ENGLISH

28 ނޮވެމްބަރު 2025

Advertisement

ރައީސްގެ ބައްދަލުވުމުގައި ކުރާ ސުވާލުތައް ހުށަހަޅާކަށް ނުޖެހޭނެ، ފަތުރަނީ ބޮޑު ދޮގެއް

28 ނޮވެމްބަރު 2025

|

ޝިފްޒާން އަޙްމަދު

މައްޗަންގޮޅި ރައްޔިތުންނާ ރައީސް ބައްދަލުކުރެއްވުން

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދެވުމަށް ބާއްވަވާ ރައްޔިތުންގެ ބައްދަލުވުންތަކުގައި ކުރާ ސުވާލުތައް ކުރިއާލާ ހުށަހަޅަންޖެހޭކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ. 

މިފަދައިން ހީނާ ވިދާޅުވިއިރު ރައީސް މާލޭ ސަރަހައްދުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބާއްވަވަމުންދާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ކުރިއަށް ހުރި ބައްދަލުވުންތަކުގައި ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތައް ކުރިއާލައި ހުށަހަޅަންޖެހޭކަމަށް ބައެއް އިދިކޮޅު ފަރާތްތަކުން އަންނަނީ ތުހުމަތުކުރަމުންނެވެ. 

އެ ތުހުމަތުތައް ދޮގުކުރައްވައި އެކްސްގައި ޝާއިއުކުރެއްވި ޕޯސްޓެއްގައި ހީނާ ވިދާޅުވީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ބާއްވަވާ ބައްދަލުވުންތަކުގައި، ސުވާލުކުރަން އެދޭ ފަރާތްތަކުން އެ ބައްދަލުވުންތަކުގެ ކުރިން ސުވާލު ނުވަތަ ހިޔާލު ހުށަހަޅަންޖެހޭކަމަށް ބުނެ ފަތުރަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ. 

އިތުރަށް ހީނާ ވިދާޅުވީ މީގެ ކުރިން ބޭއްވި އެފަދަ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެންނެވި ކޮންމެ ބޭފުޅަކަށްވެސް އެ ބޭފުޅަކު ބޭނުންފުޅުވާ ވާހަކަފުޅެއް ދެއްކެވުމަށް ރައީސް ފުރުސަތު ދެއްވި ކަމަށެވެ. އަދި ކުރިއަށްހުރި ބައްދަލުވުންތައްވެސް ކުރިއަށްގެންދަވާނީ އެގޮތަށް މިނިވަންކަމާއެކު ހިޔާލު ފާޅުކުރުމަށް ފުުރުސަތު ދެއްވައިގެން ކަމަށް ހީނާ ވިދާޅުވިއެވެ. 

ހީނާ އެކްސްގައި ކުރެއްވި ޕޯސްޓު ނިންމަވައިލެއްވީ މި ބައްދަލުވުންތަކުގައި ރައީސާ ސުވާލުކުރައްވަަން އެދިވަޑައިގަންނަވާ އެއްވެސް ބޭފުޅަކު ހިޔާލު ނުވަތަ ސުވާލު އެއްވެސް ފަރާތަކާ ހިއްސާކުރައްވަން ޖެހިވަޑައިނުގަންނަވާނެ ކަމުގެ ޔަގީންކަން ދެއްވަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު