ENGLISH
28 ނޮވެމްބަރު 2025
މޫޑީސްގެ ރޭޓިންގެ އައުޓްލުކްއަށް ގެނައި ބަދަލުން ހެޔޮ އަސަރުކުރާނެ ހެއްޔެވެ؟
28 ނޮވެމްބަރު 2025
|
ބައިނަލްއަގުވާމީ މާލީ އިދާރާތަަކާއި މާލީ ބާޒާރުން ފައިސާ ހޯދުމުގައި ދަތިތައް ބޮޑުވެފައިވާ ދަނޑިވަޅެއްގައި، އަދި މާލީ ހާލަތު ތާށިވަމުންދާ ވަގުތެއްގައި ގައުމެއްގެ ކްރެޑިޓް ރޭޓިންއަށް އަންނަ ކުޑަ ބަދަލުންވެސް ވަރަށް ބޮޑު އަސަރެއް އެ ގައުމެއްގެ މާލީ ހާލަތަށް ފޯރުމަކީ އެކަށީގެންވާ ކަމެކެވެ. ބައިނަލްއަގުވާމީ ރައުސުލްމާލުގެ ބާޒާރުގެ ހަވާސާގައި މަސައްކަތްކުރަން މަޖުބޫރުވެފައިވާ ދައުލަތްތަކަށް ސީއޭއޭ2 ނެގެޓިވް އައުޓްލުކަކުން ސްޓޭބަލް އައުޓްލުކަކަށް ބަދަލުވުމަކީ، ނޭވާލާނެ ޖާގައެއް ލިބުމާއި، މާލީ ގޮތުން ބަދެވިފައި އޮންނަ މަޅިއަށް ގަދައަށް ބާރުވުމުގެ ތަފާތެވެ.
ތެދެކެވެ. މޫޑީސްގެ ސީއޭއޭ2 ރޭޓިންއަކީ ދަރަނީގެ ހިރާސް ބޮޑުކަމުގެ ނިޝާނެކެވެ. އަދި އެއީ ކްރެޑިޓް ރޭޓިންގެ ދަށް ފަންތީގެ ރޭޓިންއެކެވެ. ނަމަވެސް މިފަދަ ދަށް ފަންތީގެ ރޭޓިންގައި "އައުޓްލުކް" ނުވަތަ މުސްތަގުބަލު ފެންނަ ގޮތަކީ ކުރިއަށް އޮތް ތަނުގައި އެ ގައުމުގެ މާލީ ހާލަތު އިތުރަށް ހީނަރުވާނެކަަން ނުވަތަ ރަނގަޅުވާނެކަން ވަޒަންކުރުމަށް މުހިއްމު މުއައްޝިރެއް ނުވަތަ އިންޑެކްސްއެކެވެ.
މިފަދަ ދަށް ފަންތީގެ ރޭންކިންގައި "ސްޓޭބްލް" އައުޓްލުކެއް ލިބުމުގެ މުރާދަކީ އިގުތިސާދީ އަދި މާލީ ހާލަތު ނާޒުކުކަމުގައިވީ ނަމަވެސް ހާލަތު މިހާރަށްވުރެ ގޯސްނުވާނެ ކަމުގެ ނިޝާނެކެވެ. ސީއޭއޭ2 ގިންތީގެ ރޭޓިންއެއް ލިބިފައި އޮތް ގައުމަަކަށް ސްޓޭބްލް އައުޓްލުކެއް ލިބުމަކީ ދަތި ހާލަތުން އަރައިގަނެވުމުގެ އުންމީދު ލިބޭ ކަމެކެވެ. އެ އައުޓްލުކް އިންވެސްޓަރުންނަށް ދޭ މެސެޖަކީ ހާލަތު މިހާރު ކޮންޓުރޯލުކުރެވިފައިވާ ކަމެވެ. އިތުރަށް ގޯސްވެ ހާލަތު އިހުނަށްވުރެ ހީނަރުވެގެންނުދާނެ ކަމެވެ.
ސްޓޭބަަލް އައުޓްލުކްއެއް އޮތުމުން ލިބޭ އެއް ފައިދާއަކީ އިންވެސްޓަރުން ދަރަންޏަށް ފައިސާ ދޭ އަގު ނެގެޓިވް އައުޓްލުކްއެއް އޮތް ހާލަަތުގައި ދަރަންޏަށް ފައިސާ ދޭ އަގަށްވުރެ ރަނގަޅުވުމެވެ. ނެގެޓިވް އައުޓްލުކެއް އޮތުމުގެ މާނައަކީ ހާލަަތު އިތުރަށް ހީނަރުވުމުގެ ފުރުސަތު ބޮޑުވުމެވެ. އެހެންކަމުން މާލީ ހާލަތު ހީނަރުވާނެ ކަމުގައި ބެލެވޭ ހާލަތުގައި ދަރަނި ދޭއިރު އިންޓަރެސްޓު ރޭޓު ބޮޑުވާނެއެވެ. ނަމަވެސް އެ ހާލަތު ބަދަލުވެ، އިތުރަށް މާލީ ހާލަތު ހީނަރުނުވާނެ ކަމަަށް ލަފާކުރާނަމަ ދަރަންޏަށް ފައިސާ ދޭއިރު ނަގާ އިންޓަރެސްޓު ރޭޓު ނުވަތަ ޕްރޮފިޓް ރޭޓު ކުޑަވުމުގެ ފުރުސަތު އޮންނާނެއެވެ.
ނެގެޓިވް އައުޓްލުކެއް އޮތްނަމަ އެއީ ކްރެޑިޓް ރޭޓިން އިތުރަށް ދަށްވުމުގެ ފުރުސަތު ބޮޑުވުން ކަމުގައި މާނަަކުރެވެއެވެ. ނަމަވެސް ސްޓޭބްލް އައުޓްލުކެއްގެ މާނައަކީ ކްރެޑިޓް ރޭޓިން ދަށްވުމުގެ ފުރުސަތު ކުޑަވުމެވެ. ތެދެކެވެ. އަދިވެސް މާލީ ހާލަތު ރަނގަޅުކުރުމަށް ކުރަންޖެހޭ ކަންކަން ގިނައެވެ. ނަމަވެސް ރޭޓިން އިތުރަށް ދަށްނުވާނެ ކަމުގެ ޔަގީންކަން އޮންނާނެއެވެ. ބޮޑު ފައިދާ ލިބޭ ގޮތަށް ބާޒާރުގެ ދަރަންޏަށް އިންވެސްޓުކުރާ ފަރާތްތަކުން މި ހާލަތުގައި ދަރަނި ގަތުމާއި ރޯލް އޯވާކުރުމުގެ ފުރުސަތު ނެގެޓިވް އައުޓްލުކެއް އޮންނަ ހާލަަތަށްވުރެ ބޮޑުވާނެއެވެ.
ހަމަައެހެންމެ ނެގެޓިވް އައުޓްލުކްއިން ސަލާމަތްވެވުމަކީ އައިއެމްއެފް، އޭޝިއަން ޑިވެލޮޕްމެންޓު ބޭންކުފަދަ މާލީ އިދާރާތަކާއެކު ރީފައިނޭންސްކުރުމަށާއި، ތަރައްގީގެ ކަންކަމަށް ބޭނުންވާ ފައިސާ ދަރަންޏަށް ހޯދުމަށް ވާހަކަދައްކަައި މަޝްވަރާކުރުމުގައި ސަރުކާރަށް ލިބޭ ކުރިއެރުމެކެވެ. ނެގެޓިވް އައުޓްލުކު އޮންނަ ހާލަތުގައި ދައުލަތަށް މާލީ އިދާރާތަކާމެދު މަޝްވަރާކުރުމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ދައުލަތުގެ މާލީ މުސްތަގުބަލާމެދު ޝައްކުގެ ނަޒަރަކުން ބެލުމަށް އެ އައުޓްލުކްގެ ސަބަބުން މަގުފަހިވުމެވެ.
މިއިން އެއްވެސް ވާހަކައެއްގެ މާނައަކީ ސީއޭއޭ2 ކްރެޑިޓް ރޭޓިންއަކީ ރަނގަޅު ރޭޓިންއެއްކަމަށް ވަކާލާތުކުރުމެއް ނޫނެވެ. ނަމަވެސް އިންތިހާއަށް ބޮޑު ދަރަނި އުފައްދައި، އިގުތިސާދުގެ އަސާސްތައް ވަރަށް ބޮޑަށް ސުންނާފަތިކޮށްފައި އޮތް ދަނޑިވަޅެއްގައި މި ހިސާބަށް ކަންކަން ގެނައުމަކީ ވަރަށް ބޮޑު ކާމިޔާބެއް ކަމުގައި ދެންނެވުމެވެ. އަދި އެއީ މާލީ ހާލަތު އިތުރަށް ރަނގަޅުކުރުމަށް ހުޅުވުނު ދޮރެއްކަން ފާހަގަކުރުމެވެ. މިސްރާބު ރަނގަަޅުކަމުގެ މައްޗަށް ދަލީލުކުރާ ހެއްކެއްކަން ބަޔާންކޮށްދިނުމެވެ.
މާލީ ހާލަތު ރަނގަޅުކުރެވޭނީ މޫޑީސްގެ ރިޕޯޓުގައި ފާހަގަކުރި ރަނގަޅު ކަންކަން އިތުރަށް ހަރުދަނާކުރެވިގެންނެވެ. ޑެފިސިޓު ކުޑަކޮށް، ބޭރު ފައިސާގެ ރަސްމީ ރިޒާވްއާއި، ސޮވެރިން ޑިވެލޮޕްމެންޓު ފަންޑު އިތުރަށް ތިޔާގިކޮށް، އިގުތިސާދުގެ ނާޒުކުކަން ކުޑަކުރުމަށް އައު ސިނާއަތްތައް ތައާރަފުކުރެވިގެންނެވެ. ސްޓޭބްލް އައުޓްލުކާއެކު ތަނަވަސްވީ މި މަގުން ކުރިއަށްދިއުމަށް ސަރާސަރު ރާސްތާއެކެވެ.