ENGLISH
28 ނޮވެމްބަރު 2025
އިސްލާމްދީން ވަނީ ފާޙިޝް ކަންތައްތަކާ ދުރުހެލިވުމުގެ އިތުރަށް އެފަދަ ކަންކަމަށް މަގުފަހިކޮށްދޭ ހުރިހާ ކަމެއް ހަރާމްކުރައްވާފައި: ހުކުރު ޚުޠުބާ
28 ނޮވެމްބަރު 2025
|
އިސްލާމްދީން ވަނީ ފާޙިޝް ކަންތައްތަކާ ދުރުހެލިވުމުގެ އިތުރަށް އެފަދަ ކަންތައްތައް ފެތުރުމާއި އެފަދަ ކަންކަމަށް މަގުފަހިކޮށްދޭ ހުރިހާ ކަމެއް ވެސް ޙަރާމްކުރައްވާފައި ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.
"ފާޙިޝް އަމަލުތަކާ ދުރުހެލިވުން" މި މަޢުޟޫއަށް މުޅި ރާއްޖޭގައި މިއަދު ދިން ހުކުރު ޚުޠުބާގައި ބުނީ، الله سُبْحَانَهُ وَتَعَالَى ވަނީ ފާޙިޝް ކަންތައްތަކާ ދުރުހެލިވުމަށް އަހަރެމެންނަށް އަމުރުކުރައްވާފައި ކަމަށެވެ.
އެގޮތުން، ޒިނޭގެ ހަޑިމުޑުދާރު ފާޙިޝް ޢަމަލު ޙަރާމްކަމުގެ ވާހަކަ ބަޔާންކުރުމުގެ ކުރީގައި އެ ކަމަށް މަގުފަހިކޮށްދޭ ޙަރާމް ބެލުންތަކުން ދުރިހެލިވުމަށް ވެސް އަންގަވާފައިވާ ކަމަށް ވެސް ޚުޠުބާގައި ބުނެފައިވެއެވެ.
"الله تَعَالَى ވަނީ ފާޙިޝްކަންތައްތަކާ ދުރުހެލިވުމުގެ އިތުރަށް، އެ ފަދަ ކަންތައްތަކަށް އަރައިނުގަތް ކަމުގައިވީ ނަމަވެސް، ފާޙިޝް ކަންތައްތައް މުސްލިމުންގެ ތެރޭގައި ފެތުރުމަށް ލޯބިކުރާ މީހުންނަށް ދުނިޔެއާއި އާޚިރަތުގައި ވެސް ބޮޑުވެގެންވާ ޢަޛާބުހުރިކަން އަންގަވައިފައެވެ." ޚުޠުބާގައި ބުންޏެވެ.
ޚުޠުބާގައި ބުނީ، ޤައުމެއްގައި ފާޙިޝް ކަންތައްތައް ފެތުރި ޢާންމުވުމަކީ އެ ތަނަކަށް ﷲގެ ކޯފާ އަންނާނޭ ސަބަބެއް ކަމަށެވެ. އަދި، އަދުގެ މުޖުތަމަޢުތަކުގައި ފާޙިޝް ކަންތައްތައް ފެތުރުމުގެ އެންމެ ބޮޑު ދައުރެއް އަދާކުރަނީ މީސްމީޑިއާގެ ވަސީލަތްތައް ކަމަށެވެ. އެގޮތުން، ނޫސް މަޖައްލާތަކާއި، ޓީވީތަކާއި، ރޭޑިޔޯތަކާއި، އިޖުތިމާޢީ އެކިއެކި މަންސަތައް މެދުވެރިކޮށް މިކަންކަން ފެތުރުމަށް މަސައްކަތްކުރަމުންދާ ކަމަށް ވެސް ޚުޠުބާގައި ވަނީ ބުނެފައެވެ.
"އެއްވެސް ލަދެއްނެތި، ދުވާލެއް ރޭގަނޑެއް ބެލުމެއްނެތި، ހިތުހުރިހައި ވާހަކަތަކާއި، އޯޑިއޯތަކާއި ވީޑިޔޯތައް، އެ ވިއުގަތަކުގައި ފަތުރަނީ ކުޑަކުދިންނާއި، ޒުވާނުންނާއި، އެންމެހައި އަފުރާދުންނަށް އެއިންލިބިދާނޭ ގެއްލުމާއި ހަލާކަށް ވިސްނައިލުމެއް ފިކުރުކުރުމެއްނެތިއެވެ. ޝަރުޢީ މިންގަޑުތަކަށް ބެލުމެއް ރިޢާޔަތްކުރުމެއްނެތިއެވެ. މި ފަދަ ވަސީލަތްތައް ހިންގާފަރާތްތަކާއި މި ވަސީލަތްތައް ބޭނުންކުރާ ޢާންމު ފަރުދުން މި ކަންކަންކުރަނީ، ފަހެ، އެބައިމީހުންގެ މި ޢަމަލުތަކަށް ﷲ ތަޢާލާ ފާރަވެރިވެ ބައްލަވައިވޮޑިގެންވާކަން ހަނދުމަނެތިހެއްޔެވެ؟ އެ ޢަމަލުތަކާ މެދު ﷲ ތަޢާލާ ޤިޔާމަތް ދުވަހު ސުވާލުކުރައްވާނޭކަން ނޭނގިހެއްޔެވެ؟" ޚުޠުބާގައި ބުންޏެވެ.
މީގެއިތުރުން، ނޫސްމަޖައްލާތަކާއި، ޓީވީތަކާއި، ރޭޑިޔޯތަކާއި އިޖުތިމާޢީ އެކިއެކި މަންސަތަކުގެ މަސްއޫލުވެރީންނާއި އެޑިޓަރުން މިކަންކަމަށް ފަރުވާތެރިވެ، ފާޙިޝް ކަންކަމަށް މަގުފަހިވާ ތަކެތި ފެތުރުމާއި ޢާންމުކުރުމުން ދުރުހެލިވާންޖެހޭ ކަމަށް ޚުޠުބާގައި ވަނީ ބުނެފައެވެ.
އެގޮތުން، ޝަރުޢީ ގޮތުން ހުއްދަނޫން މަންޒަރުތަކާއި އަޑުތައް ނުހިމެނޭ ގޮތަށް، ޝަރުޢީ އިމުގެތެރެއިން މީޑިޔާގެ ވަސީލަތްތައް ބޭނުންކުރުމަށް، އެ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މަގުދައްކައިދީ ނަސޭހަތްތެރިވާންޖެހޭ ކަމަށާއި، އޭނާ އުފުލާންޖެހޭ މަސްއޫލިއްޔަތު ނުއުފުލައި އެ ކަމުން އެއްކިބާވެއްޖެ ނަމަ، އޭނާއަށް ސުވަރުގޭގެ ވަސް ވެސް ނުލިބޭނޭކަން ޚުޠުބާގައި ހަނދާންކޮށްދީފައިވެއެވެ.
ޚުޠުބާ ނިންމާލައްވަމުން ވަނީ، ފާޙިޝް ޢަމަލުތަކާ ދުރުހެލިވެ ރަނގަޅު ތައުބާއަކުން އަވަހަށް ތައުބާވެ، ފާޙިޝް ކަންތައްތަކުން މުޖުތަމަޢު ސަލާމަތްކުރަން މަސައްކަތްކުރާ ލަފާދާރު ޞާލިޙު މީހަކަށްވުމަށް ގޮވާލައިފައެވެ. މާތް ﷲ، އެކަލާނގެ އަޅުތަކުންގެ ކިބައިން އެދިވޮޑިގަންނަވާ ގޮތަކީ އެއީ ކަމަށް ވެސް ޚުޠުބާގައި ބުނެފައިވެއެވެ.