ENGLISH

28 ނޮވެމްބަރު 2025

Advertisement

ސިއްޙީ ދާއިރާގެ ގިނަ ކުރިއެރުންތަކެއް ނ.އަތޮޅަށް

28 ނޮވެމްބަރު 2025

|

އާމިނަތު ނުޒްލާ

ނ.އަތޮޅު ހޮސްޕިޓަލްގައި އައިސީޔޫގެ ހިދުމަތް ފެށުން--ފޮޓޯ: ސިއްހީ ވުޒާރާ

ސަރުކާރުގެ އެންމެ މުހިއްމު އެއް ސިޔާސަތަކީ ވަށާޖެހޭ ސިއްޙީ ނިޒާމެއް ގާއިމްކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފަ އެވެ.

އެގޮތުން ރާއްޖޭގެ އެކި ރަށް ރަށުގައި ސިއްޙީ ހިިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން އަންނަނީ ގިނަ މަޝްރޫޢު ތަކެއް ފައްޓަވާ ހަލުވި ދުވެލީގައި ނިންމުމުގެ މަސައްކަތް ކުރަމުންނެވެ.

ސަރުކާރުގެ މި ސިޔާސަތުގެ ދަށުން ނ.އަތޮޅުގެ ތިން ރަށެއްގައި މިވަނީ ސިއްޙީ ދާއިރާފުޅާކުރުމުގެ މުހިއްމު މަސައްކަތްތަކެއް ކުރެވިފަ އެވެ. އެގޮތުން ނ. އަތޮޅު މަނަދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލުގައި ވަނީ އައިސީޔޫ ހިދުމަތް ފަށާފަ އެވެ.

މި ހިދުމަތް ފައްޓަވާދެއްވާފައިވަނީ އެ ހޮސްޕިޓަލްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ސިއްޙީ ވަޒީރު އަބްދުﷲ ނާޒިމް އެވެ.

މަނަދޫ އަތޮޅު ހޮސްޕިޓަލްގެ އައިސީޔޫ ހެދުމުގެ މަޝްރޫޢު 2023 ވަނަ އަހަރު ހަވާލުކޮށްފައިވަނީ އެލްއެމްއޭ އިންވެސްޓްމެންޓްއާ 4،679،588.73 ރުފިޔާ އަށެވެ.

ސަރުކާރުން ސިއްޙީ ދާއިރާގެ ހިދުމަތް، އަތޮޅުތެރެއަށް ފުޅާކުރުމުގެ މަޝްރޫޢުގެ ދަށުން ނ.ލަންދޫ ޞިއްހީ މަރުކަޒުގެ ޚިދުމަތް 24 ގަޑިއިރާށް ބަދަލުކުރުމުގެ އިތުރުން ނ.މާފަރު ޞިއްހީ މަރުކަޒުގެ އައު އިމާރާތުގެ އަމަލީ މަސައްކަތް ވެސް ވަނީ ފަށާފަ އެވެ. މި ދެ މަޝްރޫއުގެ އަމަލީ މަސައްކަތްވެސް ފައްޓަވާދެއްވަފައިވަނީ ސިއްޙީ ވަޒީރު އަބްދުﷲ ނާޒިމް އެވެ.

ނ.އަތޮޅުގެ ރަށްތަކަށް މި ކުރެއްވި ޒިޔާރަތުގައި ވަޒީރު ވަނީ ނ.އަތޮޅުގެ މުވައްޒަފުންނާއި ބައްދަލު ކުރައްވާ މިހާރު ދެމުންގެންދާ ޚިދުމަތް އިތުރަށް ފުޅާ ކުރުމާއި، ޚިދުމަތް ދިނުމަގައި ދިމާވާ ދަތިތައް ހައްލުކުރުމާގުޅޭ ގޮތުން މަޝްވަރާކުރައްވާފަ އެވެ.

ރައީސް ވިދާޅުވީ އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި އެންމެ އިސްކަމެއް ދޭނެ އެއް ދާއިރާއަކީ ސިއްޙީ ދާއިރާކަމަށާއި،އަދި އެންމެ ބޮޑު ހަރަދެއް ކުރުމަށް ހަމަޖެހިފައިވާ ދާއިރާއަކީ ވެސް ސިއްޙީ ދާއިރާކަމަށެވެ. ރައީސް މިފަދައިން ވިދާޅުވީ، މިލަދުންމަޑުލު އުތުރުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރެއްވި ދަތުރުފުޅުގައި، އެ އަތޮޅު ފުނަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސްގެ މި ނިންމުމާއެކު އަންނަ އަހަރަށް ފާސްކުރެވިގެން ދިޔަ ދައުލަގެ ބަޖެޓްއިން، ސިއްޙީ ދާއިރާއަށް ބަޖެޓުގެ 17.9 އިންސައްތަ ހަރަދުކުރުމަށް ވަނީ ނިންމާފައެވެ. މިއީ އެއް ދާއިރާއަކަށް އެންމެ ބޮޑު ޚަރަދުކުރެވިގެންދާނެ ދާއިރާ އެވެ.

ރާއްޖެއިން ބޭރަށް ގޮސް ހަދަންޖެހޭ ޓެސްޓުތަކާއި ސަރޖަރީތައް، ރާއްޖޭގައި ހެދޭނޭ މަގުފަހިކުރުމަށްޓަކައި، 2026 ވަނަ އަހަރު ގިނަ މަސައްކަތްތަކެއް ކުރައްވާނެކަމަށާއި، މާލެ އާއި، ސަރަޙައްދީ ހޮސްޕިޓަލުތަކާއި، ވަކި ވަކި ރަށްތަކެއްގައި ޞިއްޙީ ޚިދުމަތް ފުޅާކުރެއްވުމަށް މަސައްކަތްތައް ކުރިއަށްގެންދަވާނޭކަމަށް ރައީސް ވަނީ ވިދާޅުވެފަ އެެވެ. އަދި މަސައްކަތްތައް ކުރައްވާނީ ޕްރިވެންޓެޓިވް އަދި ކިއުރެޓިވް ހެލްތުކެއަރ އަށް ސަމާލުކަން ދެއްވައިގެންކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު