ENGLISH
28 ނޮވެމްބަރު 2025
ހއ. ދިއްދޫ އިސްލާމީ މަރުކަޒު ރަސްމީކޮށް ހުޅުވައިފި
28 ނޮވެމްބަރު 2025
|
ހއ. ދިއްދޫގައި ޒަމާނީ ފެންވަރަށް ބިނާކުރި އިސްލާމީ މަރުކަޒު ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ.
އިސްލާމީ މަރުކަޒު ހުޅުވައިދެއްވީ މިއަދުގެ ހުކުރު ނަމާދުގެ ކުރިން ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ.
ދިއްދޫ އިސްލާމީ މަރުކަޒުގެ މިސްކިތަށް ނަން ދީފައިވަނީ ނޮވެމްބަރު 3 ގެ ޢުދުވާނުގައި ޝަހީދުވެވަޑައިގެންނެވި ހއ. ދިއްދޫއަށް ނިސްބަތްވެލައްވާ ޝަހީދު ޢުމަރު އަޙްމަދުގެ ނަމުންނެވެ.
މަސްޖިދު ޝަހީދު ޢުމަރު އަޙްމަދުގެ ނަމުން މި މިސްކިތަށް ނަންދެއްވީ، ޝަހީދު ޢުމަރު އަޙްމަދަކީ އެ ހަމާލަގައި ޝަހީދުވަޑައިގެންނެވިއިރު މާލެ އިސްލާމީ މަރުކަޒުގެ މުވައްޒަފެއްގެ ގޮތުގައި މަސައްކަތްކުރެއްވި ބޭފުޅަކަށްވީތީ އެކަން ފާހަގަކުރެއްވުމުގެ ގޮތުންނެވެ.
ހއ. ދިއްދޫ އިސްލާމީ މަރުކަޒަކީ ގިނަ ވަސީލަތްތަކަކާއެކު ތަރައްޤީ ކޮށްފައިވާ އިސްލާމީ މަރުކަޒެކެވެ. މި އިސްލާމީ މަރުކަޒުގައި ނަމާދު ކުރާ ބައިގެ އިތުރުން އިސްލާމީ ކުތުބުޚާނާއާއި، ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ އައުޓްރީޗް ސެންޓަރަކާއި މަލްޓިޕާޕޮސް ހޯލަކާއި، އެއް ސެމިނަރ ރޫމް އަދި އިދާރީ އޮފީސް ބައެއް ހިމެނެއެވެ.
ދިއްދޫ އިސްލާމީ މަރުކަޒު ހުޅުވާފައިވަނީ ހުރިހާ ވަސީލަތެއް ޤާއިމްކޮށް ފުރިހަމަ ކުރުމަށްފަހުގައެވެ. އިސްލާމީ މަރުކަޒުގެ ބޭނުން ކުރާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމަށް ލިފްޓުވެސް ވަނީ ހަރުކޮށްފައެވެ.
މި މަޝްރޫޢު ބާރު ދުވެލީގައި ކުރިއަށް ގެންގޮސް ހުޅުވާފައި މިވަނީ އިސްލާމީ ދާއިރާގެ މަޝްރޫޢުތައް ކުރިއަށް ގެންދެވުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި އަދުގެ ސަރުކާރުން ޚާއްސަ އިސްކަމެއް ދީގެން ކުރަމުންދާ މަސައްކަތުގެ ތެރެއިންނެވެ.