ENGLISH

27 ނޮވެމްބަރު 2025

Advertisement

ކައުންސިލުގެ އެއްބާރުލުން ނުލިބުމުން ތުޅާދޫ 100 ހައުސިން ޔުނިޓު ހަވާލުކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީއަށް

27 ނޮވެމްބަރު 2025

|

ޝިފްޒާން އަޙްމަދު

ތުޅާދޫގައި އަޅާފައިވާ ހައުސިން ޔުނިޓެއް

ތުޅާދޫގައި ސަރުކާރުން އިމާރާތްކުރި 100 ހައުސިން ޔުނިޓު ހައްގުވެރިންނަށް ދިނުމުގެ މަސައްކަތުގައި އެ ރަށު ކައުންސިލުގެ އެއްބާރުލުން ނުލިބުމާ ގުޅިގެން އެ މަސައްކަތް ސީދާ ހައުސިން މިނިސްޓްރީން ކުރާ ގޮތަށް ނިންމައިފިއެވެ. 

މި މައްސަލައިގެ ތަފުސީލުތައް ދިނުމުގެ ގޮތުން އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ހައުސިން ޔުނިޓުތައް ބޭނުންވާ ފަރާތްތަކުން ހުށަހަޅާ ފޯމުތައް އިވެލުއޭޓުކޮށް، ހައުސިން ޔުނިޓުތައް ހަވާލުކުރުމުގެ މަސައްކަަތް ކުރީ ސަރުކާރުގައި އެއިރުގެ ހައުސިން މިނިސްޓްރީން ހަވާލުކޮށްފައި އޮތީ ތުޅާދޫ ކައުންސިލާ ކަމުގައެވެ. 

ނަމަވެސް ތުޅާދޫ ކައުންސިލުން އެންމެ ފުރަތަމަ އެކުލަވައިލި އުސޫލަށް އެ ކައުންސިލުން ގެނައި އިސްލާހުތަކަކީ ބާތިލު އިސްލާހުތަކެއް ކަމަށް ކަނޑައަޅައި، އެ އިސްލާހަށް ބިނާކޮށް އޮކްޓޯބަރު 09، 2023 ގައި ތުޅާދޫ ކައުންސިލުގެ އިދާރާއިން ޝާއިއުކުރި ވަގުތީ ލިސްޓަކީ ބާތިލު ލިސްޓެއްކަމަށް ކަނޑައަޅައިދިނުމަށް ހުށަަހެޅި މައްސަލައެއްގައި، ބ.ތުޅާދޫ މެޖިސްޓްރީޓު ކޯތުން އެ އިސްލާހުތަކަކީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާއި ހައުސިން މިނިސްޓްރީގެ ލަފައާ ހިލާފަށް ހެދި އިސްލާހަކަަށްވާތީ ބާތިލު އިސްލާހުތަކެއް ކަމުގައި ކަނޑައަޅާފައިވެއެވެ. އަދި އެ ކޯޓުން އަމުރުކޮށްފައިވަނީ 11 މޭ 2022 ގައި އާއްމުކުރި އުސޫލަށް އަމަލުކުރުމަށެވެ. 

ކޯޓުގެ ހުކުމް އިސްތިއުނާފުކުރުމަށް ސެޕްޓެންބަރު 11، 2024 ވަނަ ދުވަހު ތުޅާދޫ ކައުންސިލުން ނިންމުމަށްފަހު، ޖެހިގެންއައި އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަހު އިސްތިއުނާފުނުކުރުމަށް ނިންމިއެވެ. އަދި ކޯޓުގެ ނިންމުން ކައުންސިލުން އިސްތިއުނާފުކޮށްފައި ނުވަނީސް އިސްތިއުނާފުގެ މުހުލަތު ހަމަވެ، އެ ނިންމުމަކީ ނިހާއީ ނިންމުމަކަށް ބަދަލުވެފައިވެއެވެ. 

މިނިސްޓްރީން ބުނީ ކައުންސިލުން އުސޫލަށް ގެނައި އިސްލާހުތަކަކީ ބާތިލު އިސްލާހުތަކެއްކަމަަށް ކޯޓުން ކަނޑައެޅި ނިންމުން ނިހާއީ ހުކުމަކަށްވެ،  11 މެއި 2022 ގައި އާއްމުކުރި އުސޫލަށް އަމަލުކުރުން ލާޒިމުވުމާ ގުޅިގެން 21 ޖުލައި 222 ވަނަ ދުވަހުގެ ނިޔަލަށް ކައުންސިލަށް ހުށަަހެޅި ފޯމުތައް އިވެލުއޭޓުކުރުމަށް މިނިސްޓްރީން އަންގާފައިވާ ކަމަށެވެ. 

މިނިސްޓްރީން އިތުރަށް ފާހަގަކުރީ 2022 ވަނަ އަހަރު ޝާއިއުކުރި އުސޫލަށް ގެނައި އިސްލާހުތަކާ ގުޅިގެން ކޯޓުތަކަށް ގިނަ މައްސަލަތަކެއް ހުށަހެޅިފައި އޮތުމުން، ތުޅާދޫ ހައުސިން ޔުނިޓުތައް ހަވާލުކުރުން ވަރަށް ބޮޑަށް ލަސްވެފައިވާ ކަމެވެ. މިނިސްޓްރީން ބުނެފައިވާ ގޮތުން ގިނައިން ކޯޓުތަކަށް ހުށަހެޅިފައި ހުރީ ފޯމުތައް އެވެލުއޭޓުކުރުމުގައި އުސޫލާއި މިނިސްޓްރީގެ ލަފައާއި އިރުޝާދާ ހިލާފަށް އަމަލުކުރި މައްސަލަތައް ކަމަށެވެ. 

އެކަންކމަަށް ރިއާޔަތްކޮށް ތުޅާދޫގައި އަޅާފައިވާ 100 ހައުސިން ޔުނިޓު ދިނުމަށް ކައުންސިލުން 18 ސެޕްޓެންބަރު 2025 ގައި ނެރުނު ދާއިމީ ލިސްޓު ބާތިލުކޮށް، ކޯޓުގެ ހުކުމާ އެއްގޮތަށް މެއި، 11 2022 ގައި އާއްމުކުރި އުސޫލާއި، މިނިސްޓްރީގެ އުސޫލުގައި އަމަލުކުރުން ލާޒިމުކޮށްފައިވާ ކަންކަމަށް ރިއާޔަތްކޮށްގެން އަލުން ފޯމުތައް އިވެލުއޭޓުކޮށް، މިނިސްޓްރީއަށް އަންގައިދިނުމަށް ކައުންސިލުގައި އެދިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ. 

ނަމަވެސް ފާއިތުވި މުއްދަތުގައި ތުޅާދޫ ކައުންސިލުން މި މައްސަލައަށް އެއްވެސް ހައްލެއް ހުށަހަޅާފައިނުވެއެވެ. އަދި މި ޔުނިޓުތައް ވީހާވެސް އަވަހަކަށް ހައްގުވެރިންނަށް ދިނުމަށް ސަރުކާރުން އަމާޒު ހިފާފައި އޮތް ނަމަވެސް، ކައުންސިލުން އަމަލުކުރާ ގޮތުގެ ސަބަބުން އެކަމަށް ހުރަސްއެޅިފައިވާކަމަށް މިނިސްޓްރީން ބުންޏެވެ. 

މިކަމުގެ ސަބަބުން ފުލެޓުތަކުގެ ހައްގުވެރިންނަށް ގެއްލުންވަމުންދަކަމަށާއި، އަދި އެ އިމާރާތް ބޭނުންނުކުރެވި ލަސްވާނަމަ އެތަން ހަލާކުވެ ތަކެއްޗަށް ގެއްލުވުމުގެ ފުރުސަތު ބޮޑުކަން ފާހަގަކޮށް މިނިސްޓްރީން ބުނީ، އެތަންތަަން ހަވާލުކުރުން ލަސްވާނަމަ އިމާރާތްތައް ބަލަަހައްޓައި މަރާމާތުކުރުމަށް ބޮޑު ހަރަދެއްވެސް ކުރަންޖެހި ދައުލަތަށް އިއާދަނުކުރެވޭ މިންވަރުގެ ގެއްލުންވާ ކަމަށެވެ. 

މި ހައުސިން ޔުނިޓުތަކުގެ މައްސަލަ ހައްލުކުރުމުގައި ކުރިއަށްދެވޭނެ އެއްވެސް މަގެއް ތުޅާދޫ ކައުންސިލުން ފަހިކޮށްދީފައިނުވާކަން ފާހަގަކުރަމުން މިނިސްޓްރީން ބުނެފައިވަނީ، ފުލެޓުގެ ހައްގުވެރިން ކަނޑައެޅުމަށް ތުޅާދޫ ކައުންސިލާ މަތިކުރި ޒިންމާއާއި މަސްއޫލިއްޔަތުތައް ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ. އަދި ދެން ހައުސިން ޔުނިޓުތައް ހަވާލުކުރުމުގެ މަސައްކަތްކުރާނީ މިނިސްޓްރީން އެކުލަވާލައި އާއްމުކުރާ އުސޫލާ އެއްގޮތަށް ފޯމު ހުށަހެޅުމުން އިވެލުއޭޓުކުރުމަށްފަހު އެ މިނިސްޓްރީން ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު