުކުރެއްވިއެވެ.

އިތުރަށް ރައީސް ފާހަގަކުރެއްވީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިސްކިތް މަދުކަމުން ދަތިތަކެއް ކުރިމަތިވެފައިވާ ކަމެވެ. އަދި އެ ދަތިތައް ހައްލުކުރުމަށްޓަކައި އެތަނުގައި ދާއިމީ އިތުރު މިސްކިތްތައް ބިނާކުރުމުގެ އަމަލީ މަސައްކަތް ޑިސެންބަރު މަހު ފެށޭނެ ކަމުގައި ވިދާޅުވިއެވެ. 

އެމަނިކުފާނު ވިދާޅުވި ގޮތުގައި މިސްކިތްތަކާއި އިސްލާމީ މަރުކަޒުތައް ސަރުކާރުން ބިނާކުރުމުގެ މަޤުޞަދަކީ ރާއްޖޭގެ ކަންކޮޅުތަކުގައި އިސްލާމީ އެެއްބައިވަންތަކަން ޤާއިމުކޮށް އިސްލާމީ ހިދާޔަތާއި ނޫރާއި ސަގާފަތު ފެތުރުމެވެ. 

ކިޔުންތެރިންގެ ހިޔާލު